މާލޭގެ އިންޑަސްޓްރިއަލް ވިލެޖް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ސިވިލް ކޯޓު

އިންޑަސްޓްރިއަލް ޒޯނު ބިންތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ކޯޓުން އަންގައިފި

ސިވިލް ކޯޓުގެ އަމުރުގައި ވަނީ އެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމުގެ ހައިސިއްޔަތެއް މާލޭ ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށާއި އެ ބިންތައް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރުމަށް

މާލޭ ހުޅަނގު ބަނދަރު ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ޒޯނުގެ ބިންތަކަކީ ހައުސިން މިނިސްޓްރީގެ ތަންތަން ކަމަށް ކަނޑައަޅައި އެ ބިންތަކުގައި ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލައި ހައުސިން މިނިސްޓްރީއާ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - މި ސަރަހައްދާ ގުޅޭ ބިންތަކަކީ ދައުލަތުގެ ބިންތަކެއް ކަމަށާއި އެ ސަރަހައްދުގެ ބިމެއް މާލޭ ސިޓީ ކައުންސިލުން އެއްވެސް މީހަކަށް ދޫކޮށްފައިވާ ނަމަ، އެ ބިމުގައި ކުރަމުންދާ މަސައްކަތް ހުއްޓުވައި އެތަންތަން ހުސްކުރަން މީގެ ކުރިން އެކި ފަހަރު މަތިން ހައުސިން މިނިސްޓްރީން ކައުންސިލަށް އަންގާފައި ވެއެވެ. 

އެ ބިންތައް ފަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން އެ މިނިސްޓްރީން މިދިޔަ އަހަރުގެ 9 ޖެނުއަރީގައި ވެސް ކައުންސިލަށް އަންގާފައިވެ އެވެ. އެކަމަކު މިހާތަނަށް އެ ބިންތައް ކައުންސިލުން ހަވާލުކޮށްފައެއް ނުވެ އެވެ.

ވީ ކިހިނެއް؟ - އެ ބިންތައް ހޯދަން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ 7 މޭގަ އެވެ. ހައުސިން މިނިސްޓްރީން ކައުންސިލާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެދިފައިވަނީ:

  • އެ ބިންތަކުގެ މައްޗަށް ކައުންސިލުގެ މިލުކުވެރިކަމެއް ނެތް ކަމާއި އެ ބިންތަކާ ގުޅޭ މުއާމަލާތެއް ކުރުމުގެ ހައިސިއްޔަތެއް އެ ކައުންސިލަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށް

  • އެ ބިންތަކުގައި ކައުންސިލުން ހުއްދަ ދީގެން ކުރަމުންދާ އެންމެހާ މަސައްކަތްތައް ހުއްޓުވައި ދައުލަތާ ހަވާލުކުރުމަށް އަމުރުކޮށްދިނުމަށް

ތަފްސީލް - ދައުވާއަށް ދިފާއު ހުށަހަޅަން ކައުންސިލަށް ދިން މުއްދަތު ހަމަވައިރު ވެސް ދިފާއު ހުށަހަޅާފައި ނުވާތީ އެ ކައުންސިލުގެ ގައިރު ހާޒިރުގައި އިއްޔެ ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ އެ ބިންތަކަކީ ހައުސިން މިނިސްޓްރީގެ ބިންތަކެއްކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި އެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމުގެ ހައިސިއްޔަތު މާލޭ ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ:

  • އެ ކައުންސިލުން ހުއްދަ ދީގެން އެ ބިމުގައި ކުރަމުންދާ އެންމެހާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް

  • އެ ބިންތައް އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަަލަށް މިނިސްޓްރީއާ ހަވާލުކުރުމަށް

އެނގުން މުހިންމު - ހައުސިން މިިނިސްޓްރީން ބުނާ ގޮތުގައި، މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގެ ބިންތަކަކީ 25 މާޗު 2014ގައި ކައުންސިލުގެ ބެލުމުގެ ދަށުން ނަގައި ދައުލަތާ ހަވާލުކޮށްފައިވާ ބިންތަކެކެވެ.

އެ ބިންތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރަން އަންގާ އެ މިނިސްޓްރީން 23 ނޮވެމްބަރު 2022ގައި ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން، އެ ބިމަކީ ތިލަމާލެ ބްރިޖް މަސައްކަތަަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ބިމެކެވެ.

އެ ބިން ތިން ވަނަ ފަރާތަކަށް ކައުންސިލުން ދޫކޮށްފައިވާތީ އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އޭރު އަންގާފައިވެ އެވެ. އެކަމަކު ކައުންސިލުން އޭރު ވެސް ބުނެފައިވަނީ ވަކި ފަރާތަކަށް ރަޖިސްޓްރީކޮށްދީފައި ނުވާ ބިންތަކަކީ ކައުންސިލުގެ ބިންތަކެއް ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

25 ޖުލައި 2024
ކިހާ ތާހިރު! އަދި ބޮޑުތަކުރުފާނު މަގުގައި ކަދުރުރުށް އިންދިމީހާއަށްވެސް ސަރުކާރުން މަލާމާތް ކުރާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް