ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖލިސް)

ކަނޑައަޅަންވީ ކޮންމެ 10،000 މީހަކަށް މެންބަރެއް: ނާޒިމް

ނާޒިމް ވިދާޅުވީ ބައިނަލްއަގްވާމީ މިންގަނޑުން ބަލާ ނަމަ ރާއްޖޭގައި ތިބެން ޖެހެނީ 73 އާއި 80އާ ދެމެދުގެ އަދަދެއްގެ މެންބަރުން ކަމަށް

ރައްޔިތުންގެ މަޖިލީހުގައި، އާބާދީގެ ކޮންމެ 5،000 މީހަކަަށް މެންބަރެއް ހުރުމުގެ ބަދަލުގައި ކޮންމެ 10،000 މީހަކަށް މެންބަރެއް ހުންނަ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފި ނަމަ، މަޖިލީހުގައި ތިބޭ މެންބަރުންގެ އަދަދު އެއް މިންގަނޑެއްގައި ހިފާއްޓާލެވޭނެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ނާއިބު ރައީސް ނާޒިމް މިހެން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށައެޅުއްވި ގަރާރަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލް - ނާޒިމް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން މަޖިލީހަށް މެންބަރުން އިތުރުވަމުންދާ ނިސްބަތުން، 2033 ވަނަ އަހަރު މަޖިލީހަށް 115 މެންބަރުން އިންތިހާބުކުރަންޖެހޭނެ ކަމަށެވެ. އެއީ ދައުލަތަށް މާލީ ބުރައަކަށް ވެގެންދާނެކަން ފާހަގަކުރައްވައި ނާޒިމް އިތުރަށް ވިދާޅުވިގޮތުގައި:

  • މަޖިލީހަށް މެންބަރުން ކަނޑައަޅަން ބައިނަލްއަގްވާމީ ދެ މިންގަނޑެއް އޮވޭ

  • އެއް މިންގަނޑަކީ 'ކިއުބް ރޫޓް ރިލޭޝަންޝިޕް' ފޯމިއުލާ؛ މި ފޯމިއުލާ ބޭނުންކޮށްފި ނަމަ މަޖިލީހުގައި ތިބެންޖެހޭނީ 73 މެންބަރުން

  • ދެވަނަ މިންގަނޑަކީ އެކްޓިވް ޕޮޕިއުލޭޝަނަށް ބަލައިގެން މެންބަރުންގެ އަދަދު ކަނޑައެޅުން؛ އެގޮތަށް ބެލީމާ މަޖިލީހުގައި ތިބެން ޖެހޭނީ 80 މެންބަރުން

"ބައިނަލްއަގްވާމީ މިންގަނޑުން ބަލާ ނަމަ ރާއްޖޭގައި ތިބެން ޖެހެނީ 73 އާއި 80އާ ދެމެދުގެ މެންބަރުން. ގާނޫނުއަސާސީއަށް ގެންނަ އެންމެ އިސްލާހަކުން މިކަންތައް ހައްލުވާން އެބައޮތް. ފަސް ހާސް [މީހުން] މިހާރު އޮންނަ އޮތުން 10،000 [މީހުންނަށް] ބަދަލުކޮށްލައިފި ކަމަށްވާ ނަމަ މަޖިލީހުގެ އަދަދު 71ގައި ހިފެހެއްޓި، ކުރިއަށް އޮތް 25 އަހަރު 70ގައި ހިފެހެއްޓޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ މި ވާހަކައަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ ތާއީދުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ކޮންމެ 10،000 މީހަކަށް މެންބަރެއް ހުުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް ކަމަށް ގަބޫލުކުރަން. އޭރުން ރައީސް އަދި ނައިބު ރައީސް ހިމަނައިގެން 52 މެންބަރުން މަޖިލީހުގައި ތިބޭނެ،" ނާޒިމް ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ އެގޮތަށް ބަދަލުކޮށްފި ނަމަ 31 މިލިއަން ރުފިޔާ ސަލަމާތް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

2 ޖުލައި 2024
މެންބަރުންގެ މުސާރަޔާއި އިނާޔަތްތަކަކީ ބާވައިލެއްވި އެއްޗެއްތޯ؟ މީހުން ދިރިއުޅޭ ކޮންމެ އަވަށަކަށް މެންބަރެއް ކަނޑައަޅައި މެންބަރުގެ މުސާރަ 5000 އަށް ބަދަލު ކުރިޔަސް ޚަރަދު ބޮޑެއްނުވާނެ! މެންބަރުންނަށް ބޮޑު މުސާރައެއް ދޭންޖެހޭ ސަބަބެއް ނުވިސްނޭ! ކިތަންމެ ބޮޑު މުސާރައެއް ދިނަސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖެއަކު ނެތް! މަޖިލީހަކީ ޕޯކަރ ޓޭބަލްއެއް! ވެލިއު ދަށްކުރިޔަސް އެއްވެސް މައްސަލައެއް ނުޖެހޭނެ ކުޅޭނެ މީހުން ތިބޭނެ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް