ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ނާސިހް އަދި ބައެއް މެމްބަރުން(ފައިލް ފޮޓޯ/ސިވިލް ސާވިސް ކޮމިޝަން)

މިދިޔަ ސަރުކާރުން މުސާރަ ބޮޑުކުރި ގޮތާ މެދު ސިވިލް ސާވިސް ކޮމިޝަނުގެ ކަންބޮޑުވުން

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް އޭރު ޕޭ ކޮމިޝަނުން ކުރި މަސައްކަތުގައި ބައިވެރިވުމަށް އެދިފައި ވިޔަސް، އެ މަސައްކަތުގައި ބައިވެރި ނުކުރާ ކަމަށް

ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މިދިޔަ ސަރުކާރުން ފެށި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެ މަސައްކަތުގެ މަގުސަދު ހާސިލު ނުވާ ކަމުގެ ކަންބޮޑުވުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މިއަދު ފާޅުކޮށްފި އެވެ.

އެނގުން މުހިންމު - ސަރުކާރު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، އެކި ދާއިރާތަކަށް ބަހާލައިގެން މުސާރަ ބޮޑުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގަ އެވެ.

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 2022ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އަދި ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރި އެވެ.

ވީ ކިހިނެއް؟ - މި މަސައްކަތް އޭރުގެ ސަރުކާރުން ކޮށްފައިވާ ގޮތާ މެދު ސިވިލް ސާވިސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރީ، ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ މުސާރައަށް އެންމެ ފުރަތަމަ ބަދަލުތަކެއް ގެނެސްފައި ވަނީ 1 ފެބްރުއަރީ 2019ގައި ކަމަށެވެ. 

އޭގެ ފަހުން އެކިއެކި އެލަވަންސަތަކާއި އުޖޫރަތައް އެކި ނަންނަމުގައި ތައާރަފްކޮށްފައި ވިޔަސް، އޭރު މުސާރައަށް ބަދަލުތަކެއް ގެނެސްފައި ވަނީ ވަރަށް މަދު އޮނިގަނޑެއްގައި ކަމަށް ވިދާޅުވި އެވެ.

އެހެން އެކަން އޮއްވައި ޕޭ ކޮމިޝަނުގެ ފަރާތުން ޕޭ ހަމަނައިޒޭޝަންގެ މަސައްކަތް މިދިޔަ ސަރުކާރުގައި ފެށުމަށް ފަހު މިހާތަނަށް މުސާރަ ބޮޑުކޮށްފައި އޮތީ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެކަނި ކަމަށް ނާސިހް ވިދާޅުވި އެވެ. 

"އޭގެ ފަހުން މި މަސައްކަތް އަދި ކުރިއަށް ގެންގޮސްފައެއް ނެތް. އެހެންވީމާ ހާމަނައިޒޭޝަންގެ ނަމުގައި ދައުލަތުގެ ފަރާތުން ފެއްޓެވި މަސައްކަތުގެ މަގުސަދެއް މިހާރު ހާސިލެއް ނުވޭ. ކުރިއަށް ވުރެ ފަރަގު ބޮޑުވެފައި މިހާރު މިއޮތީ،" ނާސިހް ވިދާޅުވި އެވެ.

"އެއީ ޓީޗަރުންގެ މުސާރަތައް ބޮޑުވުމަށް ފަހުގައި އެ ހިސާބުން ފެށިގެން މިހާރު ދެ އަހަރު މިވަނީ ސިވިލް ސާވިސް ގިނަ މުވައްޒަފުންތަކުންގެ މުސާރަ، މިދެންނެވީ އެ އޮނިގަނޑުތަކަށް ހިޖުރަ ނުކުރެވޭތާ."

މުސާރަ ބޮޑުކުރުމަށް ފެށި މަސައްކަތުގެ މަގުސަދު ހާސިލުނުވެ އޮތީ، އޭރުގެ ސަރުކާރުން އެ މަސައްކަތް ކުރި ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ނާސިހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ:

  • މުސާރަތައް ބޮޑުކުރިއިރު ސިވިލް ސާވިސް ކޮމިޝަނުގެ މަޝްވަރާއެއް ހޯދާފައެއް ނުވޭ

  • މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް އޭރު ޕޭ ކޮމިޝަނުން ކުރި މަސައްކަތުގައި ބައިވެރިވުމަށް އެދިފައި ވެސް ވާނެ

  • އެކަމަކު މުސާރައަށް ގެނައި ބަދަލުތައް ފެނުނީ އެންމެ ފަހު ވަގުތު އަދި އެކަމަށް ލަފައެއް ހުށަހަޅަން ލިބުނީ ވެސް ވަރަށް ކުޑަ ވަގުތުކޮޅެއް

  • ދިން ލަފާތައް ވެސް ހިމަނާފައި ވަނީ އެންމެ އެދެވޭ ގޮތަކަށް ނޫން

"[މުސާރައިގެ އޮނިގަނޑަށް ލަފާ ހުށަހަޅަން ފުރުސަތު ލިބުނުއިރު] ސަރުކާރުން އޮތީ ނިންމަވާފައި ޕޭ ހާމަނައިޒޭޝަންގެ ކަންކަން ވަކި ތާރީހެއްގައި ކުރިއަށް ގެންދަވަނީ. އެހެންވީމާ އަޅުގަނޑުމެންނަށް ދެން ގޮތަކަށް މަޖުބޫރު ކަހަލަ ގޮތަކަށް ކަންނޭނގެ ކުރަން ޖެހުނީ،" ނާސިހް ވިދާޅުވި އެވެ.

ނާސިހް ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ މަގާމުތަކުގެ ޝަރުތުތައް ކަނޑައަޅަން އޮންނަނީ ސިވިލް ސާވިސްގެ ގާނޫނުގައި ކަމަށެވެ. އެކަމަކު، މިދިޔަ ސަރުކާރުން މުސާރައިގެ އޮނިގަނޑު އިސްލާހުކުރިއިރު، އެ ޝަރުތުތައް ކަނޑައަޅާފައިވަނީ ވެސް ޕޭ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން، މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށި ފަހުން ގިނަ މައްސަލަތަކެއް ދިމާވެ، އަލުން އެ މައްސަލަތައް ވަކިވަކިން ހައްލުކުރަން ޖެހުނު ކަމަށް ވެސް ނާސިހް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މުސާރައިގެ އޮނިގަނޑު އިސްލާހު ކުރިއިރު އެ ކޮމިޝަނުގެ މަޝްވަރާއާއެކު އެކަން ކުރިނަމަ އެ މައްސަލަތައް ދިމައެއް ނުވާނެ އެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ޕޭ ކޮމިޝަން އެކުލަވާލެވުނުއިރު ސިވިލް ސާވިސްގެ މެމްބަރަކު އެ ކޮމިޝަނުގައި އިންނެވި ނަމަވެސް، މިހާރު އެ ކޮމިޝަނުގައި ޕޭ ކޮމިޝަން ތަމްސީލުކުރައްވާނެ އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. 

މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް މިދިޔަ ސަރުކާރުން މަސައްކަތްކޮށްފައިވާ ގޮތާއި ޕޭ ކޮމިޝަނުގައި ސިވިލް ސާވިސްގެ މެމްބަރަކު މިހާރު ނެތުމުގެ ކަންބޮޑުވުން އެ ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވެސް މި ބައްދަލުވުމުގައި ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ:

  • ސިވިލް ސާވިސް ކޮމިޝަނުގައި ހިމެނޭ %90 މަސައްކަތް މިހާރު ކުރަނީ ޕޭ ކޮމިޝަނުން

  • އެކަމުގެ ސަބަބުން ކޮމިޝަނުގެ މެންޑޭޓަކީ ކޮބައިތޯ އޮޅޭ

  • ސިވިލް ސާވިސް މުވައްޒަފުންގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ އިހުތިޔާރު ކޮމިޝަނަށް ގާނޫނުގައި ލިބިދީފައި އޮތަސް، އެކަން ވެސް ކުރަނީ ޕޭ ކޮމިޝަނުން

  • އެންމެ ބޮޑު ސަބަބަކީ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރަކު ޕޭ ކޮމިޝަނުގައި މިހާރު ނުހުންނަވާތީ

  • އޮނިގަނޑުތަކަށް ބަދަލު ގެނެސް، އާންމުވެެގެން ދިއުމުން ގިނަ ބައެއްގެ ޝަކުވާ އާއި ހިތްހަމަނުޖެހުން އަމާޒުވަނީ ސިވިލް ސާވިސް ކޮމިޝަނަށް؛ އެކަމަކު އެއީ މި ކޮމިޝަނުން ކޮށްފައި އޮންނަ މަސައްކަތެއް ނޫން

"ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮވޭ ސިވިލް ސާވިސް ކޮމިޝަނުގެ ޒިންމާއާއެކޭ އެއީ އޮނިގަނޑުތައް ހަދައި މުވައްޒަފުންނާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން. އެކަމަކު މިހާރު ވެފައި މިއޮންނަ ގޮތަކީ [ސިވިލް ސާވިސް ކޮމިޝަނަކީ] ހަމައެކަނި ޗިޓް ޖަހަން ޖެހޭ ތަނެއްގެ ގޮތުގައި އަސްލުގައި ކަން އޮތް ގޮތުން،" ރަޝީދު ވިދާޅުވި އެވެ.

ސިވިލް ސާވިސް އިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވަމުން މިއަދުގެ ބައްދަލުވުމުގައި ނާސިހް ވިދާޅުވީ، ސިވިލް ސާވިސްގެ ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. 

ކޮމެންޓް (1)

ސިކުނޑި

24 ޖުލައި 2024
ނާސިހަށް ދަންނަވަން! އެކަހަލަ ހާލަތްތަކުގައި ޒިންމާދާރުގޮތަކީ އިސްތިއުފާ ދިނުން! އެޅިހާ ބަތަކަށް ރިހަ ވެގެންހުރެފައި ކުރީ ސަރުކާރޭ ކިއުމުގެ މާނައެއްނެތް! ހަވާލުވެގެން ހުންނަ މަގާމުގެ ޒިންމާ ނަގަން ކެރެންޖެހޭނެ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް