މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ އަށްވަނަ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ބައިވެރިވަނީ. (ފޮޓޯ/ މަޖިލިސް)

އެޗްއާރުސީއެމް

އެންޓި-ޓޯޗާ ގާނޫނުގެ އިސްލާހު އަވަސްކޮށްދޭން އެޗްއާރުސީއެމްއިން ގޮވާލައިފި

މީގެ އިތުރުން ވެސް، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ގެނެވިފައިވާ ދެވަނަ އިސްލާހާއި ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހު ކޮށްދިނުމަށް ވެސް އެދިފައިވޭ

އެންޓި-ޓޯޗާ ގާނޫނު ފަދަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ގުޅުން ހުރި ގާނޫނުތަކުގައިވާ ބައެއް މާއްދާތަކުގެ ސަބަބުން އެ މުއައްސަސާގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރަން ބޮޑެތި ގޮންޖެހުންތަކެއް ދިމާވާކަން ފާހަގަކޮށް، އެފަދަ ގާނޫނުތަކަށް ހާއްސަ އިސްކަމެއް ދީގެން އިސްލާހު ކޮށްދޭން އެޗްއާރުސީއެމް އިން މަޖިލީހުގެ ކޮމިޓީގައި އިއްޔެ އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެޗްއާރުސީއެމް އިން މިފަދައިން އެދިފައިވަނީ، އެ މުއައްސަސާގެ 2022 އަދި 2023 ވަނަ އަހަރުގެ ރިޕޯޓުތައް ދިރާސާކުރަން އިއްޔެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ ރައީސް މަރިޔަމް މުނާ ވަނީ ގާނޫނީ ގޮތުން އެޗްއާރުސީއެމްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އިސްލާހު ގެންނަން ޖެހޭ ކަމަށް ފެންނަ ބައެއް ގާނޫނުތައް ފާހަގަކުރައްވާފަ އެވެ.

އެގޮތުން، އޭނާ ފާހަގަކުރެއްވީ:

  • ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ގެނެސްފައިވާ ދެވަނަ އިސްލާހު

  • އެންޓި-ޓޯޗާ ގާނޫނު

  • ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނު

  • ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު

ތަފްސީލް - އެ ގާނޫނުތަކާ ބެހޭ ގޮތުން އިތުރު ތަފްސީލް ދެއްވަމުން މުނާ ވިދާޅުވި ގޮތުގައި، އިންސާނީ ހައްގުތަކާ ގުޅޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައި އިންސާނީ ހައްގުތަކެއް ނިގުޅައިގަނެވޭ ކަމަށް ކަނޑައަޅާ ހާލަތުގައި އެ ފަރާތަކަށް ބަދަލު ނަގައިދޭން ވާނެ ކަމަށް ކަނޑައަޅާފައި އޮވެ އެވެ. ނަމަވެސް:

  • އޭގެ އިތުރު ތަފްސީލެއް ގާނޫނުގައި ބަޔާންކޮށްފައެއް ނެތް

  • އެޗްއާރުސީއެމް އިން ބެލި ބެލުމުން ފެނުނީ، އެކަން ކުރަން ޓްރައިބިއުނަލެއް ގޮތަށް ހިންގައިގެން ބަދަލެއް ނަގައިދޭ މިންވަރު ކަނޑައަޅަން ޖެހޭ ކަމަށް

  • ނަމަވެސް، ބަދަލު ނަގައިދޭން އެދޭ ހާލަތުގައި ތިބެނީ ވަރަށް ހާލުގައި ޖަލުތަކުގައި ތިބި މީހުން؛ އެފަދަ މީހުންނަށް އިތުރު މަރުހަލާއެއްގެ ދަށުން އެކަން ކުރުމަކީ ދަތި ކަމެއް އަދި އެކަން ކުރެވެން އޮތީ އެޗްއާރުސީއެމްއަށް މިހާރަށް ވުރެ ފުޅާ ބާރުތަކެއް ލިބިގެން

  • ގާނޫނުގެ އެ މާއްދާ އިސްލާހު ކޮށްދެެއްވުމަށް އޭޖީއާ ބައްދަލުކޮށް އެޗްއާރުސީއެމް އިން އިސްލާހު ހުށަހަޅާފައި ވާނެ

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ އަށްވަނަ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ބައިވެރިވަނީ. (ފޮޓޯ/ މަޖިލިސް)

މީގެ އިތުރުން، އެންޓި-ޓޯޗާ ގާނޫނުގައި އެޗްެއާރުސީއެމްއަށް ޖިނާއީ ތަހުގީގު ހިންގުމަށް މަތިކޮށްފައި ވުުމަކީ މަސްއޫލިއްޔަތުތަކުގެ ބޮޑެތި ފުށޫއެރުންތަކެއް އަރާ ކަމެއް ކަމުގައި މުނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • އިންސާނީ ހައްގުތަކާ ގުޅޭ ދުނިޔޭގެ އެއްވެސް މުއައްސަސާ އަކީ ޖިނާއީ ތަހުގީގު ކުރާ އިދާރާއެއް ނޫން؛ ޖިނާއީ ތަހުގީގު ހިންގުމަކީ ވަކި އެހެން މުއައްސަސާއަކުން ކުރަން ޖެހޭ ކަމެއް

