މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އައިއެމްއެފް ޕްރޮގުރާމަކަށް ނުގޮސް ރާއްޖެ ސަލާމަތްވާން ފިޔަވަޅު އަޅަން ޖެހޭ: ގާސިމް

ރިޔާސީ އިންތިހާބު ތެރޭ ކޮންމެ ގޮތަކަށް ވާހަކަ ދެއްކިފައި އޮތް ނަމަވެސް ސަރުކާރުން މިވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް ގާސިމް ގޮވާލެއްވި

އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ހަރުކަށި ޕްރޮގްރާމަކަށް ރާއްޖެ ދާން ޖެހިއްޖެ ނަމަ ނިކަމެތިންނަށް ދޭ ސަބްސިޑީ ވެސް ކަނޑާލަން ޖެހޭނެ ކަމަށާއި އެ ހިސާބަށް ނުގޮސް އިގްތިސާދު ސަލާމަތްކުރަން ފިޔަވަޅުއަޅަން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގޮވާލައްވައިފަ އެވެ. 

ވީ ކިހިނެއް؟ - ގާސިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް މިއަދު ބަހުސް ކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - ގާސިމް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަންޖެހޭ ކަމަށާއި ފިޔަވަޅުތައް ނޭޅިއްޖެ ނަމަ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ޕްރޮގްރާމިން ބަޖެޓަށް ދާންޖެހޭނެ ކަަމަށެވެ.

"އެހެންކަމަށް ވެއްޖެޔާ ރައީސުލްޖުމްހޫރިއްޔާއެއް ނުވަތަ އެހެން ވެސް މީހެއް ހުންނާކަށް ނުޖެހޭނެ، އިތުރަށް ދަންނަވަންތޯ، އެންމެ ޒަރޫރީ ހާލަތަށްޓަކައި އޮންނަ ސަބްސިޑީ ވެސް ޖެހޭނީ ކަނޑާލަން. ހުރިހާ ސަބްސިޑީތައް ޖެހޭނީ ކަނޑާލަން. އަޅުގަނޑު މިހެން މި ދަންނަވަނީ މިހުރިހާ މައުލޫމާތެއް ލިބިހުރި މީހެއްގެ ހައިސިއްޔަތުން،" ގާސިމް ވިދާޅުވި އެވެ.

"އެެހެންވީމަ ސާބިތުކަމާ އެކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ސާބިތުކަމާއެކު ލަސްނުކުރައްވާ ފިޔަވަޅު އަޅައިގެން ނޫނީ އަޅުގަނޑުމެންނަށް ސަލާމަތެއް ނުވެވޭނެ."

ސަރުކާރަށް ގެއްލުންވާ ކުންފުނިތަކުން ލިބޭ ގެއްލުންތައް ބެލުމަށް ފަހު އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުން އަޅަންޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ފިޔަވަޅުތައް އަޅާނަމަ މަޖިލީހުން ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން މެންބަރުން އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އިތުރުކުރަން ޖެހުނު އެއްޗެއް އިތުރުކޮށްގެން ކަނޑާލަންޖެހުނު އެއްޗެއް ކަނޑާލައިގެން މިކަންކަން ހަމަޔަކަށް އަޅުވައިދިނުމަކީ މިއަދު މި މަޖިލީހުގެ ޒިންމާއެއް،" ގާސިމް ވިދާޅުވި އެވެ.

"މިގައުމު ސަލާމަތްކުރަން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، ކޮންމެ ހިތި ބޭހެއް ބޯން އަޅުގަނޑުމެން މިތިބީ ތައްޔާރަށްކަން އަޅުގަނޑު ކެރި ސާބިތުކަމާ އެކީ މިދަންނަވަނީ." ގާސިމް ވިދާޅުވީ އެވެ.

އޭނާ ވަނީ ކުރީ ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކޮންމެ ވާހަކައެއް ދެއްކިފައި އޮތަސް ގައުމު އޮތް ހާލަަތުން ސަލާމަތްކުރަން ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުންނާއި ކެބިނެޓުން އެކަން ކުރަން އަމާޒު ހިފާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ. 

ކޮންމެ އަހަރަކު ދަރަނި ބަޖެޓު މަޖިލީހުން ފާސްކުރާއިރު، ބޭނުން ކޮންމެ ގޮތަކަށް ބަޖެޓު ފާސްކުރުމުގެ ބާރު މަޖިލީހަށް އޮތްކަން ވެސް ގާސިމް ހަނދާންކޮށްދެއްވި އެވެ.

އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން އެއްވެސް މިންގަނޑެއް ނެތި ވެއްދި ވެއްދުމަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ކުރު މުއްދަތުގައި ދައްކާ ގޮތަށް ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

3 ޖުލައި 2024
ޓެކުހަށް މަކަރު ނުހެދޭގޮތަށް މީރާގެ ހިންގުން ހަރުދަނާކޮށް ކުރިޔަސް ލައްކަތަން ރަނގަޅުވާނެ! މިހާރު ހުރިހާ ވިޔާފާރިތަކުންވެސް ހަދަނީ ހަމަ ހަދާނެއެއްޗެއް!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް