ޕީއެންސީ ހަރުގެ ޖަލްސާގައި ދިފާއީ ވަޒީރު ގައްސާން މައުމޫން ވާހަކަ ދައްކަވަނީ: ރައީސް މުއިއްޒަށް ތައުރީފް އޮއްސާލެއްވި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ދިވެހި ސިފައިންގެ ލަޝްކަރު ތިބީ ރައީސްގެ ފަހަތުގައި ބަދަހިކަމާ އެކު: ގައްސާން

ރައީސް މުއިއްޒުގެ ލީޑަޝިޕާ އެކު ރާއްޖެ މި ވަނީ ސަލާމަތްތެރިކަމުގެ ސިޑިން އާ ހަރުފަތަކަށް އަރާފައި ކަމަށް ގައްސާން ވިދާޅުވި
8 ޖުލައި 2024
3

ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި އެ މަނިކުފާނަށް އެއްބާރުލުން ދީ ދިވެހި ސަރުކާރު ދިފާއުކުރުމުގައި ދިވެހި ސިފައިން ތިބީ ބަދަހި ކަމާ އެކު ސަފުތައް ރުކުރުވާލައިގެން ކަަމުގެ ޔަގީންކަން ދިފާއީ ވަޒީރު ގައްސާން މައުމޫން ރޭ ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ގައްސާން ވަނީ ރައީސް މުއިއްޒުއަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރައީސް މުއިއްޒުއަކީ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ދިފާއުކުރެއްވުމަށް މިފަހުން ހިތްވަރުގަދަ ނިންމެވުންތަކެއް ނިންމެވި ވެރިއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. 

ތަފްސީލް - ރައީސް މުއިއްޒުއާ ފުރަތަމަ ބައްދަލުވީ ސްކޫލް ދައުރުގައި 1993ގައިކަން ފާހަގަކުރައްވައި ގައްސާން ވިދާޅުވީ އެ ދުވަހުން ފެށިގެން ވެސް ރައީސް މުއިއްޒު ފާހަގަވެފައި ވަނީ އިހުލާސްތެރި ހިތެއްގެ ވެރިއެއްގެ ގޮތުގައި ކަމަށެވެ. ގައްސާން ވިދާޅުވީ ރައީސް މުއިއްޒު އަކީ ދައްކަވާ ވާހަކަތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވާ ބޭފުޅެއް ކަމަށެވެ. 

އެގޮތުން ގައްސާން ވިދާޅުވީ: 

  • ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް އެތައްހާސް ބޭރު ސިފައިންނެއް ތިބި ނަމަވެސް އެ މީހުން ރާއްޖޭން ބާލާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވީ އެކަން ކުރުމުގެ އިހުލާސްތެރި ނިޔަތް އޮތުމުން

  • އެ ވައުދާ އެއްގޮތަށް ގައުމުގެ ސިޔާދަތާއި މިނިވަންކަމާ ގުޅޭ ފަލަ ރަތް ރޮގެއް ވެރިކަމުގެ ބާރު ބޭނުންކުރައްވައި ރައީސް މުއިއްޒު ދަމާލެއްވި 

  • ފުރަތަމަ ކުރެއްވި ކަމަކީ އިންޑިއާގެ ކިތައް ސިފައިން ތިބިތޯ އާއި އެ މީހުން ކުރަނީ ކޮން ކަމެއްތޯ ސާފުކޮށް ތަފްސީލް އޮޅުން ފިލުއްވުން

  • އެއަށް ފަހު ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރާއްޖޭގެ އެންމެ އިސް ޑިޕްލޮމެޓުގެ ހައިސިއްޔަތުން އެމަނިކުފާނަށް އިސްވެ އެއްވެސް ގައުމަކާ ހަތުރުވެރިކަމެއް ނުބޭއްވޭނެތީ އެ މަނިކުފާނު އިސްކުރެއްވީ ޑިޕްލޮމެސީ 

  • ރައީސް މުއިއްޒު އިންޑިއާގައި އެދިވަޑައިގަތީ ރައްޔިތުން ނޭދޭ ކަމަށް އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަށް؛ އެހެންވެ އެކުގައި މަސައްކަތް ކުރަން ބޭނުމިއްޔާ ސިފައިން ގެންދަން އެދިވަޑައިގަތީ

"އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް އިންޑިއާއިން އިޖާބަ ދެއްވި. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވި މަތިވެރި ހިކުމަތުން، މާތްﷲގެ ހެޔޮ ރަހުމަތްފުޅާ އެކު މިދިޔަ މޭ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި ބިމަކު ސާބިތުވެ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނެތް. އިންޑިއާގެ އެއްވެސް ސިފައިންގެ މީހަކު ނެތް. އެ މީހުން ވަނީ ފާބައިގެން ގޮސްފައި. އެކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެން،" ގައްސާން ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ލީޑަޝިޕާ އެކު ރާއްޖެ މި ވަނީ ސަލާމަތްތެރިކަމުގެ ސިޑިން އާ ހަރުފަތަކަށް އަރާފައި. އަހަރުތަކަކަށް މަޑުޖެހުމަށް ފަހު ހަރުދުވެލީގައި އެ ހަރުގަނޑުން މި ދަނީ މައްޗަށް އަރަމުން 

ގައްސާން މައުމޫން، ދިފާއީ ވަޒީރު

އޭނާ ވިދާޅުވީ ރައީސް އެކަން ކުރެއްވީ ދިވެހިންނަށް ގެއްލުމެއް ނުވާނޭ ގޮތަށް ހިކުމަތްތެރިކަން އިސްކުރައްވައިގެން ވަރަށް ވިސްނުންތެރިކަމާ އެކު އެވެ. އެހެންވެ، ގައްސާން ވަނީ އެކަމަށްޓަކައި ރައީސްއަށް އައްސަރިބަހާއި ސާބަސް ކިޔަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އެކަމަށްޓަކައި އަޅުގަނޑު ރައީސްއަށް ސެލިއުޓްކުރަން،" ގައްސާން ވިދާޅުވި އެވެ. 

ރައީސްގެ އަނެއް ކާމިޔާބީއެއްގެ ގޮތުގައި ގައްސާން ފާހަގަ ކުރެއްވީ ދިވެހި ސިފައިންގެ ގާބިލިއްޔަތުކަން އިތުރު ކުރެއްވުމަށް އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތެވެ. އެގޮތުން އެންމެ ޒަމާނީ ޑްރޯން ގެންނަވައި ސިފައިންގެ އެއާކޯ އިފްތިތާހު ކުރުމަކީ ދިވެހި ސިފައިންނަށް ލިބުނު ފަހުރަކާއި ކާމިޔާބެއްގެ ގޮތުގައި ގައްސާން ފާހަގަ ކުރެއްވި އެވެ. 

"އެ ޑްރޯންތައް ބޭނުންކޮށްގެން ދިވެހި ސިފައިން އެ ގެންދަނީ ފަހުރުވެރިކަމާ އެކު ދިވެހިރާއްޖޭގެ ސަރަހައްދު ބަލަމުން، އެއްގަމާ ކަނޑާއި ވައިގެ މަގުން ބަލަހައްޓަމުން. ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަމުން. މިއީ އަދި ފެށުމެއް،" ގައްސާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ: 

  • ރައީސް މުއިއްޒުގެ ލީޑަޝިޕާ އެކު ރާއްޖެ މި ވަނީ ސަލާމަތްތެރިކަމުގެ ސިޑިން އާ ހަރުފަތަކަށް އަރާފައި 

  • އަހަރުތަކަކަށް މަޑުޖެހުމަށް ފަހު، ހަރުދުވެލީގައި އެ ހަރުގަނޑުން މި ދަނީ އިތުރަށް މައްޗަށް އަރަމުން 

"ދިވެހި އެންމެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިރޭ ދޭން ބޭނުންވާ ޔަގީންކަމަކީ ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ދުރު ވިސްނުންފުޅާ އެކު ދިވެހިރާއްޖެއަށް މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު ވަރަށް ސާބިތުކަމާ އެކު ފަހުރުވެރިކަމާ އެކު އެ މަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހިން ފަހުރުވެރިވާ ދިވެހި ސިފައިންގެ ލަޝްކަރު ރުކުރުވާލައިގެން އެބަ އޮތްކަން،" ގައްސާން ވިދާޅުވި އެވެ. 

ކޮމެންޓް (3)

ކޮންފިއުޒްޑް އުންގާ ބުންގާ

8 ޖުލައި 2024
ބައްލަވާ، މަނިކުފާނު ކެބިނެޓަށް ލީތާ 2 މަސް ނުވޭ އިންޑިޔާ ސިފައިން ބޯޑަރު ހުރަސްކޮށް ތިން ހަތަރު ދިވެހި މަސްބޯޓަށް އަރާ ފާސްކޮށް އެ ހުރިހާ ސަކަރާތެއް ޖެހީ. ތި ވިދާޅުވާ "ސަލާމަތްތެރިކަމުގެ ސިޑި" ފެންނަނީ ސުވިމިން ޕޫލަކަށް ފައިބާ ސިޑިއެއްހެން.
0 0

ތެފައާސާ.

8 ޖުލައި 2024
އަހަރެމެން ރައްޔިތުން މި ތިބީ އެއްކަލަ ދިވެހިންގެ އަތުން ގެއްލުނު ޗާގޮސް ހޯދަން ރައީސް މުއިއްޒުގެ ފަހަތުން ހިންމަތުގެ ކަމަރު ބަނދެ ހުއްބުލް ވަތަންގެ ދަންމަރު ހިފައިގެން ނިކުންނަންވެސް ތައްޔާރަށް އިނގޭތޯ!!!
1 0

ސިކުނޑި

8 ޖުލައި 2024
ދިވެހި ސިފައިންތިބޭނީ، ގާނޫނު އަސާސީއާއި ދައުލަތް ހިމާޔަތް ކުރުމުގައި! ސަރުކާރަކީ 5 އަހަރުން ބަދަލުވާއެއްޗެއް! އިންޑިއާ ސިފައިންގެ ޖުމުލަ މައްސަލަ ވަޒީރުތިޔަ އޮޅުވާލެއްވީ! އެއަރ ކޯރ ފީސިބަލްއެއް ނުވާނެ! ސަލާމަތްތެރި ކަމުގެ ސިޑިއަކީ މަޢުނަވީ އެއްޗެއްނޫން! ހާލަތާއި އެއްގޮތަށް ބަދަލުވަމުންދާނެ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް