ގައުމީ ޔުނިވާސިޓީ

ޔުނިވަސިޓީ ބިލް: ވަކި މީހަކަށް ފަހައިދޭ ކޯޓެއް ކަމަށް ތުހުމަތުކޮށްފި

އެމްޑީޕީ މެންބަރުން ތުހުމަތު ކުރަނީ މި އިސްލާހަކީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ މަންފާއަށް ގެނެސްފައިވާ ބިލެއް ކަމަށް؛ އެކަމަކު އެމްޑީޕީން ވެސް މި ބިލް މީގެ ކުރިން ހުށަހެޅި

ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި 15 އަހަރު ހިންގާފައިވާ ތަންތަނަށް ޔުނިވަސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ވަކި މީހަކަށް "ފަހާފައި އޮތް ކޯޓެއް" ކަމަށް ބައެއް މެންބަރުން ތުހުމަތުކޮށްފި އެވެ. 

އެނގުން މުހިންމު - ކޮލެޖެއްގެ ގޮތުގައި ހިންގާތާ މެދުކެނޑުމެއް ނެތި 15 އަހަރު ވެފައިވާ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ފުރަތަމަ ހުށަހެޅީ:

  • ނިމިދިޔަ 19 ވަނަ މަޖިލީހުގައި 2022 ވަނަ އަހަރު 

  • އެ އިސްލާހު އޭރު މަޖިލީހަށް ހުށަހެޅުއްވީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް 

  • ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އެ މަޖިލީހުން އެ އިސްލާހު ވަނީ ބޭރުކޮށްލާފައި

 އޭގެފަހުން މިިދިޔަ އަހަރު އަނެއްކާވެސް، 10 އަހަރު ވެފައިވާ ތަންތަނަށް ޔުނިވަސިޓީގެ ދަރަޖަ ދެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނައުމަށް އޭރުގެ ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށައެޅި އެވެ. 

އާ މަޖިލިސް ފެށުމުން އަލުން އެ ބިލް ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފަ އެވެ. އެ އިސްލާހު މަޖިލީހަށް އަލުން ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. 

'ގާސިމަށް ފަހާފައި އޮތް ކޯޓެއް'

އެ ބިލް މަޖިލީހަށް ބަލައިގަނެ މިއަދު ބަހުސް ފަށާފައިވާ އިރު މިހާރު އިދިކޮޅުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ބިލަކީ ވަކި މީހަކަށް ފައިދާވާ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. 

ހަމައެގޮތަށް އެބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވެސް ވަނީ މިއީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މާލީ މަންފާއަށް ތައްޔާރުކޮށްފައިވާ އިސްލާހެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފަ އެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް އެ އިސްލާހު މަޖިލީހަށް ހުށައަޅައި ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރާ މުއްދަތު ދިގުކުރި އެއް ބޭނުމަކީ އެ ޔުނިވާސިޓީއެއްގެ ހައިބަތު ހިފަހައްޓަން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ މިއީ މިބުނާހާ ބޮޑު އިސްލާހެއް ނުވަތަ އެ ގާނޫނަށް ގެނެސްގެން އުޅޭ އިސްލާހެއް ނޫނޭ މީގަ ހަމައެކަނި މަދީ ލޮކޭޝަނާއި ކުންފުނީގެ ނަން އެކަނި. އެހެން ހުރިހާ ކަމެއް މީގެ ތެރޭގައި އެބަހުރި ޝަރުތުތަކުގެ ތެރޭގައި،" ގާސިމްގެ ވިލާ ކޮލެޖަށް ނިސްބަތް ކުރައްވަިއ ޒިޔާދު ވިދާޅުވި އެވެ.

ވިލާ ކޮލެޖްގެ ދަސްވެނިވުމެއްގެ ތެެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސްޓޫޑެންޓް ލޯނުގެ އެހީގައި ބޭރުގައި ކިޔަވާ ބައެއް ދަރިވަރުންނަށް ފައިސާ ޖަމާވަމުން ނުދާ ކަމަށް ބުނެ އެމްޑީޕީން އިއްޔެ ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމުން ސަރުކާރުން މަތީ ތައުލީމަށް އަހަންމިއްޔަތުކަން ނުދޭކަމަށް ވެސް ޒިޔާދު ތުހުމަތު ކުރެއްވި އެވެ.

"މި ރާއްޖެ ވާނެ އެއް ގައުމެއްގެ ނިސްބަތުން ޓޫރިޒަމްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައި ތިބި ބޭފުޅުން. ހަމައެކަނި ޓޫރިޒަމް މިނިސްޓްރީއަށް ބަލައިލީމަ އެނގޭނެ މަތީ ތައުލީމަށް މި ސަރުކާރުން އަހަންމިއްޔަތުކަންދޭ މިންވަރު،" ފާޑުވިދާޅުވަމުން ޒިޔާދު ވިދާޅުވި އެވެ.

ސައިރިކްސް ކޮލެޖް ވެރިޔާ އަހްމަދު ޝަރީފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވެސް ވަނީ މިއީ ވަކި ކޮލެޖަކަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި ކުރީގެ ސަރުކާރަކުން ވަކި މީހެއްގެ ވިޔަފާރި ފުޅާކުރަން ގިނަ ކަންތައްތަކެއްކޮށް އަދި މިހާރު އެ ވިޔަފާރި އިތުރަށް ފުޅާކުރަން ގާނުނަށް ގެންނަ އިސްލާހެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ވެސް އެ ފަރާތަށް ކޮންމެ މަހަކު 2 މިލިއަނެއްހާ ރުފިޔާ އަދި އިމާރާތާއި ބިން ދީފައިވާ ކަމަށް ޝަރީފް ތުހުމަތުކުރެއްވި އެވެ.

".. އެންމެ ފަހުން ޑރ މުއިއްޒުގެ ސަރުކާރުން މިއަދު ފޮނުވައިގެން އުޅޭ ބިލަކީ ރާއްޖޭގައި މިދެންނެވި މަހުޖަނު ނޫން އެހެން އެއްވެސް މީހަކަށް އެމީހަކު ހިންގާ ޔުނިވަސިޓީއަކަށް ބަދަލު ނުވެވޭގޮތަށް ޝަރުތުކޮށް ފަރުމާކޮށްފައިވާ ބިލެއް،" ޝަރީފްގެ ޕޯސްޓުގައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޕީއެންސީ މެންބަރުންގެ ޝުކުރު ގާސިމަށް

މިފަދަ ތުހުމަތުތަކެއް ކުރަމުންދާއިރު ޕީއެންސީގެ މެންބަރުން ވަނީ މަތީ ތައުލީމް ފޯރުކޮށްދޭން ގާސިމް ކުރައްވަމުން އަންނަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ ގާސިމްގެ މުޅި އުމުރު ހޭދަކުރެއްވީ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުމަށް ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މި އިސްލާހަކީ ގާސިމްއަށް އަމާޒުކޮށް ގެންނަ އިސްލާހެއް ކަމަށް ބުނެ ދައްކާ ވާހަކައަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ. 

"އެ އިޝާރާތްކުރައްވާ ފަރާތަކީ ރާއްޖޭގެ ތައުލީމަށް ނުހަނު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ ބޭފުޅެެއް. އާދެ އޮނަރަބަލް ގާސިމް އިބްރާހިމް. ވިލާ ކޮލެޖް އުފެއްދުމުގެ ކުރިންވެސް ގާސިމްގެ އަމިއްލަ ހަރަދުގައު ރާއްޖޭން ބޭރަށް ދަރިވަރުން ފޮނުއްވައިގެން އެކި އެކި ލެވެލްގެ ކޯސްތައް ފުރިހަމަކުރައްވާފަ އެބައޮތް. ހާއްސަކޮށް ޕީއެޗްޑީއާ ހިސާބަށް ވެސް ކިޔަވައިދެއްވާފައި،" ތައުލީމީ ދާއިރާއަށް ގާސިމްކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވަމުން ސައުދުﷲ ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ޝުކުުރު ވެސް ގާސިމަށް އަދާކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

"ގައުމީ ޔުނިވާސިޓީއެކޭ އެއްގޮތަށް ވިލާ ކޮލެޖަކީ ވެސް ރާއްޖޭގައި އިލްމީ ގިނަ ދަރިވަރުންތަކެއް އުފަންކުރެވިފައިވާ ކޮލެޖެއްކަން މިވަގުތު އަޅުގަނޑު ފާހަގަކުރަން." މުހައްމަދު އައްބާސް ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ވިލާ ކޮލެޖުގެ ބާނީ، މި އިއްޒަތްތެރި މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ރައްދުކޮށް ދައްކަވާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އެމަނިކުފާނު ވިލާ ކޮލެޖް އޮތުން އެއީ ރާއްޖޭގެ ދަރިންތަކަކަށް ޒަމާނުއްސުރެ ތައުލީމި ހިދުމަތް ދެމުން ގެންދިއުން އެއީ އެމަނިކުފާނުގެ ކުށެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން."

މުހައްމަދު އައްބާސް ވަނީ މިއީ ވަކި މީހަކަށް ފަހައިދޭ ކޯޓެއް ކަމަށް އެމްޑީޕީން ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

އެނގުން މުހިއްމު - މިހާރު ގާނޫނު އޮންނަ ގޮތުން:

  • ޔުނިވަސީޓީގެ ދަރަޖަ ލިބޭނީ ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރު ވެފައިވާ ތަންތަނަށް

  • ބޭރު ގައުމެއްގެ ޔުނިވަސީޓީއެއް ރާއްޖޭގައި ހިންގާ ނަމަ، އެތަނެއް އެ ގައުމެއްގައި ރަޖިސްޓްރީކޮށްގެން ހިންގާތާ 10 އަހަރު ވާން ޖެހޭ؛ އިސްލާހުގައި މި މުއްދަތަށް ބަދަލު ގެނެސްފައެއް ނުވޭ

އޭގެ އިތުރުން، ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި އިތުރު ހަތް ޝަރުތެއް ފުރިހަވާން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް 7 އަދި ލެވެލް 9ގެ މަދުވެދުވެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން

  • މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިޔުން

  • ބައިނަލްއަގުވާމީ ފެންވަރުގެ ޖަމާއަތްތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވުން

  • އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން %10އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން

  • މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމްވެފައި ހުރުން

ފާހަގަކޮށްލެވޭ ކަމެއް - މިހާރު ރާއްޖޭގައި ހިންގަނީ ސަރުކާރުގެ ދެ ޔުނިވަސިޓީ އެކެވެ. އެއީ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު ކޮލެޖްތަކުގެ ގޮތުގައި ހިންގަމުން އަންނަ ގިނަ ތަންތަނަށް ޔުނިވަސިޓީގެ ދަރަޖަ ލިބުމުގެ ފުރުސަތު ފަހިވާނެ އެވެ. 

ކޮމެންޓް (1)

މާވަހަރު

9 ޖުލައި 2024
މެދުނުކެނޑި ހިންގާ ފިހާރައެއް ހުންނާނެ 'ކޮލެޖް' ކިޔާ... އެތަންވެސް ހިމަނާލާތި!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް