ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ ކާރުހާނާގެ އިމާރާތެއްގެ އެތެރެ. (ފައިލް ފޮޓޯ/މަޖިލިސް)

މިފްކޯ

މިފްކޯއިން މުވައްޒަފުން ވަކިކުރަން ފަށައިފި؛ މިހާތަނަށް 28 މީހުން

ސީނިއާ އަދި މިޑްލް މެނޭޖްމަންޓްގެ ވަޒީފާތަކުގައި ތިބި ވެރިންގެ އަސާސީ މުސާރައިން %20 ވެސް ވަނީ ކުޑަކޮށްފައި
21 ޖުލައި 2024
2

މިފްކޯގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މައްސަލަތައް ދެނެގަނެ އިސްރާފު ކުޑަކުރުމަށް، މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށާއި، ނަމަވެސް ފަރުވާ ކުޑަވެ، އޮފީހަށް ނައިސް ތިބި 28 މުވައްޒަފަކު މިހާތަނަށް ވަކިކޮށްފައިވާނެ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިފްކޯގެ ދަށް ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ދަނީ އަޑުތަކެއް ފެތުރެމުންނެވެ.

ތަފްސީލް - އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވީ މިދިޔަ ޖޫން މަހުން ފެށިގެން މިހާތަނަށް މީހުން ވަކިކޮށްފައިވަނީ ކޫއްޑޫގައި ހިންގާ މަސް ކާރުހާނާ އިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އެ ތަނުން 28 މީހުން ވަކިކޮށްފި

  • މިފްކޯގެ ދަށުން ހިންގާ އެހެން ތަންތަނުގެ ކަންކަން ބަލަމުން އެބަދޭ

  • އެެއްވެސް މުވައްޒަފަކު ސިޔާސީ ސަބަބަކަށް ވަޒީފާއިން ވަކިކޮށްފައެއް ނުވާނެ

  • ވަކި ކުރި މުވައްޒަފުންގެ ބަދަލަށް އާ މުވައްޒަފުން ނުނަގާނެ

  • މިވަގުތު އެންމެ ރަނގަޅަށް ހިންގެން އޮތީ ތިބި މުވައްޒަފުންނާ އެކު

"އޭގެ ހެއްކަކީ ޕީއެންސީއަށް ނިސްބަތްވާ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭނެ. އެ މީހުން ވަކިކުރީ ވަޒީފާއަށް ނުނިކުމެ އެތައް ދުވަހެއްވެ، ސަލާން ވެސް ފޮނުވަނީ މެންދުރުފަސްވާ ފަހުން، އެމްސީ ފޮނުވާފައި ހުރީ ޕޭރޯލްގެ ކަންކަން ނިމުނު ފަހުން،" ސައީދު ވިދާޅުވި އެވެ.

"އެ އެންމެންވެސް ވަކިކުރީ އެޗްއާރް ޕޮލިސީގެ ދަށުން."

މިފްކޯގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް 'މިފްކޯ އެފިޝަންސީ އެކްސަސައިޒް'ގެ ނަމުގައި ވަނީ ކަންތައްތަކެއް ކުރަން ނިންމާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ސީނިއާ އަދި މިޑްލް މެނޭޖްމަންޓްގެ ވަޒީފާތަކުގައި ތިބި ވެރިންގެ އަސާސީ މުސާރައިން %20 ކުޑަކުރުން؛ މީގެ ތެރޭގައި، މި ވަގުތު ހުސްކޮށް އޮތް ސީއީއޯގެ މަގާމުން ފެށިގެން ސީނިއާ މެނޭޖާ ރޭންކުގައި ތިބި ފަރާތްތައް ހިމެނޭ

  • މުސާރައިގެ ފަރަގުތައް ކުޑަކުރަން މުސާރައިގެ އޮނިގަނޑު އެއްގޮތް ކުރުން

  • ޕާފޯމަންސަށް ބަލައި ވަކިކުރަން ޖެހޭ މުވައްޒަފުން ވަޒީފާއިން ވަކިކުުރުން

  • ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ޕާފޯމަންސަށް ބަލައި ކޮންމެހެން ބޭނުންވާ މުވައްޒަފެއް ނޫން ނަމަ ވަކިކުރުން

  • 65 އަހަރުވުމަށް ފަހު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މީހުންނަށް ތިން މަހުގެ ނޯޓިސް ދިނުމަށް ފަހު ވަކިކުރުމާއި ހާއްސަ ހާލަތްތަކުގައި މެނުވީ ކޮންޓްރެކްޓް މުވައްޒަފުން ނުނެގުން

  • އެލަވަންސް ދިނުމުގެ އުސޫލަށް އިސްލާހު ގެނައުމަށްޓަކައި ޑެޕިއުޓީ ހެޑް އެލަވަންސާއި އިންޖީނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި ރިސްކް އެލަވަންސް އަދި ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުން

  • ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި އެހެން ހުރިހާ ފެރީ އެލަވަންސްތަކެއް ހުއްޓާލުން

  • ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުންގެ ކޮންޓްރެކްޓް މި މަހުގެ ފަހުން އާ ނުކުރުން

  • އިތުރު ގަޑީގައި ކޮންމެ މަސައްކަތްކުރަން ޖެހިގެން ނޫނީ މަސައްކަތް ނުކުރުވުން

  • އަމިއްލަަ އިހުތިޔާރުގައި ވަޒީފާއިން ވަކިވާން ބޭނުންވާ މީހުންނަށް ތިން މަހުގެ ޕެކޭޖަކާ އެކު ވަކިވުމުގެ ފުރުސަތު ދޭން ހުޅުވާލުން

އެނގުން މުހިންމު - މަސްވެރިންނަށް ފައިސާ ނުދީގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކައިރީގައި ގިނަ އަދަދެއްގެ މަސްވެރިން މިދިޔަ މަހުގެ ތެރޭގައިވަނީ މުޒާހަރާކޮށްފަ އެވެ. 

ކޮމެންޓް (2)

ކަޅުބިލަ މަސް

21 ޖުލައި 2024
ރަންގަޅު ވަޒީފާއަށް ފަރުވާކުޑަ ހުރިހާމީހުން ގެއަށްފޮނުވަންވީ ވަގުތު މިއީ ހަމައެއާއެކު ކުންފުނި ހިންގަންވާނީ ސިޔާސީ ފިކުރު މުޅިންނައްތާލާފަ އަދިހަމަ އެންމެ ފައިދާބޮޑުގޮތައް.
7 1

އެކޮނޮމިސްޓް

23 ޖުލައި 2024
@ކަޅުބިލަ މަސް ރަނގަޅު ކަމެއްވެސް އެހެން މަގްސަދެއްްގައި ކުރެވިދާނެ. މި ނިންމުމަކީ ކޮންމެހެން އިހްލާސްތެރިވެގެން ކުރާ ކަމެއް ނޫންކަން ޔަޤީން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް