ކުނި ނޭޅުމަށް އެދި ހަރުކޮށްފައިވާ ބޯޑެއްގެ ކުރިމައްޗަށް ކުނި އަޅާފައި. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)
ވެމްކޯއިން އިމާރާތްތައް ފޮޅައި ސާފުކުރާ ވިޔަފާރިއަށް ވަންނަން އުޅޭތީ ފާޑުކިޔުން
ކުނި މެނޭޖުކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި ވެމްކޯއަށް އިއްޔެ ސޯޝަލް މީޑިއާގައި ބައެއް މީހުންގެ ފާޑު ކިޔުން އަމާޒުވި އެވެ.
"އަންނައުނު ދޮވެ އިސްތިރި ކުރުމާއި ތެލިތަށި ދޮންނަން ވެސް ވެމްކޯއިން ނުކުންނަންވީނު؟ މި އުޅެނީ މަގުމަތީ ކުނިފުނިތައް ޖަހައިގެން ނޫން ގޮތަކަށް އެ ކުނިކޮޅު ވެސް އުކާ ނުލިވެގެން. ފުރަތަމަ ކުރަން ޖެހޭ ކަންތައް ފުރަތަމަ ކުރަންވީނު؟،"
"ބޯ ކޮށުމާ އެކު މެނިކިއޯ އަދި ޕެޑިކިއޯގެ ހިދުމަތް ދޭން ފެނޭ."
އަދިވެސް އެހެން މީހަކު ހިޔާލުފާޅުކޮށްފައިވެ އެވެ.
"ވެމްކޯއިން ގުޅަ ބަޖިޔާ ބޯކިބާ އާއި ބަތްޕާރުސަލް ހަދައިގެން ގޭގެއަށް ވިއްކަން އަދި ހިނގައިދާނެ. ގޭގެއިން ބަރާބަރަށް ކުނި ނެގޭތޯ އިހަށް އުޅެބަލަ. އެކަން ކޮށްފައި ދޯ އެހެން ކަންކަމާ އުޅެންވާނީ؟،"
ވީ ގޮތަކީ، ސަރުކާރުގެ ކުނި މެނޭޖުކުރާ ކުންފުނި ވެމްކޯއިން އާ ހިދުމަތެއް ފަށަން ތައްޔާރުވެ، އެކަން އިއުލާންކުރުމެވެ. އެއީ އިމާރާތްތައް ފޮޅައި ސާފުކުރުމުގެ ހިދުމަތެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން އާންމުންގެ ވިސްނުން ހުރީ ދެ ގޮތަކަށެވެ. އެއް ބަޔަކު ދެކޭ ގޮތުން ސަރުކާރު ކުންފުންޏަކުން މިފަދަ ހިދުމަތެއް ދިނުމުން އެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި މުޖުތަމައަށް ވެސް ފައިދާ ކުރާނެ އެވެ.
މީ ވަރަށް ރަނގަޅުކަމެއް. ބޭރުމީހުން ލައްވާ ކުރުވީމަ އެއީ ޤައުމުން ބޭރައްދާ ފައިސާ.
— AaRaajje (@horizonmvs) July 6, 2024
ނަމަވެސް ބައެއް މީހުންގެ ނަޒަރުގައި މިއީ ކުދި ވިޔަފާރިތައް ހާލުގައި އޮއްވައި އިތުރަށް ކުރެވޭ ޖެއްސުމެކެވެ. މީގެ ސަބަބުން ކުދި އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތަކެއްގެ ތެރެއަށް ސަރުކާރަށް ވަދެވެނީ އެވެ. އެއާ އެކު ހެއްވާ މަޖާ ކޮމެންޓުތަކާ އެކު ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ އެ ކުންފުންޏަށް ފާޑުކިޔަމުންނެވެ.
"އަނެއްކާ އަނެއް ހަ ކަންތައް. ވެމްކޯއިން ގޭގެއަށް ގޮސް ދޮވެ އިސްތިރި ކޮށްދޭން ވެސް ފަށާފާނެ މި ވަރުން ދަންޏާ،" މީހަކު 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވެ އެވެ.
"ސަރުކާރުން ހައުސްކީޕިން މަސައްކަތް ވެސް ފެށީތަ؟ އެތައް ކުދި ވިޔަފާރިތަކެއް ތިޔަ ނިންދަވާލީ،" އެހެން މީހަކު ބުންޏެވެ.
It’s concerning that government SOEs like WAMCO are expanding into services such as cleaning. This approach undermines SMEs, which are vital to our economy, and threatens their survival. Government entities should refrain from competing with small businesses. https://t.co/tNibAcz0Tn
— Nawwaf Rasheed (@NawwafRasheed) July 6, 2024
ވެމްކޯއިން މިކަމުގެ ތެރެއަށް ވަނީ ކީއްވެ؟
އިމާރާތްތައް ފޮޅައި ސާފުކުރުމުގެ ހިދުމަތް ވެމްކޯއިން ފަށާކަން އިއުލާންކުރީ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ހައުސްކީޕިން ހިދުމަތް ބަޔަކާ ހަވާލުކުރި ނަމަވެސް، އެ ހިދުމަތަށް ދާ ހަރަދާ އެކު އެއަށް ވުރެ ބޮޑު ހަރަދެއް ކުނި އުކަން ހޭދަވާކަމުގެ ޝަކުވާ އެ ކުންފުންޏަށް އަންނަނީ ލިބެމުންނެވެ.
"އެކަމަކު އަޅުގަނޑުމެން އެބަ ބުނަން ހަގީގަތުގައި ކުނި އުކުމަށް ތިހާ ފައިސާއެއް ނުދެޔޭ. އެހެންވީމަ މި ދެ ހިދުމަތް އެއްކޮށްފައި، ސަރުކާރު އޮފީސްތަކަށް ހާއްސަކޮށްގެން އަޅުގަނޑުމެން މި ފަށާ ޕްރޮގްރާމްގައި މިހާރު ވެސް ބައެއް ބޭފުޅުންނާ އެއްކޮށް މަޝްވަރާކޮށް، އެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
"[ވެމްކޯއަކީ] ސަރުކާރު ހިއްސާވާ ކުންފުންޏެއް ވީމަ ބިޑިންއެއް ނޯންނާނެ."
އޭނާގެ ވާހަކައިން ދޭހަވާ ގޮތުގައި ވެމްކޯއިން ފޮޅައި ސާފުކުރުމުގެ ހިދުމަތް ފަށަން އޮތީ މައިގަނޑު ތިން ސަބަބެކެވެ. އެއީ:
-
1-
ބައެއް އޮފީސްތަކުގެ އެދުމުގެ މަތިން
-
2-
އިމާރާތްތައް ފޮޅައި ސާފުކުރުން ވަށާޖެހޭ ގޮތަކަށް ކުރިއަށްގެންދިއުން
-
3-
ވެމްކޯގެ ފައިދާ އިތުރުކުރުން
"މުވައްޒަފުންގެ އެފިޝަންސީ ގާއިމްކުރުމާއި އެ ބޭފުޅުންނަށް އެ ލިބޭ ވަގުތުގެ ތެރޭގައި ކުންފުންނަށް ފައިދާހުރި، ކުންފުންޏަކީ ދެކޮޅުޖެހޭ ކުންފުންޏަކަށް ހެދުމުގެ މަގްސަދުގައި ތައާރަފްކުރި ހިދުމަތެއް [މިއީ]،" އޭނާ ވިދާޅުވި އެވެ.
މި ހިދުމަތް ވަރަށް އަވަހަށް ރަސްމީކޮށް އިފްތިތާހު ކުރަން ތައްޔާރުވަމުން އަންނައިރު، ވެމްކޯއިން ވަނީ މި މަހުގެ ތެރޭގައި ރިސޯޓުތަކުގެ ކުނި އުކުމުގެ ހިދުމަތާ ވެސް ހަވާލުވެފަ އެވެ.
އާންމުންގެ ފާޑުކިޔުން: ކީއްވެ؟
ވެމްކޯއިން ސަރުކާރުގެ އިމާރާތްތައް ފޮޅައި ސާފުކޮށްދޭން ތައްޔާރުވަމުން އަންނައިރު މިކަމުގައި އާންމުން ހިތްހަމަނުޖެހޭ ދެ ސަބަބެއް އެބައޮތެވެ.
އެއް ކަމަކީ، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ވެމްކޯއިން މިހާރު ވެސް ދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތް ވެސް ރަނގަޅަށް ނުދެވުމެވެ.
އެ ކުންފުނިން ބުނާ ގަޑިއަކަށް މަގުމައްޗަށް ކުނި ނެރޭއިރު ވެސް ކުނި ނެގުމުގެ ލަސްވެ ރަށު ތެރެ 'ކުނިވާތީ' އެވެ.
"ފުރަތަމަ ބަލަންވީނު މަގުމަތީގައި ހުންނަ ކުނި މެނޭޖުކުރާށާއި ގޭގެއިން އުކާލަންވާ ބޮޑެތި ކުނިތައް އުކާލަދެވޭތީ. އެއަށްފަހު ފެނާއި ހަކުރާ ވިއްކަން،" ވެމްކޯގެ އާ ހިދުމަތަށް ފާޑުކިޔަމުން 'އެކްސް'ގައި މީހަކު ކުރި ޕޯސްޓެއްގައިވެ އެވެ.
ފުރަތަމަ ބަލަންވީނު މަގުމަތީގަ ހުންނަ ކުނި މެނޭޖުކުރާށާ ގޭގެއިން އުކާލަންވާ ބޮޑެތި ކުނިތައް އުކާލަދެވޭތޯ. އެޔަށްފަހު ފެނާ ހަކުރާ ވިއްކަން.
— Sulaiman Aarif (@AarifSulaiman) July 6, 2024
'ސަރުކާރު މި ދަނީ އެސްއެމްއީ ދަރަޖައަށް'
އަނެއް ކަމަކީ ސަރުކާރުގެ އަތުން މިނިވަންކޮށް އޮތް ވިޔަފާރިއެއްގެ ތެރެއަށް ވަނުމެވެ. މިހާރު ވެސް ސަރުކާރުން އަންނަނީ ތަފާތު އެކި ކަހަލަ ވިޔަފާރި ކުރަމުންނެވެ.
ވިޔަފާރީގައި މިހާރު ވެސް ސަރުކާރުގެ ހިއްސާ ޕްރައިވެޓް ސެކްޓާއަށް ވުރެ ބޮޑުއިރު، މިފަދަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން ސަރުކާރު ކުންފުންޏަކަށް ވީތީ، އެހެން ކުންފުނިތަކަށް ނުލިބޭ ލުއިތަކާއި ފައިދާ ލިބޭނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
މި ސަބަބާ ހުރެ ފާޑުކީ ބައެއް މީހުންގެ ކޮމެންޓުތައް:
-
"މިކަމާ ދެކޮޅަށް މުޒާހަރާއަށް ނުކުންނަން ޖެހޭ. ކުދި ވިޔަފާރިތައް ފުނޑާލުމުގެ ކުރިން ރައްޔިތުން ތެދުވަން ޖެހޭ. މިއީއެއް ނޫން އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ލަފާތަކަކީ."
-
"މިއީ ސަރުކާރުގެ އެސްއޯއީއަކުން ކުރާ ޒާތުގެ ކަމެއް ނޫން. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރާ ކަހަލަ ކަންކަން. މިއީ އުތުރު ކޮރެއާތަ؟"
-
"އެސްޓީއޯއިން ވެސް ކުރަނީ އުނގު ވިޔަފާރި. ސްޓެލްކޯއިން ވެސް ފެން ބަންދުކުރަން ވެސް ފެށި. މިހާރު މިއޮތީ އަނެއް ކަންތައް ލައްވާލާފައި."
It’s concerning that government SOEs like WAMCO are expanding into services such as cleaning. This approach undermines SMEs, which are vital to our economy, and threatens their survival. Government entities should refrain from competing with small businesses. https://t.co/tNibAcz0Tn
— Nawwaf Rasheed (@NawwafRasheed) July 6, 2024
ގިނަ މީހުންގެ ނަޒަރުގައި ދައުލަތުން ކުދި ވިޔަފާރިތަކާ ސީދާ ވާދަކޮށް ވިޔަފާރި ކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ދައުލަތް ވާން ޖެހޭނީ ސިޔާސަތުތައް ކަނޑައަޅާ ބަޔަކަށެވެ. އެހެން ނޫނީ ދައުލަތް އެ ވެއްޓެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދަރަޖައަށް ކަމަށް ހިޔާލުފާޅުކުރި މީހުން ދެކެ އެވެ.
ކޮމެންޓް (2)
ހަލަކި
ސިކުނޑި