އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (ފޮޓޯ/ މަޖިލިސް)

ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ނިންމި މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އަލީ ހާޝިމް ވަކިކުރަން ފެންނަ ކަމަށް ރައީސްއަށް ލަފާ ދޭން މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި މާދަމާ ނަގާ ވޯޓުން
21 ޖުލައި 2024
1

ގަވަރުނަރު އަލީ ހާޝިމް އެމްއެމްއޭގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ އޭނާ މަގާމުން ވަކިކުރަން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ތަފްސީލް - ގަވަރުނަރު މަގާމުން ވަކިކުރަން ލަފާދޭން ނިންމީ މިދިޔަ ބުދަދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ޖަލްސާގަ އެވެ.

އެ ބައްދަލުވުމުގައި ވެސް ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިިކުރަން ރައީސް މުއިއްޒަށް ލަފާ ދޭން ފެންނަ ކަމަށް މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ، މި މައްސަލަ މި މަހުގެ ކުރީކޮޅު ކޮމިޓީއަށް ހުށަހެޅުއްވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. 

ގަވަރުނަރު ވަކިކުރަން ކޮމެޓީއަށް ފެންނަ ކަމަށް ރައީސްއަށް ލަފާދިނުމަށް ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެނގުން މުހިންމު - ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ރައީސްއަށް ދަންނަވަން ކޮމެޓީން ފާސްކުރި އިރު، އޭނާ މަގާމުން ވަކިކުރަން ރައީސްއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލައިގައި ޖަވާބުދާރީވާން ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވަން އެންގި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ތިން ދުވަހު ވެސް ވަޑައިގެންފައެއް ނުވެ އެވެ.

ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް އެދިވަޑައިގެން ހާޝިމް ވަނީ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ނަމަވެސް ލިޔުމުން ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދޭން ނުފެންނަ ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ފެންނަ ކަމަށް ރައީސްއަށް ލަފާ ދޭން މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.

ފަސްމަންޒަރު - ގަވަރުނަރު ހާޝިމް އޭނާގެ މަގާމުގެ ޒިންމާ އަދާކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ ނާޒިމް ހުށައެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ:

  • ރާއްޖޭގައި ހިންގާ ބޭންކްތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއެޅުއްވުން. އޭގެ ސަބަބުން، އިގްތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސާދީ މަސައްކަތްތައް ހުއްޓި އަދި ގައުމުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައި

  • ސަރުކާރުން މިހާރު ފައިސާ ހޯދަމުން އަންނަނީ ރާއްޖޭގެ ބާޒާރުން ކަމުން، އެ ބާޒާރު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅު، ގަވަރުނަރު އެކަން ކުރައްވަމުން ނުގެންދެވުން

  • ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި، ކުށް ކުރުން ހުއްޓުވުމުގެ ގޮތުން އެމްއެމްއޭގެ ގަވައިދުތައް އަދާހަމަކޮށްފައި ނުވުން

  • މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ 17 ނޮވެމްބަރުން ފެށިގެން މިވީ ހަތް މަސްދުވަހުގެ ތެރޭ އެމްއެމްއޭގެ ގާނޫނުގެ މައިގަނޑު މަގްސަދުތައް ހާސިލުކުރަން ސަރުކާރަށް ލަފާ ދިނުމާއި އެ މަގްސަދުތައް ހާސިލުކުރަން އަމަލީ ގޮތުން ހަރުދަނާ މަސައްކަތެއް ގަވަރުނަރު ކުރައްވާފައިނުވުން

ކޮމެންޓް (1)

ފިލްމީ

22 ޖުލައި 2024
ހީވަނީ އިނގިރޭސި ފިލްމެއްގެ މަންޒަރުހެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް