ފެނަކަ އޮފީސް ހުންނަ އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފެނަކައިގެ 60 މަޝްރޫއު ނުނިމެނީސް ބަޖެޓު ހުސްކޮށްލި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ފެނަކައިގެ 60 މަޝްރޫއުއަކަށް ކަނޑައެޅި ބަޖެޓު ހުސްކޮށްލިއިރު ނިންމުނީ އެންމެ 14 މަޝްރޫއު؛ އޭސީސީއިން މިހާރު ބަލަމުން އަންނަނީ މިކަމުގައި މާލީ އިތުރު މަންފާ ލިބުނު މީހުންނާއި ނުހައްގު މުއްސަނދިކަން ހޯދި ގޮތް

ފެނަައިން ހިންގި 60 މަޝްރޫއެއް ނުނިމެނީސް އެ ހުރިހާ މަޝްރޫއަތަކަށް ބަޖެޓުކުރި ފައިސާ ހުސްކޮށްލާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އޭސީސީއިން މިހެން ބުނީ މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މެމްބަރު އެދިވަޑައިގަތީ ފެނަކައިން އިން-ހައުސްކޮށް ހިންގި މަޝްރޫއުތަކަކާ ބެހޭ ގޮތުން އޭސީސީއިން ބަލަމުން އަންނަ މައްސަލައިގެ ތަފުސީލުތައް ހިއްސާކޮށްދިނުމަށެވެ.

އޭނާގެ ކަންބޮޑުވުމަކީ ފެނަކައިން 60 މަޝްރޫއު އިއުލާންކޮށް، ބަޖެޓުކުރި ކަމަށާއި އޭގެ ތެރެއިން 14 މަޝްރޫއު ނިމުނު ނަމަވެސް ބަޖެޓުކުރި ހުރިހާ ފައިސާ ހަރަދުކޮށް ހުސްކޮށްލުމުންނެވެ. އެހެންވެ، އެ މަޝްރޫއުތައް ކުރިއަށްގެންދިޔަ ގޮތާއި ގިނަ މަޝްރޫއުތައް ނުނިމި ހުއްޓައި ބަޖެޓު ހުސްވީ ކީއްވެތޯ އޭނާ ވަނީ އޭސީސީއާ ސުވާލުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - މެމްބަރުގެ ސުވާލުތަކަށް ޖަވާާބުދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކޮމިޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެފަދަ މައްސަލައެއް ބަލަމުން އަންނަނިކޮށް، ކާކުކަން ނޭނގޭ މީހެއްގެ ފަރާތުން އިތުރު މައްސަލައެއްގެ ގޮތުގައި ފެނަކައިގެ 60 މަޝްރޫއަކާ ގުޅޭގޮތުން މައްސަލައެއް ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ބަލައި ޕްރެލިމިނަރީ އެސެސްމަންޓު ނިމިފައިވާއިރު، މިހާރު ބަލަމުން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، މާލީ އިތުރު މަންފާ ލިބުނު މީހުން ބަލައި ނުހައްގު މުއްސަނދިކަން ހޯދި ގޮތެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

"ނުހައްގު މުއްސަނދިކަން ލިބިގަނެފައި އޮތް ގޮތް އަޅުގަނޑުމެންނަށް ދެނެގަނެވެން އޮންނާނީ އެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ނެޓް ވޯތު އެނަލަސިސް ހެދިގެން. އެ މީހުން ބޭންކު ޓްރާންސެކްޝަންތައް ހިންގާފައި ހުރި ގޮތުގެ ޓްރާންސެކްޝަން އެނަލަސިސް ހެދިގެން. އެ މީހުން މާލީ މަންފާ ލިބިގަނެފައި ހުރި ގޮތުގެ އެނަލިސިސް ހެދިގެން. އެ މަސައްކަތް ދެން ފަށާނީ،" ޝާމިލް ވިދާޅުވި އެވެ.

މި ކަމުގައި ހިމެނޭ މީހުން ނުހައްގުން މުއްސަނދިކަން ލިބިފައި އޮތްތޯ އާއި ކޮން ކަހަލަ މުއްސަނދިކަމެއްތޯ އަދި ވަކި ކަހަލަ ކުންފުނިތަކެއް ބޭނުންކޮށްގެން ފައިދާ ލިބިގަނެފައި އޮތްތޯ، ޖިނާއީ މިންގަނޑުތަކުގެ ތެރެއިން ދެނެގަނެވޭނީ، ޝާމިލް ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ފަހު އެވެ.

ތަފްސީލު - އޭސީސީއިން މި މައްސަލައިގެ ތަހުގީގު ބައްޓަން ކުރަމުން އަންނަނީ ފަސް ކުށެއްގެ ނިސްބަތުންނެވެ. އެއީ:

  • 1-

    މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުން

  • 2-

    މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުން

  • 3-

    ހިޔާނާތް

  • 4-

    ރިޝްވަތު

  • 5-

    ނުހައްގު މުއްސަނދިކަން

"ހާއްސަކޮށް ނުހައްގު މުއްސަނދިކަމުގެ އަދަދުތައް ދެނެގަތުމަށްޓަކައި ވަރަށް މުހިންމުވޭ އެ މީހުން ލިބިގަނެފައި ހުރި މުއްސަނދިކަން ބަލައި، [އެ މީހުންގެ] ނެތު ވޯތަކީ ކޮބައިތޯ ބަލައި، އޭގެއިން ޖާއިޒް އާއި ނާޖާއިޒް އަޅާކިޔައި ވަކިކުރަން. އެއީ އަޅުގަނޑުމެންގެ ފޮރެންސިކް ބޭފުޅުންގެ މަސައްކަތް އެ އަންނަނީ. އެއީ ތަންކޮޅެއް ގިނަ ވަގުތު ވެސް ނަގާ ކަމެއް،" ޝާމިލް ވިދާޅުވި އެވެ.

ފެނަކަ އޮފީސް ހުންނަ އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މިފަދަ މައްސަލަތަކުގައި ދިމާވާ ހުރަހެއްގެ ގޮތުގައި ޝާމިލް ވިދާޅުވީ ބޭންކުތަކުން ހޯދަންޖެހޭ މައުލޫމާތު ލިބުމުގައި ހުރި ދަތިތަކެވެ.

"އެމްއެމްއޭއިން އެ ބޭފުޅުންގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރޭގައި، އެންމެ ފުރިހަމައަށް އެންމެ މި ޒަމާނާ ގުޅޭގޮތަށް ގަވާއިދާ އެއްޗެހި ނުހެދި ހުރީތީ،" ޝާމިލް ވިދާޅުވި އެވެ.

"ބޭންކިން އެސްޕެކްޓުން އެ ބޭފުޅުން [އެމްއެމްއޭ] ގަވަނިން ބޮޑީއެއް، އޯވަސީކުރަންޖެހޭ ސެންޓްރަލް ބޭންކުގެ ހައިސިއްޔަތުން އެ އަދާކުރާ ޒިންމާ ރަނގަޅަށް ބަލަން ޖެހޭ އެބަ."

ގުޅުންހުރި ކަމެއް - މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފެނަކައިން ހަވާލުކުރި 25 މަޝްރޫއެއްގެ މައްސަލަ ބަލައިދިނުމަށް އެދި އެ ކުންފުނިން ހުށަހެޅި މައްސަލައެއް އޭސީސީއިން ވަނީ މިދިޔަ އޭޕްރީލްގެ ތެރެއިން ބަލަން ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް