ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ). (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފަނޑިޔާރުން

ފަނޑިޔާރުންގެ ސިއްހީ އިންޝުއަރެންސަށް ކުރާ ހަރަދު ބޮޑުކުރަން އެދިއްޖެ؛ 5 މިލިއަންގެ ބުރައެއް

ޖޭއެސްސީއިން އެދިފައިވަނީ އިންޝުއަރެންސްގެ ޕްރިމިއަމް އަދަދުން ކޯ-ޕޭމަންޓުގެ ގޮތުގައި ފަނޑިޔާރުން މިހާރު ދައްކަންޖެހޭ %10 އަށްވާ ފައިސާ ވެސް ބަޖެޓުން ކަވަރުކޮށްދިނުމަށް. މިގޮތަށް އަމަލުކުރަން ނިންމައިފިނަމަ ބަޖެޓަށް 5.7 މިލިއަން ރުފިޔާ އިތުރުވާނެ

ފަނޑިޔާރުންނަށް ދޭ ސިއްހީ އިންޝުއަރެންސް ޕެކޭޖުގެ ޕްރިމިއަމް ބޮޑުކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުން މަޖިލީހުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީން އެގޮތަށް އެދުނީ، މިދިޔަ 6 މޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮޮމެޓީއަށް ފޮނުވި ސިޓީއެއްގަ އެވެ.

މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ސިޓީ ދިރާސާކޮށް، އެކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެނގުން މުހިންމު - ފަނޑިޔާރުން ހިމެނޭ ގޮތަށް ދައުލަތުގެ އިސް ވެރިންގެ އިންޝުއަރެންސް ޕެކޭޖު އެންމެ ފަހުން ބޮޑުކުރީ 19 ޖުލައި 2016ގަ އެވެ.

އޭގެ ފަހުން ފަނޑިޔާރުންނަށް ޕްރިމިއަމް ދެމުން އަންނަ ގޮތަކީ:

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް - 24،000ރ.

  • ހައި ކޯޓުގެ ފަނޑިޔާރުންނަށް - 14،500ރ.

  • ކްރިމިނަލް ކޯޓު، ޑުރަގު ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓު، ފެމިލީ ކޯޓު - 12،000ރ.

  • ދާއިރާގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން - 9،000ރ.

ފާހަގަކޮށްލެވޭ - ފަނޑިޔާރުންނަށް ލިބޭ އިންޝުއަރެންސް ޕެކޭޖުގައި ފަނޑިޔާރުންގެ މައިންބަފައިންނަށް ވެސް ކަވަރޭޖު ލިބެ އެވެ.

ބުނީ ކީކޭ؟ - "ފަނޑިޔާރުންނާއި ރިޓަޔާ ކުރައްވާ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖުގެ ޕްރިމިއަމް ބޮޑުކޮށްދެއްވައި، އަމާނާ ތަކާފުލް މޯލްޑިވްސްއާ އެކު ކޮށްފައިވާ ތިން އަހަރު ދުވަހުގެ އެގްރިމެންޓުގެ ބާކީ އޮތް މުއްދަތަށް ފުލް ކަވަރޭޖު ފޯރުކޮށްދިނުމަށް އިތުރަށް ބޭނުންވާ ފައިސާ ޑީޖޭއޭއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި 6 މެއި 2024 ގައި ފޮނުވި ސިޓީއެއް [މިއީ]،" އެ ސިޓީ އިއްވަވައިދެއްވަމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ކޮމިޓީގެ އިދާރީ މޭޒުން އެ ސިޓީ ތަފްސީލު ކޮށްދެމުން ބުނީ، ޖުޑިޝަރީން ބޭނުންވަނީ ކަވަރޭޖު ބަދަލުނުކޮށް، ޕްރިމިއަމް ބޮޑުކުރަން ކަމަށެވެ.

ތަފްސީލު - ޖޭއެސްސީއިން އެދުނު ގޮތަށް ބަދަލު ގެނައުމާ މެދު މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން އަންނައިރު، ބަޖެޓަށް އިތުރު ބުރައަކަށްވާ މިފަދަ ކަމަކާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރަން ޖެހޭނެ އެވެ.

ހަރަދު ބޮޑުވުމުގެ އިތުރަށް، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އެއް ކަންބޮޑުވުމަކީ މިހާރު އިންޝުއަރެންސް ދޭ އުސޫލުގައި ހަމަހަމަކަމެއް ނެތުމެވެ.

"މިއީ އެހާ ފެއާ ގޮތަކަށް އޮންނަ ނިޒާމެއް ނޫން. މިސާލަކަށް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ލިބެނީ އަޅުގަނޑުމެންގެ އަނބިންނާއި 18 އަހަރުން ދަށުގެ ދަރިންނަށް މި ލިބޭ އިންޝުއަރެންސް. އެއަށް އެބަ ޕޭ ކުރޭ ޕްރިމިއަމް، ބެއާ ކުރަނީ މަޖިލީހުން. ފަނޑިޔާރުން ވިއްޔާ މައިންބަފައިންނަށް ދާންދެން ކަވާ ކުރޭ. އެއީ ދައުލަތުން ބެއާ ކުރަން މި ޖެހެނީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންގެ ޝަކުވާ ވެސް ބޮޑު މައްސަލައެކެވެ.

"ސިވިލް ސާވިސް މުވައްޒަފު މީހާއަށް މި ލިބެނީ އާސަންދަ އެކަނި. ކުންފުންޏެއްގައި އުޅޭ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ވަޒީރަކާއި ފަނޑިޔާރަކަށް އެބަ ލިބޭ އާސަންދައިގެ އިތުރުން ލިބޭ އިންޝުއަރެންސް ޕެކޭޖު،" އޭނާ ވިދާޅުވި އެވެ.

"މިކަމާ ދޭތެރޭގައި ރައްޔިތުންގެ ކަންބޮޑުވުން އޮތީތީވެ، އެއް ލައިނެއްގައި ނުވަތަ އެއް ގޮތަކަށް މި އިންޝުއަރެންސް [ދިން ނަމަ ވެސް] ދެވޭނެ ގޮތެއް އެބަޖެހޭ މަޝްވަރާ ކުރަން ފިނޭންސްގައި."

އޭނާ އިތުރަށް ވިދާޅުވީ މިހާރު ޖޭއެސްސީން އެދިފައިވާ ބަދަލު ގެނެސްފި ނަމަ މި އަހަރުގެ ބަޖެޓަށް 5.7 މިލިއަން ރުފިޔާ އިތުރުވާނޭ ކަމަށެވެ.

"މިހާރު މި އޮންނަ ގޮތުން ފަނޑިޔާރުން އެބަޖެހޭ ކޯ-ޕޭމަންޓުގެ ގޮތުގައި ޕްރިމިއަމްގެ %10 ދައްކަން. މި ސިޓީން (ޖޭއެސްސީގެ ސީޓީން) ސާފުވަނީ، އެ ބޭފުޅުން ބޭނުމެއް ނުވޭ މި %10 ވެސް ދައްކާކަށް،" އޭނާ ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން، އިންޝުއަރެންސް ސްކީމްތައް މަސައްކަތް ކުރާ ގޮތަކީ ވެސް ކޮންމެވެސް ވަރެއްގެ އެއްޗެއް އަމިއްލައަށް ވެސް ދައްކަން ޖެހޭ ގޮތަށް. އެއީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތަކީ ވެސް."

ކޮމެންޓް (3)

ދޮންއަންނާރު

10 ޖުލައި 2024
އާންމު ރައްޔިތު މީހާއަށް ނުލިބޭ އިންސްއަރެންސެއް ދައުލަތުގައި ވަޒީފާ އަދާކުރާ އެއްވެސް ފަރާތަކަށް ދީގެންނުވާނެ؟ އެއީ ތަފާތުކުރުމެއް" ގައުމުގައި ހެލްތު އިންސުއަރެންސް ސްކީމެއްއޮވެ، ވަކިޔަކަށް އޭގެ އިތުރުން ދުނިޔޭގެ އެހެންގައުމުތަކުން ދައުލަތުގައިޚަރަދުގައި ފަރުވާ ކޮށްގެންނުވާނެ: އިންސާފާ ހަމަހަމަ ކަން ޤާއިމުކުރޭ>
0 0

ވިލް

10 ޖުލައި 2024
ކިތައްމެ ބޮޑުކުރިއަސް ނަޒާހަތްތެރި ނުވާނެ. އާދަމުގެފާނަށްވެސް ސުވަރުގެ ހިތަކަށް ދީފަ އެއްމެ ގަހަކާ ކައިރި ނުވާން ބުނީމަ ހެދި އެތި އެޔޮތީ އިނގެން.
0 0

މަނިކުފާނު

9 ޖުލައި 2024
ފަނޑިޔާރުން ނަށް އެއްވެސް އެއްޗެއް ބޮޑުކުރާނެ ކަމެއްނެއް ފަނޑިޔާރުން އިންސާފު ގާއިމް ނުކުރާހާހިނދަކު. މިހާރު މިވާގޮތަކީ ކުޑަދުވަސްކޮޅެއްގަ ފަނޑިޔާރުކަން ކޮށްފަ ދެންވަނީ ވިޔަފާރިވެރިއަކަށް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް