މަޖިލީހުގެ ޖަލްސާއެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަ ދައްކަވނީ. އޭނާ ވިދާޅުވީ ޒިންމާ އަދާނުކުރައްވާނަމަ ޕީޖީވެސް ވަކިކުރާނެ ކަމަށް: (ފޮޓޯ/ މަޖިލިސް)

ޒިންމާ އަދާނުކުރަންޏާ ޕީޖީ ވެސް މަގާމުން ވަކިކުރާނަން: މުހައްމަދު އައްބާސް

މުހައްމަދު އައްބާސް ނުރުހުން ފާޅުކުރެއްވި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރާ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭތީ
23 ޖުލައި 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމު ވެސް މަގާމުގެ ޒިންމާ އަދާނުރައްވާ ނަމަ ގަވަރުނަރު ވަކިކުރި ގޮތަށް މަޖިލީހުން އޭނާ ވެސް ވަކިކުރާނެ ކަމަށް ބުނެ ވެލިދޫ ދާއިރާގެ މެންބަރު މިއަދު ޕީޖީއަށް އިންޒާރު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މެންބަރު މުހައްމަދު އައްބާސް މިހެން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - މުހައްމަދު އައްބާސް ވިދާޅުވީ ޕީޖީ ޝަމީމު ވެސް އެ ބޭފުޅާގެ ގާނޫނީ ޒިންމާއަދާނުކުރެވޭ ނަމަ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލްއަކީ އެއިރެއްގައި އެ އޮންނަ ސަރުކާރެއްގެ ޕްރޮސެކިއުޓާ ޖެނެރަލެއް ނޫން. ނޫނީ ވަކި ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިސް ބޭފުޅުންގެ ޕްރޮސެކިއުޓާ ޖެނެރަލެއް ވެސް ނޫން. ދިވެހި ރައްޔިތުންގެ ޕްރޮސެކިއުޓާ ޖެނެރަލެއް،" މުހައްމަދު އައްބާސް ވިދާޅުވި އެވެ.

"އެ ބޭފުޅާ ވެސް އެބަޖެހޭ އެ ބޭފުޅާގެ ގާނޫނީ ޒިންމާ އަދާކުރަން. ނުކުރެއްވެއްޏާ މިހާރުން މިހާރަށް އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ. އެހެން ނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން ބޭރުކުރާނަން."

މުހައްމަދު އައްބާސް ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވެ ރައްޔިތުން އެދޭގޮތަށް ކަންކަން ނުކުރާ ބޭފުޅުން އިސް މަގާމުތަކުގައި ބަހައްޓަން މަޖިލީހުން ފުރުސަތެއް ނުދޭނެ ކަމަށެވެ. މިއީ އެއަށްވުރެ ނަޒާހަތްތެރި މަޖިލީހެއް ކަމަށް މުހައްމަދު އައްބާސް ވިދާޅުވި އެވެ. 

ޕީޖީއަށް ގާނޫނީ ގޮތުން ލިބިދޭ ބާރުތައް ބޭނުންކޮށްގެން ނުވަތަ ރައީސްގެ ހާއްސަ އިސްނެންގެވުމަކުން ވެސް ވާނުވާ ބަންދު ނޫނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ތިބުން ނިމުމެއް ގެންނަންޖެހޭ ކަމަށް މުހައްމަދު އައްބާސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ ހުރިހާކަމެއް މަތިކޮށްފައި ވަނީ ޕީޖީ އާއި ބަންޑާރަނައިބާއި ފަނޑިޔާރުންނަށް ކަމަށްވާއިރު އެ ފަރާތްތަކުން ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ކަމަށް އައްބާސް ވިދާޅުވި އެވެ. މުހައްމަދު އައްބާސްގެ ވާހަކައިގައި ބަހަނާ ނުދައްކާ ޝަރީއަތްތައް އަވަސްކުރަން ވެސް ގޮވާލެއްވި އެވެ.

އެނގުން މުހިންމު - އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. އެ ލަފަޔާ އެއްގޮތަށް ރައީސް ވަނީ އަލީ ހާޝިމް މަގާމުން ވަކިކޮށް އެ މަގާމަށް މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ހުންނެވި ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު ވަނީ އައްޔަންކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް