ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

އެމްޑީޕީ

ގަވަރުނަރު ވަކިކުރުމާ މުޅި ދުނިޔެ ވެސް ދެކޮޅު ހަދާނެ: އެމްޑީޕީ

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަކީ ކޮން ބޭފުޅެއްކަން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ގަވަރުނަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނު މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެއްވި ކަމަށް

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ބަދަލުކުރުމަކީ މުޅި ދުނިޔެއިން ވެސް އެކަމާ ދެކޮޅަށް ދެކޭނެ ކަމެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ޕާޓީގެ ޕީޖީން މިހެން ބުނެފައިވަނީ އެމްއެމްއޭގެ ގަވަރުނަރު ވަކިކުރި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ބުނީ ކީކޭ؟ - އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަކީ ކޮން ބޭފުޅެއްކަން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ގަވަރުނަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަން ފާހަގަކުރައްވާ، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު  އިބްރާހިމް ނާޒިލް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރި ކުރުމަކީ މުޅި ދުނިޔެ ވެސް އެކަމާ ދެކޮޅު ހަދާނެ ކަމެއް ކަމަށެވެ.

"ކޮން ހާލަތެއް، ކިހިނެއް ވެގެންތޯ، އެމްއެމްއޭ އިން ކޮން ގޯސް ކަމެއް ކޮށްގެންތޯ ވަކި ކުރީ؟ ވަކިކުރަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ؟" އޭނާ ސުވާލު އުފެއްދެވި އެވެ.

ނާޒިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • ނިމިދިޔަ ފަސް އަހަރު ތެރޭގައި ގަވަރުނަރު ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ސަރުކާރަށް ދެއްވާ، އެމްއެމްއޭގެ ގާނޫނުގެ ތެރެއިން ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ ކަމެއް ކުރެއްވި

  • އޭރު ވެސް ގަވަރުނަރު މަގާމުން ވަކިކުރަން ބައެއް ބޭފުޅުން ވިދާޅުވި؛ ނަމަވެސް އެމްޑީޕީ ސަރުކާރުން ގަބޫލުކުރީ އެ ބަދަލު ގެނައުމަކީ ހައްލެއް ނޫން ކަމަށް

އަލީ ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަރުހަލާ އަކީ "ރާއްޖޭގެ މަނިޓަރީ ހަޔާތުގައި ވެސް ކަޅު ދުވަސްކޮޅެއް" ކަން ފާހަގަކުރައްވާ، ނާޒިލް ވިދާޅުވީ، އޭނާ އެމަގާމުން ވަކިކުރެއްވީ ސަރުކާރުން ވަކި ކަމެއް ބޭނުންވެފައި އޮތީތީ ކަމަށެވެ.

އަދި ގަވަރުނަރުގެ ފަރާތުން ސަރުކާރަށް އެއްބާރުލުމެއް ނުލިބުނު ވާހަކަ އަދި މިހާރު ގައުމު މިއޮތް ހާލަތުން އަރައިގަތުމަށް އެބޭފުޅާގެ އެއްވެސް ދައުރެއް ނެތް ވާހަކަ މި ސަރުކާރުން ވިދާޅުވި ނަމަވެސް، ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައިވާ ކަންކަމަށް ގަވަރުނަރު އެއްބާރުލުން ދެއްވާފައިވާ ކަން ވެސް ނާޒިލް ފާހަގަކުރެއްވި އެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވެސް ވިދާޅުވީ، މިއީ އެމްއެމްއޭގެ ގަވަރުނަރު ބަދަލުކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށާއި ބޭނުންވާ ނަތީޖާ ނެރެވޭނީ ކަންކަން ކުރުމުގެ ނިޔަތް ރަނގަޅުވެގެން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ އަދި އެއްގޮތަކަށް ވެސް ކަންކަން ރަނގަޅުވެގެންދާ ތަނެއް، ދާ ގޮތެއް ނުފެނޭ. ބަޖެޓަށް އަންނާނެ ލުއިތައް އަޅުގަނޑުމެންނަކަށް އެއްވެސް ހާލެއްގައި ފެނިގެނެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުލްގަފޫރު އިތުރަށް ވިދާޅުވީ ސަރުކާރުން މަސްގަންނަ އަގު ދަށްކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން އަޅަން ޖެހޭ ބައިވަރު ފިޔަވަޅުތައް އެބަހުރި ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ސިޔާސީ މަގާމުތައް 2،000އާ ކައިރިކުރާ އަދަދަކަށް އެބަހުރި؛ އެއީ މިހާލަތުގައި އެއްވެސް ވަރަކަށް ގައުމަށް ބޭނުންވާ ވަރެއް ނޫން

  • އެ މަގާމުތަކަށް މުސާރަ ދިނުމަށްޓަކައި 150 މިލިއަނެއްހާ ރުފިޔާ މަހެއްގެ މައްޗަށް އިތުރުވޭ؛ ދައުލަތުގެ ރިކަރަންޓް ހަރަދު އެހާ ބޮޑުވާ އެއް ސަބަބަކީ އެއީ

  • ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ނޫނީ މިހާރު ކުރިމަތިވެފައި އޮތް މާލީ ހާލަތުން އަރައެއް ނުގަނެވޭވެ

"ދެން ކޮންމެ ކަމެއް މަޖިލީހަށް ހުށަހަޅާފައި މި ބުނަނީ ކުރީ ސަރުކާރޭ. ކުރީ ސަރުކާރުން ކުރި ގޮތް ގޯސްވެގެން ރައްޔިތުން އާ ސަރުކާރެއް ގެނައީ. އެހެންވީމަ މިހާރު ކުރީ ސަރުކާރޭ ކިޔާކަށް ނުޖެހޭ،" އަބްދުލްގަފޫރު ވިދާޅުވީ މިހާރުގެ ސަރުކާރުން 'ކުރީ ސަރުކާރޭ' ކިޔައިގެން ކަންކަން ނުކުރަން ދައްކާ ބަހަނާ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ.

އެނގުން މުހިންމު - ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ހާޝިމް ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ.   

މި މައްސަލައަށް ތިން ފަހަރެއްގެ މަތިން ޖަވާބުދާރީވުމަށްޓަކައި ކޮމިޓީއަށް ހާޒިރުވުމަށް އަލީ ހާޝިމްއަށް ފުރުސަތު ދިނެވެ. ނަމަވެސް އާލަސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވެ، ހާޒިރުވުމަށް އުޒުވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ލިޔުމުން އޭނާ ވަނީ ޖަވާބުރީވެވަޑައިގެންފަ އެވެ.

ހާޝިމް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުތަކަށް އަބަދުވެސް ލަފާދެއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ސަރުކާރުތަކުން އެމްއެމްއޭގެ ލަފާތައް އަޑު ނޭހުމުން މިއަދު ދިމާވެފައިވާ ހާލަތު ކުރިމަތިވީ ކަމަށް އަލީ ހާޝިމް ވަނީ ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް ގަވަރުނަރު ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ޕީއެންސީގެ ގިނަ މެންބަރުން ވިދާޅުވީ ކުރީ ސަރުކާރުން ނިންމި ވަރަށް ގިނަ މާލީ ނިންމުންތަކުގައި ގަވަރުނަރު އަލީ ހާޝިމް ފުރިހަމައަށް އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ. އަދި ހަރުދަނާ މާލީ ސިޔާސަތެއް ހިންގައި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ފިޔަވަޅު އެޅުމުގައި ގަވަރުނަރު އިހުމާލުވެފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. 

މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުގެ ވޯޓާ އެކު އެވެ. އޭނާ އެ މަގާމުން ވަކިކުރެއްވުމާ އެކު އެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަން ކުރުމަށް ރައީސް ވަނީ މަޖިލީހަށް ނަން ފޮނުއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް