މިހާރު ރާއްޖޭގެ މާކެޓުގައި ވިއްކަމުން އަންނަ، ޑޮކްޓްރީ ބޭހުން ތަގައްޔަރުކޮށްފައިވާ މާމުއިގެ ދެ ބާވަތް.

ޖިންސީ އެދުންވެރިކަން ގަދަވާނެ ކަމަށް ބުނާ މާމުއި އެތެރެކުރުން މަނާކޮށްފި

ޑޮކްޓްރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނޭ

ޖިންސީ އެދުންވެރިކަމާއި ޖިންސީ ބަލިތައް ފަސޭހަކުރަން ބޭނުންކުރެވޭނެ ކަމަށް ބުނެ، ޑޮކްޓްރީ ބޭހުން ތަގައްޔަރުކޮށްފައިވާ މާމުއިގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއެފްޑީއޭއިން ބުނީ ރާއްޖޭގެ ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕޭޖުތަކުގައި ވިއްކާ މި ބާވަތުގެ މާމުޔަކީ ބޭހުގެ ދެ މާއްދާއެއް ކަމަށްވާ 'ޓަޑަލަފިލް' އަދި 'ސިލްޑެނަފިލް' އަޅައި ތަގައްޔަރުކޮށްފައިވާ މާމުއި ކަމަށެވެ.

އެ ދެ މާއްދާއަކީ ޖިންސީ އެދުންވެރިކަމާއި ޖިންސީ ބަލިތައް ފަސޭހަކުރަން ބޭނުންކުރާ ޑޮކްޓްރީ ބޭހެއް ކަމަށްވެ އެވެ.

ބުނީ ކީކޭ؟ - އެމްއެފްޑީއޭއިން ވަނީ 12 ސެޕްޓެމްބަރު 2022ގައި މިކަން އާންމުންގެ ސަމާލުކަމަށް ގެނެސް، އެ ބާވަތުގެ މާމުއި ބޭނުންކުރުމާއި ވިއްކުން މަނާކޮށްފަ އެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެ ބާވަތްތައް ވިއްކަމުންދާތީ، މިއަދު އެ އޮތޯރިޓީން ވަނީ މިފަދަ މާމުއި އެތެރެކުރުން މަނާކޮށްފަ އެވެ.

"ޑޮކްޓްރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެކެވެ،" އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައިވެ އެވެ.

"ވީމާ މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓު ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ."

ތަފްސީލު - އެމްއެފްޑީއޭއިން މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުން މަނާކުރި މާމުއި ބާވަތްތަކުގެ ލިސްޓުގައި ތަފާތު އަށް ބާވަތެއް ހިމެނެ އެވެ. އަދި މިއަދު އާންމުކުރި ލިސްޓުގައި ވެސް ދެ ބާވަތެއް ހިމެނެ އެވެ.

އެނގުން މުހިންމު - މިފަދަ އުފެއްދުންތަކަކީ އެމެރިކާގެ އެފްޑީއޭއިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަކޮށްފައިވާ އުފެއްދުންތަކެކެވެ.

ކޮމެންޓް (1)

އިބުރޭ

22 ޖުލައި 2024
އާބާދީ އިތުރުކުރަން ގޮވާލާއިރު ޖިންސީ އެދުންވެރިކަން ރަނގަޅުވާނެ ބޭސްތަކެއް ރައްޔިތުންނަށް ލިބޭނެގޮތް ހަދަން އެބަޖެހޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް