ރާއްޖޭގައި ބާއްވާ ތިން ވަނަ ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކުރުން (ފޮޓޯ/ ދިރާގު)
މި އަހަރުގެ ބޮޑީބޯޑިން ވޯލްޑް ޓުއާ ޕާޓްނަރަކަށް ވެސް ދިރާގު
ރާއްޖޭގައި ބާއްވާ ތިން ވަނަ ވިޒިޓް މޯލްޑިވްސް ޕްރޯ - ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޕާޓްނަރުގެ ގޮތުގައި މި އަހަރު ވެސް ދިރާގުން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އިންޓަނޭޝަަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) އާއި ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަން ގުޅިގެން ބާއްވާ މި އިވެންޓަކީ، އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ ސީރީޒްގެ ތެރެއިން ރާއްޖޭގައި ބާއްވާ ތިން ވަނަ މުބާރާތެވެ. މިދިޔަ ދެ މުބާރާތުގެ ޕާޓްނަރަކީ ވެސް ދިރާގެވެ.
އެނގުން މުހިއްމު - މި އަހަރުގެ އިވެންޓް އޮންނާނީ 1-9 އޮގަސްޓްއަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގަ އެވެ.
ބުނީ ކީކޭ؟ - "އަނެއްކާވެސް ވިޒިޓް މޯލްޑިވްސް ޕްރޯ 2024 - ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މި އިވެންޓަށް ސަޕޯޓް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ ޑިރެކްޓަަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވި އެވެ.
އިންޓަނޭޝަނަލް މި އިވެންޓް ބާއްވަން ދިރާގުން ދޭ އެހީތެރިކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އިން ޝުކުރު އަދާކުރި އެވެ.
"ދިރާގުން ފޯރުކޮށްދިން ޑިޖިޓަލް އެހީތެރިކަމާއި މަތީ ފެންވަރުގެ ހިދުމަތްތަކާ ނުލާ މިދިޔަ ދެ އިވެންޓު އެހާ ކާމިޔާބުކަމާ އެއްކޮށް ނުގެންދެވުނީސް. އެކަމުގެ ސަބަބުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ވެސް ރާއްޖެއަކީ ކޮމްޕެޓިޓިވް ބޮޑީބޯޑިންއަށް މަގުބޫލު މަންޒިލެއްގެ ގޮތުގައި ގާއިމްވެގެންދިޔަ،" އެމްބީބީއޭގެ ރައީސް ހުސެން ނިޒާމް ވިދާޅުވި އެވެ.