ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، މާލެ، ވިލިމާލެ މަގުހެދުމުގެ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސިޑްކާއާ އެކު ސޮއިކުރެއްވުން. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖެ-ޗައިނާ

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ ދިރާސާ ހަދަން ސޮއިކޮށްފި

ޗައިނާގެ ސިޑްކާއާ އެކު ފީސިބިލިޓީ ސްޓަޑީ ހަދަން ސޮއިކޮށްފައިވަނީ މިނިސްޓަރު ޒަމީރު އެގައުމަށް ކުރައްވަމުންދާ ދަތުރުފުޅުގައި

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި 'ލެޓާޒް އޮފް އެކްސްޗޭންޖް'ގައި ސޮއިކުރީ، ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިވަގުތު ޗައިނާއަށް ކުރައްވަމުންދާ ދަތުރުގައި ސިޑްކާގެ ޗެއާމަން ލުުއޯ ޖާއޮހުއިއާ މިއަދު ބައްދަލުކުރެއްވުމަށް ފަހު އެވެ. އެގޮތުން:

  • ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް

  • ސިޑްކާގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ލުއޯ ޖާއޮހުއި

  • މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޒަމީރު ބައިވެރިވެވަޑައިގެންނެވި

ތަފްސީލް - މިނިސްޓަރު ޒަމީރު ލުއޯ ޖާއޮހުއިއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިއްމު މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ އަދާހަމަ ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން، މިނިސްޓަރު ޒަމީރުގެ ވާހަކައިގައި:

  • ރާއްޖެ އާއި ސިޑްކާއާ ދެމެދު އޮތް ގުޅުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ސިޑްކާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި

  • މީގެ އިތުރުން ސިޑްކާއާ އެކު ގުޅުން ބަދަހިކުރެވޭނެ އާ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރި

  • ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް، މަޝްރޫއުތައް ތަންފީޒުކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވެސް ދެ ފަރާތުން ވާހަކަ ދެއްކެވި

މިބައްދަލުވުމުން ނިންމަވާލައްވަމުން، ސިޑްކާއާ އެކު ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަގްބަލުގައި ދެ ގައުމަށް ފައިދާހުރި މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެ ފަރާތުން ދިނެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ސިޑްކާއާ ބައްދަލުކުރެއްވުން. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ފާހަގަކޮށްލެވޭ - ފޮރިން މިނިސްޓަރުގެ އަރިހުގައި، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންނެވި އެވެޡ

މިނިސްޓަރު ޒަމީރު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް