24/7/2024؛ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުން(ފޮޓޯ/މަޖިލިސް)
މުއައްސަސާތަކުން އެއްބާރުލުން ނުލިބޭތީ މައްސަލަތައް ބެލުމަށް ލަސްވޭ: އެންއައިސީ
ބައެއް މުއައްސަސާތަކުން ހޯދަން ޖެހޭ މައުލޫމާތު ލިބުމުގައި އެއްބާރުލުން ނުލިބޭތީ މައްސަަލަތަކުގެ ތަހުގީގުތައް ލަސްވާ ކަމަށާއި އެފަދައިން އަމަލުކުރާ ނަމަ ޖޫރިމަނާކުރެވޭ ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ) އިން މިއަދު ބުނެފި އެވެ.
އެނގުން މުހިންމު - އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅުއެޅުމާ ބެހޭ ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގެ ބާރު ވެސް މި ކޮމިޝަނަށް ލިިބިގެންވެ އެވެ.
ވީ ކިހިނެއް؟ - އެ ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ކޮމިޝަނުން އެދިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ހޯދާފައިވާ ކުރިއެރުންތަކާއި ދިމާވާ ދަތިތައް ޕްރެޒެންޓޭޝަން މެދުވެރިކޮށް ކޮމިޓީއާ ހިއްސާކޮށްފައިވެ އެވެ.
ތަފްސީލް - މި ބައްދަލުވުމުގައި އެންއައިސީގެ ސެކެޓްރީ ޖެނަރަލް ނަފްހާ ހުސެއިން ވިދާޅުވީ، 2022 އިން 2023ގެ ނިޔަލަށް %54 މައްސަލަ އެ ކޮމިޝަނުން ބަލައި ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ.
މައްސަލަތަކުގެ ތަހުގީގުތައް ލަސްވާ އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ބައެއް މުވައްސަސާތަކުގެ ލިބެން ޖެހޭ މައުލޫމާތުތައް ނުލިބުމެވެ. އެގޮތުން ސިޓީތަކުގެ ޖަވާބު ނުލިބުމާއި ބައެއް މީހުން ކޮމިޝަނަށް ހާޒިރުކުރުމުގައި ހުރި ދަތިތައް ހުރި ކަން ފާހަގަކުރި އެވެ.
"އަޅުގަނޑުމެން ފުރަތަމަ ހަވާލުވި އިރު ފުދޭވަރަކަށް ރަނގަޅަށް އެއްބާރުލުން ލިބެމުންދިޔަ. ފަހުން އައިސް އަނެއްކާ ވެސް ސިޓީތަކުގެ ޖަވާބު ލިބުން ލަސްވަމުން ދިއުމާ ގުޅިގެން އަޅުގަނޑުމެންގެ ތަހުގީގަށް ވަރަށް ބޮޑަށް ލަސްވެގެންދިޔަ. އަދި ހާޒިރުވާން އެދޭ ފަރާތްތަކުން ހާޒިރުނުވުމަކީ ވެސް އަޅުގަނޑުމެންގެ ތަހުގީގަށް ލަސްވެގެންދާ ކަމަކަށްވި،" ކޮމިޝަނުގެ ނައިބު ރައީސް އާޝިޔަތު ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން ހައްލުކުރަން ކުރި މަޝްވަރާތަކަށް ފަހު ވެސް އެދެވޭ ހައްލެއް ނުލިބިގެން މިހާރު އަމަލުކުރަމުންދާ ގޮތަކީ މުއައްސަސާތަކަށް ގޮސްގެން ލިޔެކިއުންތައް ނެގުން ކަމަށެވެ. ނަމަވެސް އެގޮތަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެއްބާރުލުން ނުދޭ މީހުން ޖޫރިމަނާކުރުމަށް ހާއްސަ ގަވާއިދުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރި އެވެ.
އެކަންކަން ރަނގަޅުކުރުމަށް:
-
މުއައްސަސާތަކުގެ ވެރިންނާ ތަފާތު އެކި ފަހަރުމަތިން ބައްދަލުކޮށް އެކަންކަން ރަނގަޅުކުރަން މަޝްވަރާކޮށްފައިވާނެ
-
އޭގެ ފަހުން މައްސަލަ ކުޑަކޮށް ހައްލުވިޔަސް ފަހުން އަނެއްކާ ވެސް އެއްބާރުލުން ލިބުން ހުއްޓިގެން ދިޔަ
-
އެހެންވެ މިހާރު އަމަލުކުރަމުންދާ ގޮތަކީ ގާނޫނުން ލިބިދީފައިވާ ބާރުގެ ބޭނުންކޮށްގެން މުއައްސަސާތަކަށް ގޮސް ލިޔެކިއުންތައް ނެގުން
ގާނޫނުގައި ބުނާ ޖޫރިމަނާކުރުމުގެ ކަންކަން މަޑުޖައްސާލާފައި ވަނީ މަޝްވަރާއިން ހައްލު ހޯދަން ބޭނުންވާތީ ކަމަށާއި ނަމަވެސް މިހާރު އެކަމާ ގުޅޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިއަށް އޮތްތާ ވަރަށް އަވަސް މުސްތަގުބަލެއްގައި އަޅުގަނޑުމެން ޖޫރިމަނާ ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން ހާޒިރުނުވާ ފަރާތްތަކާއި މައުލޫމާތު ފޯރުކޮށް ނުދޭ ފަރާތްތަކާ މެދު ޖޫރިމަނާ ކުރުމަށް ގަވާއިދެއް ހަދައިގެން އެއަށް އަމަލުކުރާނަން،" ޝިއުނާ ވިދާޅުވި އެވެ.
އެންމެ ގިނައީ ފުލުހުންގެ މައްސަލަތައް
އެންއައިސީން މިއަދު ހިއްސާކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް އާންމުކޮށް ރައްދުވެފައި ހުންނަނީ ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަނާއި ކަރެކްޝަންސް އަދި ކަސްޓަމްސް އަށެވެ. އޭގެތެރެއިން އެންމެ ގިނަ މައްސަލަތަކަކީ ފުލުހުނާ ގުޅޭ މައްސަލަތަކެވެ.
އެގޮތުން 2022 އިން 2023ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި:
-
ފުލުހުންގެ ހިދުމަތާ ގުޅޭ 444 މައްސަލަ
-
ކަރެކްޝަންސްއާ ގުޅޭ 112 މައްސަލަ
-
ކަސްޓަމްސްއާ ގުޅޭ 12 މައްސަލަ
-
އިމިގްރޭޝަންސްއާ ގުޅޭ 9 މައްސަލަ
އެ ހިސާބުތައް ތަފްސީލުކޮށް ދެއްވަމުން ކޮމިޝަނުގެ އެސްޖީ ނަފްހާ ވިދާޅުވީ ކޮމިޝަނުން ނިންމާ ތަހުގީގުތަކާ ގުޅިގެން މައްސަލަ ނިސްބަތްވާ އިދާރާތަކުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލު ގެނައުމާއި އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް 2022 އިން 2023ގެ ނިޔަލަށް އެ އިދާރާތަކަށް ގާތްގަނޑަކަށް 87 ލަފާ އަރުވާފައިވާނެ ކަމަށެވެ.
އޭގެތެރޭގައި ވެސް އެންމެ ގިނަ ލަފާ އަރުވާފައިވަނީ ފުލުހުންގެ ހިދުމަތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން %67 ލަފާ އަރުވާފައިވަނީ ފުލުހުންގެ ހިދުމަތަށް ކަން ފާހަގަކުރެއްވި އެވެ.
ތަހުގީގުތަަކަށް ފަހު ކޮމިޝަނުން އަރުވާ ލަފާތަކަށް އެ މައްސަލައެއް ރައްދުވާ އިދާރާތަކުން އަމަލުކުރަމުންދާ މިންވަރު އެންމެ ރަނގަޅަށް ނުބެލެހެއްޓޭކަން ވެސް ނަފްހާ ފާހަގަކުރެއްވި އެވެ. އެކަން އެހެންވަނީ އެ ކޮމިޝަނުގައި މުވައްޒަފުންގެ ދަތިކަން އޮތުމުންކަމަށް ވިދާޅުވި އެވެ.
ކޮމިޝަނުގައި މިވަގުތު މަސައްކަތް ކުރަމުންދާ 37 މުވައްޒަފުންގެ ތެރޭގައި ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ތިބީ ވަރަށް މަދު މުވައްޒަފުން ކަމާއި ބަޖެޓުގެ ދަތިކަން އޮތުމުގެ ސަބަބުން ގާބިލު މުވައްޒަފުން ކޮމިޝަނުގައި ހިފެހެއްޓުމަށް ދަތިވާކަން ވެސް ކޮމިޝަނުން އެ ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.