ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި(ފައިލް ފޮޓޯ/ މަޖިލިސް)
އޮންލައިންކޮށް ހިންގާ ކުށްތައް ހުއްޓުވަން ގާނޫނުތައް އިސްލާހުކުރަން ޖެހޭ: ޕީޖީ އޮފީސް
ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކޮށްގެން ކާކުކަން ނޭނގޭ ގޮތަށް ހިންގާ ސައިބަ ކްރައިމްއާ ގުޅޭ ކުށްތައް ހުށްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސައިބާ ކްރައިމްއާ ގުޅޭ ބިލުތަކުގެ އިސްލާހުތައް ވީހާވެސް އަވަހަށް ފާސްކުރުން މުހިންމު ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސައިބާ ކްރައިމްއާ ގުޅޭ ތިން ބިލު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިހާރު ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ:
-
1-
ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
-
2-
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
-
3-
ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މި ތިން ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ތަފްސީލުތައް ހިއްސާކުރުމަށް ޕީޖީ އޮފީހުން މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީގައި އޮންލައިންކޮށް ބައިވެރިވެ މައުލޫމާތު ހިއްސާކޮށްފަ އެވެ. ޕްރެޒެންޓޭޝަންގެ ޒަރިއްޔާއިން މި މައުލޫމާތުތައް ހިއްސާކުރަން ޕީޖީ އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ނައުފަލް އެވެ.
ތަފްސީލް - ސައިބާ ކްރައިމް ހުއްޓުވުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅާފައިވާ މައިގަނޑު ސަބަބެއް ކަމަށް ނައުފަލް ވިދާޅުވީ މިހާރު ގާނޫނުތައް އޮތްގޮތުން ސައިބާ ކްރައިމްއާ ގުޅޭ ކުށްތަކުގެ ތަހުގީގުތަކަށް ރާއްޖެއިން ބޭރުން އިލެކްޓްރޯނިކް ހެކި ހޯދަން ދަތިވުމާއި އެފަދަ ހެކިތަކުގެ މުހިންމުކަން މައްސަލަތަކުގައި އިތުރުވަމުން ދާތީ އެވެ.
"އެއީ މަސްތުވާތަކެތީގެ މައްސަަލަތަކުގައި ކަމުގައި ވިޔަސް، ބްލެކްމެއިލްއިންގެ މައްސަލަތައް ކަމުގައި ވިޔަސް، ވަރަށް ގިނައިން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި، އެއީ ފޭސްބުކްގައި ވީނަމަވެސް، ގޫގަލް ކަމުގައި ވީނަމަވެސް ބޭނުންކޮށްގެން އެބަ މުއާމަލާތުކުރޭ. އެގޮތުން އެ މައްސަލަތަކަށް ބޭނުންވާ ހެކިތައް މިހުންނަނީ ރާއްޖެއިން ބޭރުގެ ސާވިސް ޕްރޮވައިޑަރުން އަތުގައި. ވަރަށް ގިނަ މައްސަލަތަކުގައި މިހެން ހުންނަ ހެކިތައް އަޅުގަނޑުމެންނަކަށް ނުއެއްލިބޭ،" ނައުފަލް ވިދާޅުވި އެވެ.
އެ ހެކިތައް ރާއްޖެއިން ބޭރުގެ ސާވިސް ޕްރޮވައިޑަރުން އަތުން ހޯދަން ދަތިވާ ސަބަބެއް ކަމަށް ނައުފަލް ފާހަގަކުރެއްވީ 'ބުޑަޕެސްޓް ކޮންވެންޝަން އޮން ސައިބާ ކްރައިމް'ގައި ރާއްޖެ ބައިވެރިވެފައި ނުވާތީ އެވެ.
ނައުފަލް ވިދާޅުވި ގޮތުން މި ކޮންވެންޝަންގައި މިވަގުތު ރާއްޖެއިން ބައިވެރިނުވެ އޮތީ:
-
ރާއްޖޭގައި މިވަގުތު އަމަލުކުރަމުންދާ ސައިބާ ކްރައިމްއާ ގުޅޭ ގާނޫނުތަކުގައި އެ ކޮންވެންޝަންގައި ލާޒިމުކުރާ ބައެއް ކަންކަން ފުރިހަމަވެފައި ނުވާތީ
-
މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި އެކަންކަން ހިމަނާފައިވާނެ؛ ކޮންވެންޝަންގައި ބައިވެރިވެވޭނީ މި އިސްލާހުތައް ފާސްވެގެން
-
މި ގާނޫނުތަކަށް އިސްލާހު ހުށަހެޅުމާއެކު ކޮންވެންޝަންގައި ބައިވެރިވުމަށް އެދެވޭނެ، އެކަމަކު ރާއްޖެއިން އިހުތިޔާރުކޮށްފައި އޮތީ ގާނޫނީ ނިޒާމުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ބައިވެރިވުމަށް އެދެން
-
އިލެކްޓްރޯނިކް ހެކި އެންމެ ގިނައިން ލިބެން ހުންނަ ގައުމުތަކަކީ މި ކޮންވެންޝަންތަކުގައި ބައިވެރިވެފައިވާ ގައުމުތަކެއް
"އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ރާއްޖެއިން ބޭރުން މިބާވަތުގެ ހެކި ނުހޯދާ މި ބާވަތުގެ މައްސަލަތައް ކުރިއަށް ގެންދަން ވަރަށް ދަތިކަމަށް. ހާއްސަކޮށް ފާހަގަކުރެވޭ ބްލެކްމެއިލް ފަދަ މައްސަލަތަކުގައި ވަރަށް ގިނަ މައްސަލަތައް ފުލުހުން ފައިލް ކުރަން އެބަޖެހޭ އެ މައްސަލަތަކާ ގުޅޭ އިތުރު ހެކި ހޯދޭނެ ގޮތެއް ނެތީމަ،" ނައުފަލް ވިދާޅުވި އެވެ.
"އެއީ ފޭސްބުކް އެކައުންޓަކުން ފޮނުވާފައި އެޔާ ގުޅޭ ކޮންޓެންޓް ހޯދަން ދެން އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތެއް ނެތީމާ. އެއީ ކާކު ފޮނުވި އެއްޗެއްކަން ނޭނގި މައްސަލަތައް ފައިލްކުރަން އެބަޖެހޭ."
ނައުފަލް އިތުރަށް ފާހަގަކުރެއްވި ގޮތުން:
-
ސައިބާ ކްރައިމްގެ އަމަލުތަކަކީ ރާއްޖޭގައި ޖިނާއީ ކުށަކަށް ނުވާތީ މިހާރު އޮތް ގާނޫނުލްއުގޫބާތުގެ ކުށްތަކުގެ ތެރެއަށް ފައްތަން އުނދަގޫ
-
މިހާރު ޖިނާއީ އިޖުރާއަތު ގާނޫނު އޮތްގޮތުން ރާއްޖޭގައި ހުންނަ އެލެކްޓްރޯނިކް ހެކި ހޯދުމަށް ވެސް ފަންނީ އަދި ގާނޫނީ ހުރަސްތަކެއް އެބަހުރި
-
ތަހުގީގުތަކަށް ހޯދަން ބޭނުންވާ ފޯން ނަންބަރުގެ މައުލޫމާތު ނުވަތަ ސްބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ހޯދުމަށް ވެސް މިވަގުތު ގާނޫނު އޮތްގޮތުން ހުރަސްތަކެއް އެބަހުރި
-
ގާނޫނުތައް އިސްލާހުކޮށް ބުޑަފެސްޓް ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމުން ކޯޓު އަމުރެއްނެތި ވެސް މި މައުލޫމާތު ބޭރުގެ ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ހޯދަން ފަސޭހަވާނެ
-
ޑޭޓާ ރިޓެއިން ކުރަން ސާވިސް ޕްރޮވައިޑަރުންނަށް މިހާރު ގާނޫނުގައި ލާޒިމުކޮށްފައި ނުވާތީ ތަހުގީގުތަކާ ގުޅިގެން ބޭނުންވާ މައުލޫމާތު ހޯދަން ދާއިރު އެ މައުލޫމާތު ބައެއް ފަހަރު ލިބެން ނުހުރުމުގެ ދަތިކަން ކުރިމަތިވޭ؛ އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިކަން ލާޒިމުކުރަން މިހާރު ހުށަހަޅާފައިވާނެ
ނައުފަލް އިތުރަށް ވިދާޅުވީ ސައިބާ ކްރައިމްއާ ގުޅޭގޮތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލުތަކަކީ މަޖިލީހުގެ މިދިޔަ ދައުރަށް ވެސް ހުށަހެޅި ކަންކަމެވެ. މި އިސްލާހުތައް ގެންނަން ވާހަކަ ދައްކާތާ ގިނަ އަހަރުތަކެއްވެފައިވާކަން ފާހަގަކުރައްވައި ނައުފަލް ވިދާޅުވީ ތަހުގީގުގެ ބޭނުމަށް މައުލޫމާތު ރައްކާކޮށްފައި ބެހެއްޓޭނެ ގޮތެއް ރާއްޖޭގައި ނެތުމަކީ ގައުމީ ސަލާމަތައް ވެސް ހުރި ނުރައްކަލެއްގެ ގޮތުގައި 241 ކޮމިޓީގައި ވެސް މީގެ ކުރިން ފާހަގަކޮށްފައިވާނެ ކަމަށެވެ.
އެހެން ގައުމުތަކުގައި މިކަން ކުރާގޮތުގެ މިސާލު ނަންގަވަމުން ނައުފަލް ވިދާޅުވީ ރާއްޖެއަށް ވުރެ ކުޑަ، ކެރީބިއަންގެ ގައުމުތަކުގައި ވެސް އިލެކްޓްރޯނިކް މުއާމަލާތްތަކުގެ މައުލޫމާތު ރައްކާކޮށްފައި ބަހައްޓައި އެ މައުލޫމާތު ނަގައިގެން ފުލުހުންގެ ތަހުގީގުތަކަށް މައުލޫމާތު ފޯރުކޮށްދޭ ކަމަށެވެ.
"އެހެންވީމާ ސާވިސް ޕްރޮވައިޑަރުންނަށް ކޮންމެވެސް ކަަހަލާގެ ތަކުލީފެއް، އެއީ ފައިސާގެ ގޮތުން ކޮންމެވެސް ވަރެއް ހަރަދުކުރަން ޖެހުނު ކަމަކަށް ވިޔަސް މީގެ އެތައް އަހަރެއް ކުރިން ވެސް ކުރަންޖެހިފައި އޮތް ކަމެއް މިއީ،" ނައުފަލް ވިދާޅުވި އެވެ.
"އެ ބުރަ މިހާރު އުފުލަން އެބަޖެހޭ. އެގޮތަށް އެކަން ނުކޮށްފި ނަމަ ކުރިން މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް މިހާރު މިލިބޭ ޗައިލްޑް އެބިއުސް ފަދަ މެޓީރިއަލްތައް ފައިލްކޮށްލާފައި ބަހައްޓަން މިޖެހެނީ. އެއީ ކާކު ކުރާ ކަމެއްކަން ދެނެނުގަނެވޭތީ."