  • އެޗްއާރުސީއެމް އަކީ ޖަލުތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބަލަހައްޓާ ތަންތަނަށް ޒިޔާރަތްކޮށް، ސަރުކާރާ މަޝްވަރާކޮށްގެން އެދެވޭ ހައްލުތަކެއް ހޯދަން މަސައްކަތް ކުރާ މުއައްސަސާއެއް

  • ނަމަވެސް، ތަހުގީގީ މަސްއޫލިއްޔަތު މަތިކުރުމުން، އެޗްއާރުސީއެމް އިން ގުޅިގެން މަސައްކަތް ކުރާ މުވައްޒަފުންގެ މައްސަލަތައް ވެސް ބަލައި ދައުވާ ކުރަން ވެސް ފޮނުވަން ޖެހެނީ އެޗްއާރުސީއެމް އިން؛ އެއާ އެކު، މަސްއޫލިއްޔަތުގެ ގޮތުން ބޮޑު ފުށޫއެރުންތަކެއް އަރާ

"މިސާލަކަށް އަޅުގަނޑުމެންނަކީ ދައުލަތުގެ އިދާރާއަކުން ކަމެއް ކުރި ގޮތަކުން މީހެއްގެ ހައްގެއް ގެއްލުނުތޯ ބަލަން އޮންނަ އިދާރާ [ނުވަތަ] އޯވާސައިޓް މެކޭނިޒަމް. އަޅުގަނޑުމެންނަށް ޕްރައިމަރީ ފަންކްޝަންއެއް ތަހުގީގު ކުރުމުގައި ދީފައި އޮންނަ އިރު، އަޅުގަނޑުމެން ކުރާ ތަހުގީގެއްގައި މީހެއްގެ ހައްގެއް ގެއްލުނީމަ، ކޮންބައެއްތޯ އެކަން ބަލަން އޮންނާނީ؟،" މުނާ ސުވާލު އުފެއްދެވި އެވެ.

އެހެންކަމުން، އޭނާ ވިދާޅުވީ އެހެން އިދާރާއަކާ އެ ޒިންމާ މަތިކޮށްދިނުމަށް އެދި އޭޖީއާ މަޝްވަރާކޮށް، ވީހާ ވެސް އަވަހަށް އެކަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްދެއްވަން އެދިފައި ވާނެ ކަމަށެވެ.

ނަމަވެސް، މިހާތަނަށް މަޖިލީހަށް އެ އިސްލާހު ހުށަހެޅިފައި ނުވާކަން ފާހަގަކުރައްވައި އެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ގާނޫނު އިސްލާހު ކޮށްދެއްވުމަށް އެޗްއާރުސީއެމްގެ ފަރާތުން ކޮމިޓީގައި އެދުނެވެ.

މީގެ އިތުރުން ވެސް މުނާ ވިދާޅުވި ގޮތުގައި:

  • ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނު އެޗްއާރުސީއެމްއާ މަތިކޮށްފައިވީ ނަމަވެސް، އެ މައްސަލަތައް ބަލަން ޖެހެނީ އެހެން ފަރާތަކުން ކަމަށް ކަނޑައަޅާފައިވާތީ އެ ގާނޫނުގައި ވެސް މަސްއޫލިއްޔަތުތަކުގެ ފުށުއެރުމެއް އެބައޮތް

  • ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނަށް މިހާރުގެ ސޯޝަލް މިނިސްޓްރީން އިސްލާހުތަކެއް ހުށަހަޅަން ވަނީ ނިންމާފައި؛ އެ އިސްލާހު ވަރަަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބެލެވޭ

ފާހަގަކޮށްލެވޭ - ގާނޫނީ ގޮތުން ދިމާވާ ގޮންޖެހުން ތަކުގެ އިތުރުން ވެސް، އިއްޔެގެ ބައްދަލުވުމުގައި އެޗްއާރުސީއެމްއަށް ކުރިމަތިވާ އިތުރު ދަތިތައް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބަޖެޓުގެ ދަތިކަމުގެ ސަބަބުން މުއައްސަސާގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާނުކުރެވުން

  • އެޗްއާރުސީއެމްއަށް ވުރެ ފަހުން އުފެއްދި މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުވުމުން މުވައްޒަފުން ހޯދަން އަދި ދިގު މުއްދަތަކަށް މުވައްޒަފުން ގެންގުޅެން އުނދަގޫ ވުން

  • އޮފީސް އިމާރާތުގައި އިންތިހާއަށް ޖާގައިގެ ދަތިކަން ކުރިމަތިވެ ހަރަކާތްތައް ބާއްވަން ތަންތަން ކުއްޔަށް ނަގަން ޖެހުން

  • ރާއްޖޭގައި މިނިވަން ފޮރެންސިކްސް ލެބެއް ނެތުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް