ނައިބު ރައީސް ހުސެން މުހައްމަދު އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އަލާއެދީން ބުރުޖަރުދީ އާ ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
ނައިބު ރައީސް އީރާނަށް ވަޑައިގަންނަވައިފި
އިރާނުގެ އިންތިހާބީ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް އީރާނަށް ވަޑައިގަންނަވައިފި އެވެ.
ވީ ކިހިނެއް؟ - ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު އެ ގައުމަށް ވަޑައިގަތީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގަ އެވެ.
ތަފްސީލް - ނައިބު ރައީސް ހުސެން މުހައްމަދު ލަތީފަށް އީރާނުގެ އިމާމް ހޮމެއިނީ އިންޓަނޭޝަނަލް އެއާޕޯޓް (އައިކޭއޭ) އިން މަރުހަބާ ދެންނެވީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އަލާއެދީން ބުރުޖަރުދީ އެވެ.
އީރާނުގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ.
އެނގުން މުހިންމު - ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި، އީރާންގެ ރައީސް ސައްޔިދު އިބްރާހީމް ރައީސީ އާއި އިސްވެރިންތަކެއް އަވަހާރަވުމުން، މިމަހުގެ 5ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ޕެޒެޝްކިއަން ކުރި ހޯއްދެވީ %53.3 ވޯޓުންނެވެ. ދެން އޭނާއާ ވާދަކުރެއްވި ސައީދު ޖަލީލީއަށް ލިބިވަޑައިގެންނެވީ %44.3 ވޯޓެވެ.
އުމުރުން 71 އަހަރުގެ ޕެޒެޝްކިއަން އަކީ ހިތުގެ ޑޮކްޓަރެއްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. އޭގެ އިތުރުން:
-
ކުރިން ނިއުކްލިއާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި
-
ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި
-
އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ އީރާންގެ އަންހެނުން ހެދުން އަޅާ ގޮތް މިންގަނޑުތަކަށް ފެތޭތޯ ކަށަވަރު ކުރަން ތިބޭ 'މޯރާލިޓީ ފުލުހުން'ނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި