އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް (މ) އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ބައިވެރިންތަކަކާ އެކު (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ސަަބަބުން ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވާނެ: މުޖުތަބާ

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިއީ ބޮޑު މާކެޓިން އިވެންޓަކަށްވުމުން، ރާއްޖެއަށް ތަފާތު ގައުމުތަކުގެ އެއާލައިންތައް ގެނައުމުގަޔާއި ފަތުރުވެރިން ރާއްޖެއަށް ޝައުުގުވެރިކުރުވުމަށް އެހީތެރިވެދޭނެ ކަމަށް

ރާއްޖޭގައި ބޭއްވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ވަރަށް ކާމިޔާބު ކަމަށާއި އެ ކޮންގްރެސްގެ ސަބަބުން ރާއްޖޭގެ މަގުބޫލުކަމާއި ރާއްޖެއަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ބައްދަލުވުމެކެވެ. މި އިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ އެމްއޭސީއެލްއާ ގުޅިގެން މި މަހުގެ 9 އިން އިއްޔެގެ ނިޔަލަށެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި މި ކޮންގްރެސް ކުރިއަށް ގެންގޮސްފައިވަނީ، ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ އަދި ސައި ލެގޫންގަ އެވެ.

ތަފްސީލް - ކޮންގްރެސްއަށް ފަހު މުޖުތަބާ ވިދާޅުވިގޮތުގައި، މި އިވެންޓުގެ ގިނަ ބައިވެރިންތަކެއް ވަނީ، މިއީ އެ މީހުން މިހާތަނަށް ބައިވެރިވި މިފަދަ އެންމެ ކާމިޔާބު އިވެންޓުކަން ފާހަގަކޮށްފަ އެވެ.

މި ކޮންގްރެސްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ދުނިޔޭގެ އެތައް ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެ ކަމަށާއި މިއީ މާކެޓިން ބޮޑު އިވެންޓަކަށްވުމުން، ރާއްޖެއަށް ތަފާތު ގައުމުތަކުގެ އެއާލައިންތައް ގެނައުމުގަޔާއި ފަތުރުވެރިން ރާއްޖެއަށް ޝައުުގުވެރިކުރުވުމަށް އެހީތެރިވެދޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓޫރިޒަމް މިިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި ދާއިރާގެ އެހެނިހެން ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް އަބަދުވެސް އެމްއޭސީއެލްއިން ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އިތުރު މަގުތައް ފަހިކޮށް، އެފަދަ ކަންކަމުގައި އެމްއޭސީއެލްއިން އިސްނައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ކޮންގްރެސްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ ފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ. 

އެއާ ސާވިސް ވޯލްޑް ކޮންގްރެސް އަންނަ އަހަރު ބާއްވާނީ އެމެރިކާގެ ހާޓްސްފީލްޑް-ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަނޑައަޅައި އެކަން ވަނީ އިއުލާންކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް