މޭރީ މަރާލި މައްސަލައިގައި ދައުވާއުފުލާފައިވާ ލަމްހާ އާއި މާވިން

މޭރީގެ މަރު

މޭރީގެ މަރު: ހައި ކޮމިޝަނުގެ ހުއްދަތަކެއް ނުލިބިގެން 2 ޑޮކްޓަރެއްގެ ހެކިބަސް ނުނެގުނު

އެމްބަސީން ލިބެން ޖެހޭ ހުއްދަތަކެއް ނުލިބިގެން މޭރީގެ ޕޯސްޕޯޓަމް ހެދި ޑޮކްޓަރުންގެ ހެކިބަސް ނެގުން ވެސް އޮތީ މަޑުޖެހިފައި

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ލިބެން ޖެހޭ ހުއްދަތަކެއް ނުލިބިގެން، އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލާގައި ހުށަހަޅާފައިވާ ދެ އިންޑިއާ ޑޮކްޓަރުންގެ ހެކިބަސް ނެގުން މިއަދު ވެސް ފަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ތިން ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވާލުކޮށްފައިވެ އެވެ. އެއީ އިންޑިއާގައި ތިބި ބޭރުގެ ދެ ޑޮކްޓަރުންނާއި ރާއްޖޭގައި ދިރިއުޅޭ ޕިލިޕީންސްގެ ރައްޔިތެއްގެ އެވެ. 

ނަމަވެސް، މިއަދުގެ އަޑުއެހުން ފަށަމުން، ދައުލަތުން ވަނީ، އޭގެ ތެރޭގައި ހިމެނޭ އިންޑިއާގައި ތިބި ބޭރުގެ ދެ ޑޮކްޓަރުންގެ ހެކިބަސް ނެގުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް އެދިފަ އެވެ. ވަކީލު އައިމިނަތު ޝާމާ ނަސީރު ވިދާޅުވީ، އެ ހެކިވެރިން އެމްބަސީއަށް ހާޒިރުކުރުމުގެ ކުރިން ގާނޫނީ ގޮތުން ސާފުކުރަން ބޭނުންވާ ކަންތައްތަކެއް ހުރި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެނގުން މުހިންމު - ރާއްޖޭން ބޭރުގައި ތިބޭ މީހުންގެ ހެކިބަސް ނަގަމުން އަންނަނީ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީއަކަށް ހާޒިރުކޮށްގެން އޮންލައިންކޮށެވެ.

އެއީ ދިވެއްސަކަށްވާ ނަމަ، ހެކިބަސް ނަގަނީ، އެ މީހަކު އެމްބަސީއަށް ހާޒިރުކޮށް، ރާއްޖޭގެ އެމްބަސީގެ ފަރާތުން އަންޑަ ސެކްރެޓަރީއެެއްގެ ހާޒިރުގަ އެެވެ. ނަމަވެސް، ހެކިބަސް ނެގުމަށް ބޭރުގެ ރައްޔިތަކު އެމްބަސީއަށް ހާޒިރުކުރާ ނަމަ އެ ގައުމެއްގެ ސަރުކާރުގެ ހުއްދަ ނަގަން ޖެހެ އެވެެ. 

ތަފްސީލް - މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން، ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ވަކީލު މުހައްމަދު ޔާމީން ފުރުސަތަކަށް އެދިވަޑައިގެން، އެ މައްސަލާގައި ހުށަހަޅާފައިވާ ބޭރު ޑޮކްޓަރުންގެ ހެކިބަސް ނެގުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޔާމީން ވިދާޅުވީ، އެ ދެ ޑޮކްޓަރުންނަކީ ހަމައެކަނި ދައުލަތުގެ ހެކިވެރިން ނޫން ކަމަށާއި ދިފާއުން ހުށަހަޅާފައިވާ ހެކިވެރިންގެ ތެރޭގައި ވެސް ހިމެނޭ ބައެއް ކަމަށެވެ. އެމްބަސީން ލިބެން ޖެހޭ ހުއްދަތަކެއް ނުލިބިގެން، މޭރީގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުންގެ ހެކިބަސް ނެގުން ވެސް މަޑުޖެހިފައި އޮތްކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

ޔާމީން އެދިވަޑައިގަތީ، ފޮރިން މިނިސްޓްރީން ސާފުކުރަން ބޭނުންވާ ގާނޫނީ ކަންކަމަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާއި ކޯޓަށް އެއްބާރުލުން ދިނުމަށް ކޯޓުން އެންގުމަށެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލު ސާމާ ވިދާޅުވީ، ކުރިމަތިވެގެން އުޅޭ ދައްޗަކީ ހެކިވެރިންގެ އެއްބާރުލުން ނުދިނުން ނޫން ކަމަށާއި ހެކިބަސް ދޭން އެ ދެ ހެކިވެރިން ވެސް ތިބީ ތައްޔާރަށް ކަމަށެވެ. 

"ހެކިވެރިންނަށް ހެކިބަސް ދެވޭނީ އެމްބަސީއަށް ވަދެވިގެން. ފޮރިން މިނިސްޓްރީން ސާފުކުރަން ބޭނުންވާ ގާނޫނީ ކަންކަމުގެ ތަފްސީލެއް ނުދޭ. ލަސްވަނީ އެ ކަންކަން ހަމަނުޖެހިގެން،" އެކަމުގައި ދެން އަމަލުކުރާނެ ގޮތަކާ މެދު ބަންޑާރަ ނައިބުގެ ލަފައަކަށް މިހާރު އެދިފައިވާކަން ފާހަގަކުރައްވައި ސާމާ ވިދާޅުވި އެވެ.

އެއަށް ފަހު، މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ، ހެކިބަސް ނެގުމުގެ އަމުރު ކޯޓުން ފޮނުވާފައިވާ ކަމަށާއި ފޮރިން މިނިސްޓްރީން ސާފުކުރަން ޖެހޭ ކަންކަމުގެ މައްސަލާގައި ކޯޓަށް ހޯދައިދެވޭނެ ފަރުވާއެއް ނެތް ކަމަށެވެ.

އެތަނުގެ އުސޫލުތަކަށް އިހުތިރާމުކުރަން ޖެހޭނެކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ، އެކަމުގައި އިތުރު ކޯޓު އަމުރެއް ނެރެންޖެހޭ ނަމަ، އެކަން ކުރައްވާނެ ކަމަށެވެ. އެކަަމަކު މިވަގުތަށް އެފަދަ އަމުރެއް ނެރެން ޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ތަކުރާރުކޮށް ހެކިބަސް ނެގުން ކުރިއަށް ގެންދެވޭ ގޮތް ނުވާ ނަމަ، އެ ހެކިވެރިންގެ ހެކިބަސް ނުނަގާ ގޮތަށް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެނގުން މުހިންމު - މިއަދު ހެކިބަސް ނަގާފައިވަނީ، މޭރީ މަރުވެފައި އޮއްވާ ފެނުނު، މ. އުދުހޭކޮކާގައި ކުއްޔަށް ދިރިއުޅެމުންދިޔަ ޕިލިޕީންސްގެ ރައްޔިތެއްގެ އެވެ. އޭނާ ބުނިގޮތުގައި:

  • މޭރީ ދިރިހުއްޓާ އެންެމެ ފަހުން އޭނާއަށް ފެނިފައިވަނީ، މޭރީ މަރުވި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޮފީހަށް ދިއުމަށް ގެއިން ނުކުންނަނިކޮށް.

  • މޭރީ އޮފީހަށް ދިޔައީ، ބޭބެއަކު އަންނާތީ ކެއުމެއް ތައްޔާރުކޮށްފައި 

  • މޭރީ މަރުވި ކަމުގެ ހަބަރު ލިބުނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި

މޭރީ މަރުވި ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމުން ހެކިވެރިޔާ ބުނީ، އެ މަރާ ގުޅޭ މާ ބޮޑު މައުލޫމާތެއް ނޭނގޭ ކަމަށާއި އޭނާއަށް ހަބަރު ލިބުނީ ފާހާނާގެ އިސްކުރެއްގެ މައްސަލާގައި ދެ މީހުންގެ ދެމެދުގައި މައްސަލައެއް ޖެހުނުކަމާއި ހެކިވެރިޔާ ދިރިއުޅުނު ކޮޓަރީގެ ތެރޭ މޭރީ އަމިއްލައަށް މަރުވިކަން ކަމަށެވެ. 

މޭރީ މަރުވެފައި އޮއްވާ ގޭތެރެއިން ނުފެންނަ ކަމަށާއި މޭރީ ފެނުނީ މޯޗަރީގައި އޮއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް