ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސޯލިހް. (ދައުރު ފޮޓޯ)

އެންޑީއޭ

އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު މަގާމުން ވަކިކޮށްފި

ބޯޑުގެ ޗެއާޕާސަން ވިދާޅުވި ގޮތުގައި އޭނާ މަގާމުން ވަކިކުރީ އޭނާގެ ބެލުމުގެ ދަށުން އެންޑީއޭގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުދާތީ

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހު އެ މަގާމުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ މި ސަރުކާރުން އަަލަށް އެކުލަވާލި އެންޑީއޭގެ ބޯޑުން މިދިޔަ ބުދަ ދުވަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - އެ ބޯޑުގެ ޗެއާޕާސަން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި:

  • އިމާދު މަގާމުން ވަކިކޮށްފައިވަނީ ބުދަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން

  • އޭނާ މަގާމުން ވަކިކުރަން ނިންމީ އެންޑީއޭގެ އެސެސްމަންޓެއް ހެދުމަށްފަހު އޭގެ ނަތީޖާއަށް ބަލާފައި؛ އެގޮތުން ސަރުކާރުގެ ސިޔާސަތު ދަމަހައްޓަން ކުރެވިފައި ހުރި މަސައްކަތްތަކާއި ނުކޮށް ހުރި މަސައްކަތްތައް އިވެލުއޭޓް ކުރި

ލުބްނާ ވިދާޅުވީ މީގެ އިތުރުން ސަރުކާރުން ގެންދަން ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށް ނުދިޔުމާއި ޕެންޑިން މަސައްކަތްތައް ގިނަވުމާއި ފަރުވާ ދިނުން ލަސްވުން ފަދަ ކަންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، އިމާދު މަގާމުން ވަކިކުރުމަކީ، ފަރުވާގެ ފުރުސަތުތައް އަވަސްކޮށް، އެންޑީއޭ ކުރިއަރުވަން މަގުފަހި ކުރުމަށް އެޅި ފިޔަވަޅެއް ކަން ފާހަގަކުރެއްވި އެވެ.

ފާހަގަކޮށްލެވޭ - އެންޑީއޭގެ ހިންގުން ބޮއްސުންލާފައިވާ ކަމުގެ ޝަކުވާތައް ކޮންމެ ސަރުކާރެއްގައި ވެސް ގިނަ އެވެ. މިދިޔަ ސަރުކާރުގައި ވެސް އެ އިދާރާއަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމު ހަ މަސް ވަންދެން ހުސްކޮށް އޮތުމަށްފަހު، އިމާދު އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2022ގެ ނޮވެމްބަރުގަ އެވެ. އޭނާ އެ މަގާމުގައި ހުންނެވި އިރު މަސްތުވާތަކެތީގެ މައްސަލައަށް ވަށާޖެހޭ ހައްލުތަކެއް ހޯދާާ، ހޭލުންތެރިކަން އިތުރުކޮށް، ސިއްހީ ނިޒާމުގެ ތެރެއިން ޑްްރަގް ފަރުވާ ދޭން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

މިދިޔަ ސަރުކާރުން ގެންގުޅުނު މި ސިޔާސަތުގެ ތެރެއިން، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އައި އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވެ އެވެ.

ނަމަވެސް، ސަރުކާރު ބަދަލުވުމާއެކު އެންޑީއޭ މިހާރު ހިންގަމުންދަނީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުންނެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ކަމަށް ބަލާ މި ސަރުކާރުން އެޅި މި ފިޔަވަޅަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ބުނެ، ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް