އެންވަޔަރަމެންޓް އަދި އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

ކަރަންޓު

ރަށްރަށުގައި ކަރަންޓު ވޯލްޓޭޖު ދަށްވަނީ ނެޓްވޯކްތައް ޑިޒައިންކޮށްފައި ހުރި ގޮތުން: ތޯރިގު

އެ މައްސަލައިގެ ސަބަބުން ކަރަންޓު ސާމާނަށް ގެއްލުން ލިބި ހަލާކުވާން މެދުވެރިވޭ. އެނާޖީ މިނިސްޓަރު ވިދާޅުވީ ހައްލަކީ އެ ރަށްރަށުގެ ކަރަންޓުގެ ނިޒާމުތައް އަލުން ޑިޒައިން ކުރުން ކަމަށާއި އެ މަސައްކަތް ކުރަމުންދާ ކަމަށް

ރާއްޖޭގެ އެކި ރަށްރަށުގައި ވޯލްޓޭޖް ޑްރޮޕް ނުވަތަ ވޯލްޓޭޖް ދަށްވުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޔުޓިލިޓީގެ ހިދުމަތްތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ މިނިސްޓަރުގެ ހައިސިއްޔަތުން، ފެނަކައިން ބ. ކެންދޫގައި އަޅަން ފަށާފައިވާ އިންޖީނުގޭގެ މަސައްކަތް ނިންމޭނެ ތާރީހާ ބެހޭގޮތުން ކެންދާ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން ތޯރިގު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ.

އެ ސުވާލުގެ އިތުރުން ވެސް، ރަށްރަށުގެ އިންޖީނުގެތަކާއި ކަރަންޓުގެ މައްސަލަތަކާ ގުޅޭގޮތުން މެމްބަރުން ސުވާލުތައް ކުރިމަތިކުރުވާ، ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން، ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާން އަބޫބަކުރު އެދިވަޑައިގެންނެވީ ތުޅާދޫ އިންޖީނުގޭން ދޫކުރާ ކަރަންޓުގެ ވޯލްޓޭޖް ދަށްވުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށެވެ.

ތަފްސީލް - އެ ސުވާލުގެ ޖަވާބުގައި ތޯރިގު ވިދާޅުވީ، ތުޅާދޫގެ އިތުރުން ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ވޯލްޓޭޖް ދަށްވުމުގެ މައްސަލަ އުޅޭ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ފެނަކަ އާއި މިނިސްޓްރީ ގުޅިގެން އެ ރަށްރަށުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެނގުން މުހިއްމު - ކަރަންޓުގެ ވޯލްޓޭޖް ދަށްވުމުގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކުގެ ތެރޭގައި:

  • ބައެއް ކަރަންޓު ސާމާނުގެ މޯޓަރު ސްޓާޓް ނުވުން

  • މަގު ބައްތިތަކުގެ އަލި ގަދަވެ މަޑުވުން، ބޮކިތައް ނިވިދިއްލުން

  • ކަރަންޓު ސާމާނުގެ ފިޔުޒު އަނދައި ބްރޭކަރު ވެއްޓުން ފަދަ ކަންކަން ދިމާވުން

  • މޯޓަރުގެ ދޮންބޮޑުވެ، ތަކެތީގެ އުމުރު ކުރުވާން މެދުވެރިވުން އަދި ހޫނު އުފައްދާ ކަރަންޓު ސާމާނާއި ބޮކި ހޮޅިބުރި ފަދަ ތަކެތި އަވަހަށް ހަލާކުވުން

ވޯލްޓޭޖް ދަށްވުމުގެ ސަބަބުން ކަރަންޓު ބިލަށް އަސަރެއް ނުކުރާނެ އެވެ.

ބުނީ ކީކޭ - "ވޭތުވެދިޔަ އަހަރުތަކުގައި، ހާއްސަކޮށް މިދިޔަ ސަރުކާރުގައި، ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ނުކުރެވި އަދި ރަށްރަށް އާބާދުވެގެން ދާއިރު ދުރު ހިސާބުތަކަށް ކަރަންޓު ގެންދިޔުމުގައި އެ ރަށްރަށުގެ ނެޓްވޯކް ރަނގަޅަށް ޑިޒައިން ނުކޮށް ހުރުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެއް މިއީ،" ތޯރިގު ވިދާޅުވި އެވެ.

ތުޅާދޫގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއެއް ކުރިއަށްދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ މަޝްރޫއުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ނެޓްވޯކް ރަނގަޅުކޮށް ބެޓެރި ސިސްޓަމް ޖަހާނެ ކަމަށެވެ. ނަމަވެސް ތޯރިގު ވިދާޅުވިގޮތުގައި، މުޅި ރަށަށް ހައްލެއް އަންނާނީ މުޅި ރަށުގެ ކަރަންޓުގެ ނިޒާމް އަލުން ޑިޒައިންކޮށްގެންނެވެ.

އެ މައްސަލަ ދިމާވާ އެހެން ރަށްރަށުގައި ވެސް ޕަވާ ސިސްޓަމް އަލުން ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ އާއި މިދިޔަ ސަރުކާރުގައި ފެނަކައިން އިންޖީނުގެ ހަދަން ފެށި ގިނަ ރަށްތަކެއްގައި އެ މަސައްކަތް ނުނިމި ހުރުމާ ގުޅިގެން ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެ ހުރިހާ މައްސަލަތަކަށް ވެސް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިއަދުގެ ތޯރިގު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް