ތިނަދޫ އާއި ކުޅުދުއްފުށީގައި އާ ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މިދިޔަ އޮގަސްޓުގައި ސޮއިކުރުން (ފައިލް ފޮޓޯ/ހެލްތު މިނިސްޓްރީ)

ސިއްހަތު

ކުރީ ސަރުކާރުން ބޭނުންވީ ތިނަދޫގެ ބިލިއަނެއްހާ ރުފިޔާގެ ހޮސްޕިޓަލް ބޭކާރުކޮށްލަން: ހަލީލް

ހަލީލް ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލް އަޅަން އާ އިމާރާތެއްގެ ކުރެހުންތައް ވެސް ކުރަހާފައިވާ ކަމަށް؛ އާ އިމާރާތެއް އަޅައި މިހާރު ހުރި ތަން ބޭކާރުކޮށްލާނީތޯއާ މެދު ރަށުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި
6 އޯގަސްޓު 2024

މިދިޔަ އެމްޑީޕީ ސަރުކާރުން ބޭނުންވީ ގދ. ތިނަދޫގައި ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އަޅާފައި ހުރި ހޮސްޕިޓަލް އިމާރާތް ބޭކާރުކޮށްލަން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ، ތިނަދޫގައި ހޮސްޕިޓަލެއް އަޅަން މިދިޔަ ސަރުކާރުން އެގްރީމަންޓެއްގައި ސޮއިކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެނގުން މުހިންމު - ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން، 38 މިލިއަން ޑޮލަރު (585 މިލިއަން ރުފިޔާ)އަށް ޗައިނާގެ ކުންފުންޏަކާ މިދިޔަ އޮގަސްޓު މަހު ހަވާލުކޮށްފައިވެ އެވެ.

ތަފްސީލް - ހަލީލް މިއަދު ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލް އަޅަން އާ އިމާރާތެއްގެ ކުރެހުންތައް ވެސް ކުރަހާފައިވާ ކަމަށެވެ. އަދި އާ އިމާރާތެއް އަޅައި އެތަން ބޭކާރުކޮށްލާނީތޯއާ މެދު ރަށުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން ރާވާފައި އޮތީ ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައި ހުރި ފެސިލިޓީ ދޫކޮށްލުމަށް ފަހު މުޅިން އާ ތަނަކަށް ދާން. އެކަމަކު އަނެއްކާވެސް މިދިމާވާ މައްސަލައަކީ އެ ތަނުގައި އެބަހުރި ވަރަށް ފަހުން، ވަރަށް ފަހުން އިމާރާތްކޮށް ނިންމާފައި ހުރި އިމާރާތްތަކާއި ވަރަށް ފަހުން ގާއިމްކޮށްފައި ހުރި ބައެއް ހިދުމަތްތައް އެބަހުރި،" ހަލީލް ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެން އުފައްދަން ޖެހޭ ސުވާލަކީ ބިލިއަނެއްހާ ރުފިޔާ ބޭކާރުކޮށްލާއިރު، މިއީ ރައްޔިތުންގެ ފައިސާ، އެކަން އަޅުގަނޑުމެން ކުރާނީތޯ. އެކަން ކޮށްފައި އެ ތަން ބޭކާރު ތަނަކަށް ހަދާނީތޯ ނޫނީ އަނެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައި އާ ހޮސްޕިޓަލަކާ ދިމާލަށް ދާނީތޯ."

ހަލީލް ވިދާޅުވީ އެ ހޮސްޕިޓަލަށް ބިން ފާހަގަކުރުމަށް ފަހު، އެ ބިމަށް ފެތޭ ގޮތަށް އިމާރާތް ޑިޒައިން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އޭނާ އެވެ.

ހަލީލް ވިދާޅުވީ:

  • ފައިސާ ހަމަޖެހިއްޖެ ނަމަ، މި އަހަރުގެ ފަހުކޮޅު އެ އިމާރާތުގެ މަސައްކަތް ފެށުމުގެ ފުރުސަތު އެބައޮތް

  • ޔަގީނުން ވެސް އަންނަ އަހަރު ފެށޭނެ

އެ ހޮސްޕިޓަލުގެ އެއްބަސްވުމާ ގުޅޭ ގޮތުން ހަލީލު ވިދާޅުވީ އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ އެއީ ވެސް ރައްޔިތުންނަށް އޮޅޭ ގޮތަށް ކޮށްފައި އޮތް ކަމެއް. އޮތީ އެމްއޯޔޫގައި ސޮއިކޮށްފައި، އެމްއޯޔޫއަކީ އޭގައި ސޮއިކުރުމަށް ފަހު ތަފްސީލީ މައުލޫމާތު ހޯދައި އޭގެ މައްޗަށް ކުރެހުންތައް ތައްޔާރުކުރަމުންދަނީ އާންމުކޮށް، ބަހައްޓާނީ ކޮން ހިދުމަތްތަކެއްތޯ، އަގު ކިހާ ވަރަކަށް ދާނީތޯ، ކުރެހުން އޮންނާނީ ކޮން ގޮތަކަށްތޯ މި މަސައްކަތް ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް