ހުޅުމާލޭ ކަންނެލި ޖެޓީގައި އަޅާފައި ހުރި ކަންނެލި އޮޑިފަހަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަސްވެރިން

މަސް ގަންނަ އަގު ދަށްކުރިޔަސް ތެލަށް ދޭ ސަބްސިޑީ ބަދަލެއް ނުކޮށްދެވޭނެ: ޝިޔާމް

ސަރުކާރުން ސަބްސިޑީ ދީގެން މިފްކޯއިން ކޮންޓްރޯލް އަގެއްގައި މަސް ގަތުން ހުއްޓާލި އެއް ސަބަބަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވުން. ދަށް އަގެއްގައި މަސް ގަންނަނަމަ ތެލުގެ ސަބްސިޑީ އިތުރުކުރަން މަސްވެރިން އެދޭއިރު، މިނިސްޓަރު ޝިޔާމް ވިދާޅުވާ ގޮތުގައި މިފަދަ ހާލަތެއްގައި އެއީ ކުރެވޭނެ ކަމެއް ނޫން

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށްކުރި ނަމަވެސް، މަސްވެރިން ތެޔޮ ގަންނަން ދޭ ސަބްސިޑީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ. އަށެވެ. ނަމަވެސް، ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބެލުމަށް ފަހު މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައަޅާ ގޮތަށް މިފްކޯއިން ވަނީ އިއްޔެ ނިންމާފަ އެވެ.

މަސް ގަންނަ އަގު ދަށްކުރުމުގައި މަސްވެރިންގެ ކަންބޮޑުވުން އޮތްއިރު، އެފަދަ ބަދަލެއް ގެންނައިރު ތެލަށް ދޭ ސަބްސިޑީ ބޮޑުކޮށްދިނުމަކީ ބައެއް މަސްވެރިން އެދޭ ކަމެކެވެ.

ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއިން ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - މިއަދު ނޫސްވެރިންނާ އެކު ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއިން ބޭއްވި ބައްދަލުވުމެއްގައި އާ ބަދަލާ އެކު ތެލުގެ ސަބްސިޑީއަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝިޔާމް ވިދާޅުވީ "ނޫން، ނެތް" ކަމަށެވެ.

"އެއީ ސަރުކާރުގައި މި އުޅެނީ އާމްދަނީ މަދުވާތީ، ނޫނީ ކުރަން ޖެހޭ ހޭދަތައް އިންތިހާއަށް އެބަހުރި،" ޝިޔާމް ވިދާޅުވި އެވެ.

"ކުރީ ސަރުކާރުތަކުން ނަގާފައި ހުރި މެޗުއާވާ ލޯނުތައް މި ސަރުކާރަށް މިހުރީ ވަރަށް ބޮޑަށް ފޯލްވެފައި. ހުރި އިރުގައި އާމްދަނީ އިތުރުކުރުމަށްޓަކައި ރޭވުންތެރިކަމެއް މީގެ ކުރިން ހަގީގަތުގައި ނެތް. އާމްދަނީ އިތުރުކުރުމަށްޓަކައި މާ ބޮޑު މަސައްކަތަކެއް ނެތް ފެށިފައި."

މި ގޮންޖެހުން ސަރުކާރަށް އޮތްއިރު، މަސް ގަންނަ ގޮތަށް ބަދަލު ގެނައި ނަމަވެސް، ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ފަދަ ކަމެއް ކުރުމަކީ ޝިޔާމް ވިދާޅުވި ގޮތުގައި އުނދަގޫ ކަމެކެވެ.

"އެހެންވީމަ މިވަގުތުން މިވަގުތަށް ތެލުގެ ސަބްސިޑީއަށް އެއްވެސް ކަހަލަ ބަދަލެއް ގެންނަން ވިސްނާފައި ނެތް،" އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ގުޅުންހުރި ކަމެއް - މިފްކޯއިން ދުނިޔޭގެ ބާޒާރުގެ އަގަށާއި އެކްސްޕޯޓު ކުރަން ހިނގާ ހަރަދަށް ބަލައިގެން މަސް ގަންނަން ނިންމި އެއް ސަބަބަކީ ސަރުކާރުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމެވެ.

މި ބަދަލާ އެކު މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދޭން ޖެހޭ އަދަދުން އަހަރަކު ގާތްގަނޑަކަށް 300-360 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އެގޮތުން:

  • އިއްޔެއާ ހަމައަށް ގަންނަމުން އައި 20ރ.ގެ މަގުން މަސް ގަންނަ ނަމަ، މިފްކޯއަށް ސަބްސިޑީގެ ގޮތުގައި އަހަރަކު 560 މިލިއަން ރުފިޔާ ދޭން ޖެހޭ

  • މީގެ ކުރިން 15-16ރ.ގެ މަގުން ގަތްއިރު ސަބްސިޑީއަށް ހޭދަކުރީ 200-250 މިލިއަން ރުފިޔާ

ކޮމެންޓް (1)

ބެބޭ ޖަލީލު

1 ޖުލައި 2024
ދެން ތި ސަލާމަތްކުރި ލާރި ސިޔާސީ މީހުންނަށް ދީ ހުސްކުރެ.ވޯޓްލާ ދުސްވަސް ކައިރިވީމަ މަސްވެރިން ފެންނާނެ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް