ޕީއެންސީން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ވާހަކަދައްކަވަނީ (ފޮޓޯ/ޕީއެންސީ)
ސިޔާސީ ލީޑަރުން ރާއްޖޭގެ ޖީލެެއް ހަލާކުކޮށްލައިފި: ނައިބު ރައީސް
ރާއްޖޭގެ ސިޔާސީ ލީޑަރުން މި ގައުމުގެ ޖީލެއް ހަލާކުކޮށްލާފައިވާ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަަމަށް ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ޕީއެންސީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހުސެން މުހައްމަދު ވިދާޅުވީ ރާއްޖޭގައި މަޝްހޫރު ސިޔާސީ ލީޑަރުންނާއި ނަމުން މަޝްހޫރު އެހެން ބޭފުޅުން ބަލިކުރައްވައި، ރައީސް މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ އެ ސިޔާސީ ލީޑަރުން މާޒީގައި ކަންތައް ކޮށްފައިވާ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހޭތީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ޕީއެންސީއަށް ރައްޔިތުން ދިނީ އެ ސިޔާސީ ލީޑަރުން ރައްޔިތުންގެ ތެރޭގައި ފިތުނަ އާއި ރުޅިވެރިކަން ފަތުރަން، މާޒީގައި ކުރި ކަންތައް ތަކުރާރު ކުރުމުން ކަމަށެވެ.
ބުނީ ކީކޭ؟ - "އެހެންނަމަވެސް ރައްޔިތުން ބުނީ އަނެއްކާވެސް ނޫނެކޭ، ތިމަންނަމެން ބޭނުމެއް ނޫނޭ މާޒީ އިއާދަކުރާކަށެއް، އެއީ މާޒީން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޖީލެއް ހަލާކުކޮށްލާފައޭ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެ ތިބީ،" ހުސެން މުހައްމަދު ވިދާޅުވި އެވެ.
އަދި އެކަމުގެ ހިތި ނަތީޖާ މިއަދު ވެސް ދިވެހި މުޖުތަމައުން ފެންނަމުންދާ ކަމަށާއި އިޖުތިމާއި ބޮޑެތި މައްސަލަތައް ގިނަވެފައިވަނީ އެހެންވެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން އަޅުގަނޑުމެންގެ އިސްކޮށް ތިއްބެވި ލީޑަރުން މިދިޔަ މާޒީވި ދުވަސްތަކުގައި، ތާރީހުން ވެސް ހެކި ދޭން އޮތީ، އެ ލީޑަރުން އަޅުގަނޑުމެން ގެންގުޅެފައި ތިބީ، ނޫނީ އެ ލީޑަރުންނަށް ތާއީދުކޮށް އުފެދިފައިވާ ފިކުރުތަކުގައި ގެންގުޅެމުން އައީކީ މިއަދު ރައްޔިތުން ބޭނުންވި ކަންކަން ނޫންކަން ސާފުވެގެން އެބަދޭ މިދާ ކޮންމެ އިންތިހާބަކުން،" ނާއިބު ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން މިއަދު ބޭނުންވަނީ އަމާން ސުލްހަވެރި ގައުމެއް ބިނާވާން."
މި ގައުމު އަމާން ސުލްހަވެރި މުޖުތަމައަކަށް ހަދަން ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހުސެން މުހައްމަދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން އަރައިރުންވާން ހަދައިގެން މުޅި ރާއްޖޭގައި އަނިޔާވެރިކަން މޫލާފައިވާ ކަމަށެވެ.
ރައްޔިތުންގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފައްދައިގެން އޭގެ ނަތީޖާއަކަށްވީ ދޭދޭ ފަރުދުންގެ މެދުގަ އާއި ޕާޓީ ނިޒާމުގެ ތެރޭގައި ވެސް ތަޅާފޮޅުން ހިންގުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގާނޫނީ މުއައްސަސާތައް ނެރެގެން ވިޔަސް އަޅުގަނޑުމެން އަނިޔާކުރުން، މިހެން ގޮސްފައި އަނިޔާވެރިކަން އޮތީ މުޅި ރާއްޖޭގައި ފޫލައި، މޫލާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ވެރިކަމާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވިއިރު ގާނޫނީ ގޮތުން ބާރުވެރި ހުރިހާ މުއައްސަސާއެއް އޮތި "ޕެރެލައިޒްވެފައި" ކަމަށާއި ރައްޔިތުން އޮތީ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފަ ކަމަށެވެ.