ކްރިމިނަލް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާރާމާރީ

އުމުރުން 22 އަހަރު؛ 27 ވަނަ ފަހަރަށް ހައްޔަރުކުރީ ލޯބިވެރިޔާއަށް ވަޅިން ހަމަލާދީގެން

އޭނާ 30 ދުވަހަށް ބަންދުކުރަން ނިންމައި ކޯޓުން ނެރުނު އަމުރުގައި ބުނީ ޖިނާއީ ދެ ދައުވާއެއް އޭނާގެ މައްޗަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް
17 ޖުލައި 2024

ލޯބިވެރިޔާއަށް ވަޅިން ހަމަލާދިން އުމުުރުން 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، 30 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިއްޔެ ދީފި އެވެ.

ވީ ކިހިނެއް؟ - އޭނާގެ ބަންދާ މެދު ގޮތެއް ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމި ގޮތުގެ ބަޔާނުން އެނގޭ ގޮތުގައި، އޭނާގެ ބަންދުގައި 26 ރެކޯޑު އެބައޮތެވެ.

ތަފްސީލް - އެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ރުޅިިއައިސްގެން ހިނގި ޒުވާބެއްގައި ލޯބިވެރިޔާއަށް ވަޅިން ހަމަލާ ދީ، މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އެ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ:

  • އަނިޔާގެ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް ހެކި ހުށަހަޅާފައިވޭ 

  • ބަންދުން ދޫކޮށްލައިފި ނަމަ، އަނެއްކާވެސް ލޯބިވެރިޔާއަށް އަނިޔާކުރުމުގެ ފުރުސަތު އެބައޮތް

  • ދިފާއުގައި އެއީ ރުޅި އައިސްގެން ހިނގި ޒުވާބެއް ކަމަށާއި އަނިޔާކޮށްފައި ނުވާނެ ކަމަށް ބުނެފައިވޭ

  • އޭނާއަކީ ޑައިވިނަށް ދާ މީހެއް ކަމަށާއި ދަބަހުގައި އޮތް ވަޅިއަކީ ޑައިވިނަށް ދާއިރު ބޭނުންކުރާ އެއްޗެއް ކަމަށް ބުނެފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް