ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/މަޖިލިސް)

ކުއްލި މައްސަލައަށް ވާހަކަ ދައްކަން މެންބަރުންނަށް ދޭ ވަގުތު އިތުރުކޮށްފި

އެ އިސްލާހާ އެކު މިއަދު ފާސްކުރި މަޖިލީހުގެ އާ ގަވާއިދުގައި، ކުއްލި މައްސަލައިގެ ނޯޓިސް ދޭން ޖެހޭ ވަގުތު ވެސް ވަނީ އިތުރުކޮށްފައި
24 ޖުލައި 2024

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް ލިބޭ ވަގުތު ތިން މިނެޓުން ފަސް މިނެޓަށް މިއަދު އިތުރުކޮށްފި އެވެ. 

ތަފްސީލް - މަޖިލީހުގެ ގަވާއިދަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިސްލާހު ހުށަހަޅުއްވައި ފާސްކުރީ، އެހެން ގޮތެއް ކަނޑަނާޅާހާ ހިނދަކު:

  • މިހާތަނަށް ވެސް އޮތް ގޮތަށް، ކުއްލި މައްސަލައަށް ބަހުސް ކުރުމަށް އެއް ގަޑިިއިރު ކަނޑައެޅުމަށް

  • މައްސަލަ ހުށައަޅާ މެންބަރު ވާހަކަދެއްކުމަށް ހަތް މިނެޓު ދިނުމަށް؛ އެއީ ވެސް މިހާތަނަށް އޮތް ގޮތް

  • އެ މައްސަލައަށް ވާހަކަ ދައްކަވަން ބޭނުންވާ އެހެން ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ އެއް ފުރުސަތު ދިނުމަށް

  • އައްބާސްގެ އެ ހުށަހެޅުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ތާއިދުކުރެއްވި

އެ އިސްލާހު ގަވާއިދުގައި ހިމަނަން މިއަދުގެ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންވަނީ ފާސްކޮށްފަ އެވެ. އަދި އެ އިސްލާހާ އެކު މަޖިލީހުގެ އާ ގަވާއިދު ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ގަވާއިދުގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމުގެ ބާބަށް އިތުރު އިސްލާހެއް ވެސް ގެނަ އެވެ. އެއީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުން ނަމަ އެ މައްސަލައިގެ ނޯޓިސް ޖަލްސާ ފެށުމުގެ 45 މިނެޓު ކުރިން މަޖިލީހުގެ ރައީސަށް ދިނުމަށެވެ. މަޖިލިސް ގަވާއިދުގައި މިހާރު އޮންނަ ގޮތުން ކުއްލި މައްސަލަ ހުށަހަޅަން ބޭނުން ނަމަ މައްސަލައިގެ ނޯޓިސް ދޭންޖެހެނީ ޖަލްސާ ފެށުމުގެ 15 މިނެޓް ކުރިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް