ކްރިމިނަލް ކޯޓު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ކްރިމިނަލް ކޯޓު

ދޭވާނީއަކު ނެތިގެން ކްރިމިނަލް ކޯޓުގައި ހައްދު ނުޖަހާތާ ދުވަސްކޮޅެއް ވެއްޖެ: ޕީޖީ

ކްރިމިނަލް ކޯޓުގައި ހައްދުޖެހުން މެދުކެނޑިފައިވާއިރު، ޒިނޭގެ ކުށް ސާބިތުވެގެން 100 އެތި ފަހަރުން ހައްދު ޖެހުމަށް ދެ މީހެއްގެ މައްޗަށް މިއަދު ވެސް ވަނީ ހުކުމް ކޮށްފައި

ކްރިމިނަލް ކޯޓުގައި ހައްދުޖަހައިދޭނެ މީހަކު ނުވަތަ ދޭވާނީއަކު ނެތިގެން ހައްދުޖެހުން މެދުކަނޑާލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝަމީމް މިހެން ވިދާޅުވީ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެކަން ސާފުކުރަން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނާޒިމް ސުވާލުކުރެއްވީ، ދޭވާނީއަކު ހޯދަން ކްރިމިނަލް ކޯޓުން އިއުލާންކޮށްފައިވާ ކަމަށާއި، އެއީ ކޯޓުން ކުރަންޖެހޭ ކަމެއްތޯ އެވެ.

ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި ޝަމީމް ވިދާޅުވީ، ތާރީހީގޮތުން ހައްދުޖެހުމުގެ މަސައްކަތް މާލޭގައި ކުރަމުން އަންނަނީ ކްރިމިނަލް ކޯޓުން ކަމަށާއި ދޭވާނީގެ މަގާމަކީ ވެސް ކޯޓުގައި އޮންނަ މަގާމެއް ކަަމަށެވެ. އެކަން ކޯޓުން ކުރަމުން އަންނަނީ ކީއްވެކަން ޕީޖީ އޮފީހަށް ނޭނގޭ ކަމަށާއި ހުކުމް ތަންފީޒުކުރުމުގެ ކަންކަމަކީ އެ އޮފީހާ ބެހޭ ކަމެއް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

" ކްރިމިނަލް ކޯޓުން [ހައްދު ޖަހަން] ހުުކުމް ކުރެއްވިޔަސް، ތި ވިދާޅުވާހެން، ކްރިމިނަލް ކޯޓުގައި އެކަން ކުރާނެ މީހަކު ނެތިގެން ހައްދު ނުޖަހާތާ ވެސް ދުވަސްކޮޅެއް ވެސް ވެއްޖެ،" ނާޒިލް ތަކުރާރުކޮށް ސުވާލުކުރައްވަން ފެއްޓެވުމުން ޝަމީމް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.

އެނގުން މުހިންމު - ދޭވާނީއަކު ހޯދަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 26ގައި ކުރި  އިއުލާންގެ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. 

ދޭވާނީއަކު ނެތިގެން ހައްދުޖެހުން މެދުކެނޑިފައިވާއިރު، ޒިނޭގެ ކުށް ސާބިތުވެގެން ދެ މީހެއްގެ މައްޗަށް މިއަދު ވެސް ވަނީ ހުކުމް ކޮށްފަ އެވެ. އަންހެނަކާއި ފިރިހެނެއްގެ މައްޗަށް އިއްވި އެ ހުކުމުގައި، އެއިން ކޮންމެ މީހެއްގެ ގައިގައި 100 އެތިފަހަރުން ހައްދުޖެހުމާ އެކު، ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް