ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ)ގައި ފެހުރިއްސަކާ އެކު މީހަކު ސްނޯކަލް ކުރަނީ.
އަރި އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދު ޑިސެމްބަރުގައި އީޕީއޭއިން ބަލަހައްޓަން ފަށާނެ: ތޯރިގު
އދ. އަތޮޅުގައި ހިމާޔަތްކޮށްފައި އޮންނަ މަޝްހޫރު ފެހުރިހި ފެންނަ ސަރަހައްދުކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) މި އަހަރު ޑިސެމްބަރުގައި ރަސްމީ ގޮތުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބަލަހައްޓަން ފަށާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފެނަކައިން ބ. ކެންދޫގައި އަޅަން ފަށާފައިވާ އިންޖީނުގޭގެ މަސައްކަތް ނިންމޭނެ ތާރީހަކާ ބެހޭގޮތުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް، ތޯރިގް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި އެވެ. އަދި އޭގެ އިތުރުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ވެސް ޖަވާބުދެއްވި އެވެ.
އެގޮތުން، ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު ސުވާލުކުރެއްވީ:
-
އަރި އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދާ ބެހޭގޮތުން އީޕީއޭއިން އެއްވެސް ގަވައިދެއް ހަދާފައިވޭތޯ އަދި ނުހަދާ ނަމަ އެކަން ކުރެވޭނީ ކިހާ ހިސާބަކުތޯ
-
އަދި އެކަން ކުރާ އިރު ގެސްޓްހައުސް އާއި ސަފާރީތައް ފަދަ ކުދި ވިޔަފާރިތަކަށް އެތަނުން ނަފާ ހޯދުމުގެ ފުރުސަތު ލިބޭ ގޮތަށް އެކަން ކުރަން އަބްދުﷲ ރަޝީދު އެދިވަޑައިގެންނެވި
ބުނީ ކީކޭ؟ - "ސަމްޕާ ރީޖަންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު، ޑިސެމްބަރު މަހުގެ ތެރޭގައި، އީޕީއޭ އިން ރަސްމީކޮށް މެނޭޖުކުރަން ފައްޓާނެ،" ތޯރިގް ވިދާޅުވި އެވެ.
އެކަމާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
އެނގުން މުހިއްމު - ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ އަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމެ ބޮޑު އެއް ސަރަހައްދެވެ. އެއީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ފެހުރިހި ފެންނަ ސަރަހައްދުތަކުގެ ތެރޭގައި މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ ތަނެކެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ސަމްޕާ ގެޒެޓުކޮށްފައިވަނީ 2009ގަ އެވެ. ނަމަވެސް، މިހާތަނަށް އެތަން މެނޭޖުކޮށް، މޮނިޓާކޮށް، ބަލަހައްޓާނެ ގޮތުގެ ޕްލޭނެއް އަދި ގަވައިދެއް ވެސް ހަދާފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދު ރަނގަޅަށް ނުބެލެހެއްޓޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.