ސަރުކާރުގެ އެންމެ ބޮޑު އޮފީސް އިމާރާތް ވެލާނާގެ: ސިވިލް ސާވިސްއަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ އެއް ދާއިރާ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

މިނިވަން މުއައްސަސާތަކާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަަ އެއްވަރުކުރަން ޖެހޭ: އަލީ ހުސެއިން

މިހާރު އޮންނަ ގޮތުން ދައުލަތުގެ އެކި މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވުމަކީ މައްސަލައެއް ކަމަށް ވެސް ކުރީގެ މެމްބަރު ވިދާޅުވި
16 ޖުލައި 2024

މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އެއްވަރުކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖ އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ބޮޑުކަމުގެ މައްޗަށް 'ދައުރު'ގެ އާ ޕޮޑްކާސްޓް ޝޯ 'މޫސާ ލަތީފް'އަށް ދެއްވި އިންޓަވިއުއެއްގައި އަލީ ވިދާޅުވީ އެ ފަރަގު ކުޑަކުރެވޭނީ ދައުލަތުން މުސާރަ ދޭ މަގާމުތަކުގެ މުސާރަ އެއްވަރުކޮށްގެން ކަމަށެވެ.

ތަފުސީލް - ދައުލަތުގެ ދެ އިދާރާއެއްގައި އޮންނަ އެއް މަގާމަކަށް މިހާރު މުސާރަ ލިބޭ ގޮތް ތަފާތެވެ. މިސާލަކަށް މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނާއި ސިވިލް ސާވިސްގައި ހަމަ އެއް މަގާމެއް އަދާކުރާ މުވައްޒަފުގެ މުސާރައިގެ ފަރަގު ބޮޑެވެ. ގާނޫނީ ވަކީލް އަލީ ވިދާޅުވި ގޮތުގައި އެ ފަރަގު އެއްވަރުކުރަން ޖެހެ އެވެ.

"އަޅުގަނޑު ގަބޫލެއްނުކުރަން އެއް ބާވަތެއްގެ މަސައްކަތްކުރާ މީހުންގެ މުސާރަ ތަފާތު ވާން ޖެހޭނެ ކަމަކަށް،" އަލީ ވިދާޅުވި އެވެ.

"މިސާލަކަށް ޕްރޮސިކިއުޓަ ޖެނެރަލްގައި މަސައްކަތްކުރާ ލޯޔަރެކޭ އެހެން މިނިސްޓްރީއެއްގެ ލޯޔަރެކޭ މުސާރައިގެ ގޮތުން ހަމަހަމަވާން ޖެހޭނީ. އޭރުން ރަނގަޅުވާނެ."

ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސެއިން 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިނިވަން މުއައްސަސާތަކާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިގެ ފަރަގުގައި ގާތްގަނޑަކަށް %35 ވަރު އުޅޭނެ ކަމަށް، މިނިވަން މުއައްސަސާތަކުގައި ކުރިން މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ވިދާޅުވި އެވެ. އެކަމަކު އެ ތަފާތު އަންނަން ޖެހޭ ސަބަބުތަކެއް ވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވި އެވެ.

އެއް ކަމަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ވުރެ މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރަން އޮންނަ ފުރުސަތު ކުޑަވުމެވެ. މިސާލަކަށް ވަކީލެއް ނަގާ ނަމަ ސިވިލް ސާވިސްގެ ވަކީލު އޮފީސް ގަޑީގައި ވެސް އޭނާގެ އަމިއްލަ މަސައްކަތުގައި ކޯޓަށް ހާޒިރުވެ، ވަކާލާތުކޮށްފާނެ އެވެ. އެކަމަކު މިނިވަން މުއައްސަސާތަކުގެ ވަކީލުންނަށް އެގޮތަށް މަސައްކަތްކުރުން މަނަ އެވެ.

"ސިވިލް ސާވިސްގައި އުޅޭ މީހަކު ސިޔާސީ ޕާޓީތަކަށް ވެސް ވަދޭ. ސިޔާސީ ހަރަކާތްތަކުގައި ވެސް އުޅެވޭ. އެހެންނެއް ނޫޅެވޭނެ މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަކަށް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"އެ ހުރިހާ ކަމަކަށް ބަލާފައި އަޅުގަނޑަށް ހީވަނީ މި ދެ ބައިގެ މުސާރަ އެއްވަރުނުކުރެވޭނެހެން."

އަލީ ވިދާޅުވި ގޮތުގައި ގިނަ މީހުންގެ ޝަކުވާ ބޮޑުވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ، ދައުލަތުގެ އެހެން ވަޒީފާތަކުގެ މީހުންނަށް ވުރެ މާ ކުޑަވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް