ދެ މީހަކު ދޫނިކޮށްޓެއްގައި ބަންދުކޮށް، ޓިކްޓޮކްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

ފުލުހުން

ދޫނި ކޮށްޓެއްގައި ބަންދުކުރީ ރެސްޓޯރަންޓަކުން ކައިގެން ފައިސާ ނުދައްކާ މައްސަލައެއްގައި: ފުލުހުން

އެ މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން

ބަޔަކު މީހުން ވެގެން ދެ މީހަކު ދޫނިކޮށްޓަކަށްލައި ބަންދުކޮށްފައިވާ މައްސަލާގައި، އެކަން ހިނގާ ދިޔައީ އެ ދެ މީހުން ރެސްޓޯރަންޓަކުން ކެއުމަށް ފަހު ފައިސާ ނުދައްކައިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ދޫނިކޮށްޓެއްގެ ތެރޭގައި ދެ މީހަކު ބަންދުކޮށްފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ރޭ ދަރުއުވާން ފެށުމާ އެކު، އާންމުން ވަނީ އެއީ ރަހީނު ކޮށްފައި ތިބި ބައެއްތޯ ސުވާލު އުފައްދައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

ތަފްސީލް - ޓިކްޓޮކްގައި ޕޯސްޓުކޮށްފައިވާ ދެ ވީޑިއޯއެއް ދައުރުވަމުންދާ އިރު، ބެލެވޭ ގޮތުގައި އެ ވީޑިއޯ ނަގާފައިވަނީ ދޫނި ކޮށީގައި ދެ މީހުން ބަންދުކުރުމުގައި ބައިވެރިވި ބައެކެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި:

  • ދެ މީހުން ތިބީ ބޮޑު ދޫނިކޮށްޓެއްގެ ތެރޭގައި ބަންދުކޮށްފައި؛ ކޮށީގެ ބޭރުގައި ހުރި މީހަކު ކޮށި ތެރެއަށް ފެންޖަހާ މަންޒަރު ވެސް އެއް ވީޑިއޯ އިން ފެނޭ

  • ވީޑިއޯއަށް އަރާފައިވާ އަޑުތަކުން އެ މީހުންގެ ތެރޭގައި ޖެހިގެން އުޅެނީ ފައިސާގެ މައްސަލައެއްކަން ދޭހަވޭ؛ ވީޑިއޯކުރި ފަރާތުން 39،000ރ.ގެ ވާހަކަ ބުނާ އަޑު އިވޭ

  • ކޮށީގައި ހުރި މީހުންގެ ތެރެއިން އެކަކު ލާރި ހޯދަދޭނެ ކަމުގެ ޔަގީންކަން ދީ، އެކަމަށް ކުޑަ ވަގުތު ކޮޅެއް ދޭން އެދިފައިވޭ

އެ ވީޑިއޯތައް ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.

ބުނީ ކީކޭ؟ - އެ މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު 'ދައުރު'އަށް ވިދާޅުވީ، އެކަން ހިނގާފައިވަނީ މާލޭގައި ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން، އެ ދެ މީހުން ކޮށްޓަށްލައި ބަންދުކޮށްފައިވަނީ ރެސްޓޯރަންޓަކުން ކެއުމަށް ފަހު ފައިސާ ނުދައްކާ މައްސަލައަކާ ގުޅިގެންކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ރަހީނުކޮށްގެން މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް އާންމުވެފައިވާ އިރު، މުޖުތަމައުގެ ރައްކާތެރިކަން ކުޑަކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް (1)

ހިސާން

14 ޖުލައި 2024
ކަޅު ފައިސާ ހުދުކުރަން މިހާރު ހިންގަނީ ފިހާރަ،ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން.އެހެންވީމަ އޭގެ ތަނަކުން ޖެހޭ މައްސަލަ ނިންމަނީ މިގޮތަށް.ބީޖީ ސަރަހައްދުގެ ފިހާރައެއް ތެރޭ ވަޅިޖެހީ ވެސް މިކަހަލަ ކަމެއްގަ.ހެދުން ފިހާރައެއްގަ އިން އަންހެން ސޭޓަކާ ފޮށުނީމަ އޭގެ ބަދަލު ހިފީ ފޮށުނު މީހާގެ އާއިލީ ކޮފީ ޓޭކްއަވޭ ތަނެއް ތަޅާ ސުންނާފަތިކޮށްލައިފަ. ބުނަން މިއުޅެނީ ފުލުހުންނަށް މީހަކު ހައްޔަރުކުރާކަށް ނުކެރޭނެ. ފުލުހުންނަށް ކުޅެވޭނީ އަހަރެމެން ކަހަލަ މީހުންނާ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް