މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ބޮޑެތި މަގާމުތަކުގައި ބިދޭސީން ތިބީ ދިވެހި ޒުވާނުން ކަންނެތްކަމުން: މެންބަރު ޒަރީރު

މެންބަރު ޒަރީރު ވިދާޅުވީ ތައުލީމީ ޖީލެއްގައި ޒިންމާދާރުކަން ނެތީ ތައުލީމީ ނިޒާމުގައި މައްސަލަތަކެއް ހުރެގެން ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ކަމަށް
9 ޖުލައި 2024

ރާއްޖޭގެ ބޮޑެތި މަގާމުތަކުގައި ބިދޭސީން ތިބީ ދިވެހި ޒުވާނުން ކަންނެތްކަމުގެ ސަބަބުން ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޒަރީރު މިހެން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކަމަށެވެ.

ބުނީ ކީކޭ؟ - ޒަރީރު ވިދާޅުވީ ރާއްޖޭގައި ތައުލީމީ ޒުވާނުން ވަރަށް ގިނަ ކަމަށެވެ. ނަމަވެސް ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނުކުމެ އެންމެ ރަނގަޅު އުފެއްދުންތެރިކަން އެ ޒުވާނުންގެ ފަރާތުން ނުފެންނަ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެހެން ވަނީ ތައުލީމީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރުމުންނެވެ. އަދި އެ މައްސަލަތައް އުޅެނީ ތައުލީމީ ނިޒާމުގެ ކޮން ހިސާބަކުންތޯ ވެސް ބަލައި ދިރާސާކުރަންޖެހޭ ކަމަށެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ތައުލީމީ ޒުވާނުން ގިނަ އެއް ގައުމަށް ރާއްޖެވާއިރު އެ ޒުވާނުންގެ ފަރާތުން އެންމެ އެކަށީގެންވާ ނަތީޖާ ނުފެންނަނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ. 

"މިއަދު އަޅުގަނޑުމެންނަށް ވަޒީފާއަދާކުރާ ހުރިހާ ތަނަކުން ވެސް އިވެނީ ފަރުވާކުޑަކަން. ޒިންމާ އަދާނުކުރެވޭކަން. 8:30 އަށް އޮފީހަށް އައިއްސަ 9 ޖަހާއިރު ކޮފީއަށް، އަނެއްކާ 10 ޖަހާއިރު ކޮންމެސް ރައްޓެއްސަކާ ބައްދަލުކޮށްލަން. އެެހެން 8 ގަޑިއިރު މަސައްކަތްކުރާ އިރު ހަގީގަތުގައި ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ގިނަ ބޭފުޅުން ހޭދަކުރަނީ 8 ގަޑިއިރުގެ ތެރެއިން 3 ގަޑިއިރު،" ޒަރީރު ވިދާޅުވި އެވެ.

ޒަރީރު އިތުރަށް ވިދާޅުވީ: 

  • ދިވެހި ޒުވާނުންގެ ޒިންމާދާރުކަން ކުޑަކަމުން ޕްރައިވެޓް ސެކްޓާތަކަށް ޒިންމާދާރު، މަސައްކަތުގެ މާހައުލަށް ވަފާތެރި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ބޭރު މީހުން ގެންނަން މަޖުބޫރުވާ ކަމަށް

  • ދިވެހި ތައުލީމީ ޖީލަކީ ބިނާކުރަނިވި، މަސައްކަތްތެރި، ޒިންމާދާރު، ބަޔަކަށް ހެދޭނެ މެކޭނިޒަމެއްގެ ތެރެއިން ތައުލީމީ ނިޒާމް ބައްޓަންކުރަންޖެހޭ ކަމަށް ވިދާޅުވި

ފާހަގަކޮށްލެވޭ - ވަޒީފާތަކުގައި ބިދޭސީން ގިނަވުމާއި ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބިދޭސީން ކުރާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. މި ސަރުކާރުން ވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ އަދި ވިޔަފާރި ކުރާ ބިދޭސީން ހޯދަން ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް