ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ހައުސިން މިނިސްޓަރު ކޮމިޓީއަށް ހާޒިރުނުވެގެން މެންބަރުން ހިތްހަމަނުޖެހިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިއަދު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެ މިނިސްޓްރީގެ އިސްވެރިން ހާޒިރުވެފައި ނުވާތީ ކޮމެޓީގެ މެންބަރުން ވަރަށް ބޮޑަށް ނުރުހުންވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕެޓިޝަން ކޮމެޓީގައި މިއަދު ތާވަލްކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމެވެ.
ތަފްސީލް - ކޮމެޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ މިނިސްޓަރަށް ކޮމެޓީއަށް ހާޒިރުނުވެވުނީ ކެބިނެޓް ބައްދަލުވުމެއްގައި އިންނެވުމުގެ ސަބަބުން ކަމަށެވެ. އަދި މިނިސްޓަރުގެ ފަރާތުން އެކަން ކޮމެޓީއަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ. މެންބަރުން ނުރުހުންވީ ކޮމެޓީ ފަށަން ތާވަލުކޮށްފައިވާ ގަޑީގައި އެންމެ ފަހު ވަގުތު އެކަން ކޮމެޓީއަށް އެންގުމުންނެވެ. ކޮމެޓީ ފަށަން ތާވަލުކޮށްފައި ވަނީ ހެނދުނު 11:00 ގައެވެ.
މުގައްރިރު އެހެން ދުވަހަކަށް އެ ބައްދަލުވުން ތާވަލުކުރަން ހުށައެޅުއްވި އެވެ.
އެކަމާ ނުރުހުން ފާޅުކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ކޮމެޓީއަށް ހާޒިރުވާން މިނިސްޓަރަށް ދުރާލާ އެކަށީގެންވާ ވަގުތު އޮއްވާ އަންގާފައިވާ ކަމަށާއި ހަމަ އެގޮތަށް މިނިސްޓަރު ވެސް ކޮމެޓީއަށް ހާޒިރުނުވޭވެ ނަމަ ކުރިއާލާ އެންގުމުން ކޮމެޓީގެ މަސައްކަތަކަށް ވެސް ބުރުނާރާނެ ކަމަށެވެ.
"މިކޮމެޓީއަކުން ސަރުކާރަކަށް ދެރަވާގޮތެއް އަދި ރައްޔިތުންނަށް ދެރަވާގޮތެއް ވެސް ނަހަދާނެ،" އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވިދާޅުވީ ކޮމެޓީއަށް ހާޒިނުވެވޭނެކަން އަންގަންޖެހޭނީ އެންމެ ފަހުވަގުތުނޫން ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ މީގެ ދެ ދުވަސްކުރިން އެޖެންޑާ ލިބިގެން ކޮމެޓީއަށް ހާޒިރުވެ، ކޮމެޓީގައި މިތިބީ. މީކީ ވަޒީރަށް ހާޒިރުނުވެވޭނެކަން އެންގެންވީ ވަގުތެއް ނޫން، މިއަށްވުރެ ފުރިހަމަކޮށް ޒިންމާދާރުކޮށް މިނިސްޓްރީގެ ކަންކަން ހުންނަންވާނެކަމަށް އަޅުގަނޑު ގަބޫލުކުރައްވަނީ،" ޒިޔާދު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެން މުގައްރިރު މިނިސްޓަރަށް ހާޒިރުނުވެވުނު ސަބަބު ރިކޯޑުގައި އަންގާލަދިނުން."
ޒިޔާދުވަނީ މަޖިލީހުގެ ތަޅުމުގައި މުހިންމު ބިލުތަކަށް ބަހުސްކުރަމުންދަނިކޮށް އެތަން ދޫކޮށް ކޮމެޓީއަށް ހާޒިރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު ވެސް ވަނީ މިނިސްޓަރުގެ އެ އަމަލާ މެދު ނުރުހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިއަދު ތާވަލުކޮށްފައި އޮތް މައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި ވަރަށް މުހިންމު ހައްސާސީ މައްސަލައެއް ކަމަށެވެ.
"ކޮމެޓީއަށް ހާޒިރުނުވެ އެންމެ ފަހުވަގުތު އުޒުރެއް ނަމަވެސް އެހެންކަމެއް ދިމާވެގެންވެސް އެންމެ ފަހުވަގުތު ހާޒިނުވެވޭކަން އެންގުމަކީ އެއީ ގަބޫލުކުރަން އެހާ ފަސޭހަކަމެއްނޫން." އަބްދުއްލަތީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮމެޓީގެ މަސައްކަތްތައް ރާވާފައި ހުންނަނީ މެންބަރުންނާއި މިނިސްޓަރުންގެ މަސައްކަތަށް ވެސް ދަތިނުވާގޮތަށް ކަމަށެވެ.
"އެހެންވީމާ ދުރާލައި އަޅުގަނޑުމެން މިނިސްޓްރީއަށް އަންގާފައި، ސިޓީ ފޮނުވިފައި އޮންނާނީ، މިނިސްޓްރީން ވެސް ހަމަ އެގޮތަށް އަމަލުކުރަން ޖެހޭނީ، މިނިސްޓަރު ވެސް އަޅުގަނޑު ގަބޫލުކުރަނީ އަމަލުކުރައްވަން ވާނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ރަނގަޅަށް ގެންގޮސް ދޭން. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ހުންނާނެ." އަބްދުއްލަތީފް ވިދާޅުވި އެވެ.
ޕީއެންސީއަށް ނިސްބަތްވާ އެ މެންބަރު އިތުރަށް ވިދާޅުވީ އެ ކޮމެޓީގައި އެޕާޓީގެ މެޖޯރިޓީ އޮތްނަމަވެސް ރައްޔިތުންނަށް މުހިންމު ހައްސާސީ އެފަދަ މައްސަލައެއްގައި މިނިސްޓަރަށް އެހާ ޒިންމާދާރުކޮށް އަމަލުތައް ބެހެއްޓޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މިއީ މިކަމާ ދޭތެރޭ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ނަގާނަން މި މައްސަލަ. ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން އެންގީމަ މިނިސްޓަރު އެކަމަށް ދައްކާނެ އުޒުރެއް ނޯންނާނެ، ބަހަނާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ކޮމެޓީގެ މުގައްރިރު ވިދާޅުވީ ކޮމެޓީއަށް ހާޒިރުވާން މިނިސްޓްރީއަށް ސިޓީ ފޮނުވިއިރު މިނިސްޓަރު ހާޒިރުވާން އަންގާފައިނުވާނެ ކަމަށާއި އަންގާފައިވަނި މިނިސްޓްރީގެ ފަރާތުން ބޭފުޅުންތަކެއް ހާޒިރުވާން ކަމަށެވެ. އަދި އެ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގަންނަވަން އެދިލެއްވީ މިނިސްޓަރު އަމިއްލަފުޅަށް ބޭނުންފުޅުވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
"ދެންމެ އަޅުގަނޑުމެންނަށް ލިބުނު ސިޓީއެއްގައި އޮތީ މިއަދުގެ 11 ޖަހާއިރަށް ކެބިނެޓް މީޓިން ނިމޭނެ ކަމަށް ލަފާކޮށްފައި ގަޑި ދީފައި އޮތީ. ކަން ދިމާކުރި ގޮތުން ކެބިނެޓް މީޓިން ނިމިފައި ނުވާތީވެ ހައުސިން މިނިސްޓަރަށް ވަޑައިނުގަނެވުނީ. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ މިނިސްޓަރަށް ވަޑައިނުގަނެވުނަސް، މިނިސްޓަރުގެ ޓީމުގައި ހިމެނޭ ތިން ބޭފުޅުން މިއަދުގެ ކޮމިޓީ އަށް ހާޒިރުވާން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރުގެ އަމަލާ މެދު ނުރުހުން ފާޅުކުރެއްވުމަށް ފަހު މެންބަރުން ނިންމީ ވީހާ ވެސް އަވަހަކަށް ހައުސިން މިނިސްޓްރީގެ މެންބަރުން ކޮމެޓީއަށް ހާޒިރުކުރުމަށެވެ. ކޮމެޓީ ބާއްވާނެ ތާރީހެއް ކަނޑައެއް ނާޅާ އެވެ.
ފަސްމަންޒަރު - ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި "އުސޫލާ ހިލާފަށް ލިސްޓެއް އިއުލާންކޮށް" ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އޭސީސީ އިން، އެ ފްލެޓްތައް ހަވާލުކުރުން ހުއްޓުވި އެވެ.
އޭސީސީ އިން ބުނެފައިވާ ގޮތުގައި ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން:
-
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ %20.7 ފޯމުތަކުގައި
-
ޝަރުތު ހަމަވި ނަމަވެސް، %19.7 ފޯމުގައި މައްސަލަ ހުރި
-
ފޯމުތަކުގެ %59.6 ޝަރުތު ހަމައެއް ނުވޭ