އޭސީސީގެ ރައީސް އާދަމް ޝާމިލް އާއި ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު. (ފޮޓޯ/އޭސީސީ)

އޭސީސީ

ކުޅިވަރުގައި ކޮރަޕްޝަން ހުއްޓުވަން އޭސީސީއިން 'ޕަޗަސް' އިފްތިތާހުކޮށްފި

ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ހިންގާ މި ކެމްޕޭންގެ އަމާޒަކީ ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން އިތުރުކުރުން

ކުޅިވަރުގެ ދާއިރާއިން ކޮރަޕްޝަން ނައްތާލައި އެ ދާއިރާގެ ނަޒާހާތްތެރިކަން ކުރިއެރުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އޭސީސީގެ 'ޕްރޮމޯޓިން އެންޓި ކޮރަޕްޝަން، އޮނެސްޓީ އެންޑް އެކައުންޓެބިލިޓީ އިން ސްޕޯޓްސް' (ޕަޗަސް) ކެމްޕޭން މިއަދު އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ތަފްސީލު - މި ކެމްޕޭނަކީ އޭސީސީ އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ކުޅިވަރުގެ ދާއިރާ ކޮރަޕްޝަނުން ސަލާމަތް ކުރުމާއި ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ.

ޕަޗަސް ކެމްޕޭންގައި ހިމެނޭ މުހިންމު ކަންކަމަކީ:

  • ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަނާއި އިދާރީ ހިންގުމުގައި ހުރި ކޮރަޕްޝަންގެ ހިރާސްތައް ދިރާސާކޮށް، ފިޔަވަޅު އެޅުމާ ގުޅޭ އަދި ނަޒާހަތްތެރި ކުރިއެރުވުމަށް ކުރެވޭނެ ކަންކަން ބެލުމަށް އޭސީސީއިން މިހާރު ވެސް ފަށާފައިވާ 'ކުޅިފަސް' ދިރާސާ ކުރުން

  • އިދާރާތަކާއި ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކާއި އެހެނިހެން މަސްއޫލުވެރި އިދާރާތަކުގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް (ހިންމި) ކުރިއަށްގެންގޮސް، ކޮރަޕްޝަންގެ ހިރާސް އޮތް މިންވަރު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ތަންފީޒު ކުރަން އެހީތެރިވުން

  • ކުޅިފަސް ދިރާސާ އާއި ހިންމި އެސެސްމަންޓުން ފާހަގަވާ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުން

  • ކުޅިވަރާ ގުޅިފައިވާ ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުންތަކާއި ކުޅިވަރާ ބެހޭ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މައްޗަށް ކުޅިވަރާ ގުޅޭ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންނާއި އާންމުން ހޭލުންތެރިކުރުވައި، ކުޅިވަރުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް