މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް: އޭނާ ގޮވާލެއްވީ ފްލެޓާއި ގޯތި އަވަހަށް ހަވާލުކުރަން (ފޮޓޯ/ މާލޭ ސިޓީ ކައުންސިލް)

ފްލެޓާއި ގޯތި ނުދެވިގެން އުޅެނީ އިގްތިސޯދީ އަނދަވަޅެއްގައި އޮތުމުންނޭ ބުނާ އަޑު އަހާކަށް ރައްޔިތުން ބޭނުމެއްނުވޭ: އާޒިމް

މާލޭގެ މޭޔަރު ވިދާޅުވީ ގެދޮރުވެރިކަމުގެ ހައްގުތައް ފުރިހަމަކޮށްދިނުމަކީ އެއްވެސް ސަބަބަކާ ހުރެ ލަސްކުރެވިދާނެ ނުވަތަ ހުއްޓާލައިގެން ތިބެވިދާނެ މައްސަލައެއް ނޫން ކަމަށް

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓާއި، ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހިންގި ސްކީމްތަކުން ލިބުނު ތަންތަން ނުދިީ ހިފެހެއްޓުމުގެ ސަބަބަކަށް ރާއްޖޭގެ މާލީ ހާލަތު ދަށްވެ، އިގްތިސޯދު އަނދަވަޅަކަށް ވެއްޓުން ނުހެދުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އާޒިމް އެގޮތަށް ގޮވާލެއްވީ އަލަށް އުފައްދާފައިވާ ފްލެޓް ކޮމިޓީން މާލެ ސަރަހައްދުން ފްލެޓާއި، ގޯތި ދިނުމުގެ މައްސަލާގައި މާލޭ ސިޓީ ކައުންސިލުގެ ލަފައަކަށް އެދިފައިވާތީ އެކަމާ ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ފްލެޓް ކޮމިޓީން ލަފާ ހޯދުމަށް އެދިފައިވާ މައްސަލާގައި އަޑުއުފުލާ ބައެއް ފަރާތްތަކާ އެކު ވެސް މާލޭ ސިޓީ ކައުންސިލުން މިއަދު ބަދަލުވުމެއް ބޭއްވި އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމީހުން ބައިވެރިކުރި އެވެ.

އެއްޗެއް އަތުލަންޏާ ވަރަށް ސާފުކޮށް އެނގެން ޖެހޭނެ ކީއްވެކަން އަތުލީ. އަދި ފްލެޓް ލިސްޓު އާންމުކުރަން ޖެހޭ. ދީފައި އޮތް އެއްޗެއް އަތުލުމަކީ ގާނޫނީ ގޮތުން ވެސް ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް

ބުނީ ކީކޭ؟ - އާޒިމް ވިދާޅުވީ އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލޭ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތު ލަސްވަމުން ދިއުން ކަމަށެވެ.

މާލޭގައި ގިނަ ބަޔަކު ދިރިއުޅެނީ ވަރަށް ދަތި ހާލަތުގައި ކަމަށް ވާތީ އާޒިމް ވިދާޅުވީ ގެދޮރުވެރިކަމުގެ ހައްގުތައް ފުރިހަމަކޮށްދިނުމަކީ އެއްވެސް ސަބަބަކާ ހުރެ ލަސްކުރެވިދާނެ ނުވަތަ ހުއްޓާލައިގެން ތިބެވިދާނެ މައްސަލައެއް ނޫން ކަމަށެވެ.

"ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް އަދި އަވަސް ހައްލު ހޯދައިދިނުމަށް. އެއްވެސް ހާލަތެއްގައި ރައްޔިތުން އަޑުއަހާކަށް ބޭނުމެއްނުވޭ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުނުކުރެވިގެން މިއުޅެނީ އަޅުގަނޑުމެން [ސަރުކާރުން] އަނދަވަޅަަކަށް ވެއްޓިގެންނޭ ނޫނީ ފުން ވަޅުގަނޑަކަށް ވެއްޓިގެންނޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ:

  • އޭނާ މޭޔަރަަަކަށް ހޮވުމުގައި ރައްޔިތުން އެންމެ ބޮޑަށް އެދުނު އެދުމަކީ ގެދޮރުވެރިކަމުގެ މައްސަލާގައި އަވަސް ހައްލެއް ހޯދައިދިނުން

  • ފްލެޓް ކޮމިޓީން އެދިފައި އޮތް ލަފާ އަންނަ ބުދަދުވަހު ހައުސިން މިިނިސްޓްރީއަށް ފޮނުވާނަން

  • އިތުރަށް މި މައްސަލާގައި ތަހުގީގުތައް ހިންގާ، މި މައްސަލަ ލަސްނުކޮށް ލިސްޓުގައި ހިމެނޭ އެންމެންނަށް އެތަންތަން ހަވާލުކުރަން ސަރުކާރަށް ގޮވާލި

އާޒިމް ވިދާޅުވި ގޮތުގައި ހާލަތު ވަޒަންކުރާއިރު ބަލަން ޖެހޭނީ އެމީހަކު އެޕްލިކޭޝަން ހުށަހެޅިއިރު ހުރި ހާލަތަށް ކަމަށާއި، ހާލަތު ބަދަލުވާ މިންވަރަށް ބަލައިގެން ރައްޔިތުންގެ އަތުން އެއްޗެއް ނިގުޅައިގަނެގެން ނުވާނެ އެވެ.

"އެއްޗެއް އަތުލަންޏާ ވަރަށް ސާފުކޮށް އެނގެން ޖެހޭނެ ކީއްވެކަން އަތުލީ. އަދި ފްލެޓް ލިސްޓު އާންމުކުރަން ޖެހޭ. ދީފައި އޮތް އެއްޗެއް އަތުލުމަކީ ގާނޫނީ ގޮތުން ވެސް ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" އާޒިމް ވިދާޅުވި އެވެ.

އެނގުން މުހިންމު - މިދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް ލިބުނު ކަމަށް އިއުލާންކުރި ލިސްޓާ ގުޅޭ ގޮތުން ހުށައެޅި ޝަކުވާތަކާ ގުޅިގެން އޭސީސީން ވަނީ ތަހުގީގެއް ހިންގައިފަ އެވެ. އެ ތަހުގީގުން ފެނުނު ގޮތުގައި:

  • ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ %20.7 ފޯމުގައި

  • ޝަރުތު ހަމަވި ނަމަވެސް، %19.7 ފޯމުގައި މައްސަލަ ހުރި

  • ފޯމުތަކުގެ %59.6 ޝަރުތު ހަމައެއް ނުވޭ

އެ ތަހުގީގަށް ފަހު އޭސީސީން ވަނީ ހާއްސަ ކޮމިޓީއަކުން ފްލެޓް ލިސްޓު އަލުން މުރާޖައާ ކުރުމަށް އަންގާފަ އެވެ. އެއަށް ފަހު ހައުސިން މިނިސްޓްރީން ވަނީ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ މަސައްކަތްތަކާ ބެހޭ ގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމަން ބޭނުންވާ ލަފާ ދޭނެ ކޮމެޓީއެއް އުފައްދައިފަ އެވެ.

ކޮމެންޓް (2)

އަފުން

16 ޖުލައި 2024
ހަމައެއް ލަމައެއް ނެތި ތިމާމެން ބޭނުްބަޔަކަށް ބަހާލި އެއްޗެއް އެ ގޮތުގައި ދޭންޖެހޭނެކަމަށް ވަކާލާތުކުރާ މީހެއްގެ އިންސާފު ހުންނާނެގޮތާމެދު ވިސްނަވާށެވެ.
0 0

ޝަރފު

15 ޖުލައި 2024
ޙަމަ ޙަގީގަތުގަވެސް މޭޔަރު މިހިރީ އިންސާފު އެއީ ތިމާ ޤަބޫލުކުރާ ގޮތް ކަމަށް ނިންމައިގެން.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް