ރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު އަންރުވާ ޕްލެޖިން ކޮންފަރެންސްގައި އިއްޔެ ވާހަކަދައްކަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)
ރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދޭ އެހީ 50،000 ޑޮލަރަށް އިތުރުކުރަން ނިންމައިފި
އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ)އަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ ފައިސާގެ އެހީ 50،000 ޑޮލަރަށް (77،000 ރުފިޔާ) އިތުރުކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ އ.ދ.ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި 'އަންރުވާ ޕްލެޖިން ކޮންފަރެންސް'ގައި އެކަން އިއުލާން ކުރައްވައިފަ އެވެ. އަންރުވާއަށް މީގެ ކުރިން ދިވެހި ސަރުކާރުން ދެމުން އައީ އަހަރަކު 5،000 ޑޮލަރެވެ.
ތަފްސީލް - ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން 'ފަލަސްތީނާ އެކު ދިވެހީން'ގެ ނަމުގައި ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ އެހީ އަންރުވާ މެދުވެރިކޮށް ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް ވެސް އަލީ ނަސީރު ވިދާޅުވި އެވެ.
ޓެލެތޯން އިން ލިބިފައިވަނީ:
-
18.4 މިލިއަން ރުފިޔާ
-
49,800 އެމެރިކާ ޑޮލަރު
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު އަލީ ނަސީރުގެ ފާހަގަކުރެއްވި އެވެ. އަދި މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އޭނާ ގޮވާލެއްވި އެވެ.
ފަސްމަންޒަރު - އަންރުވާއަށް ރާއްޖެއިން ދޭ އެހީ 50،000 ޑޮލަރަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި އަންރުވާގެ މުވައްޒަފުންތަކެއް ބައިވެރިވިކަމުގެ ތުހުމަތާ އެކު ބައެއް ގައުމުތަކުން އެ ޖަމިއްޔާއަށް އެހީ ދިނުން ހުއްޓާލި އެވެ. ނަމަވެސް އެއީ ދޮގު ތުހުމަތެއްކަން އެނގި، ބައެއް ގައުމުތަކުން މިހާރު ވަނީ އެހީ ދޭން އަލުން ފަށާފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މިފަހުން ވަނީ އަންރުވާއަށް ދޭ އެހީތައް ހުއްޓާނުލާން ގައުމުތަކަށް ގޮވާލާފަ އެވެ.