މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

ބިލްތަކަށް ބަހުސް ކުރާއިރު ހައްލުކުރާނެ ގޮތުގެ ބަދަލުގައި މެންބަރުން ކުރަނީ 'ބްލޭމް'

އިގްތިސޯދީ މިއަނދަވަޅުން އަރައިގަންނަން މަޖިލީހަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ބަދަލުގައި މެންބަރުން ގެންދެވީ ދެ ސަރުކާރުން ކޮށްފައިވާ ހަރަދުތައް އަޅާކިޔައި ސަރުކާރުތަކަށް "ބްލޭމް" ކުރައްވާފައި

ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކޭ ހާލަތަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބަލައި ރާއްޖޭގެ ރޭޓިން، ފިޗުން މިވަނީ 'ބީ މައިނަސް' އިން 'ސީސީސީ ޕްލަސް'އަށް ދަށްކޮށްފަ އެވެ. އެއީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިން އެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އިރު، ރައީސް މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން، ސިޔާސީ މަގާމުތައް މަދުކޮށް، ކުރިއަށް އޮތް މިނިވަން ދުވަހާއި އެފަދަ އެހެން ހަފްލާތައް ވެސް ނުބާއްވަން ނިންމަވާފަ އެވެ.

ސަރުކާރުން ވަނީ މާލީ ޒިންމާއާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހަޅުއްވާފައިވާ އެ ބިލުގެ އިބްތިދާއީ ބަހުސް އެވެ.

އެއާ އެކު، މެންބަރުން ވަނީ އެ މެންބަރުންގެ ހިޔާލު ފާޅުކުރައްވަން ފައްޓަވާފަ އެވެ. އިގްތިސޯދީ މިއަނދަވަޅުން އަރައިގަންނަން މަޖިލީހަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ ބަދަލުގައި މެންބަރުން ގެންދެވީ ދެ ސަރުކާރުން ކޮށްފައިވާ ހަރަދުތައް އަޅާކިޔައި ސަރުކާރުތަކަށް "ބްލޭމް" ކުރައްވާފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ކުރީ ސަރުކާރުން ކޮށްފައިވާ ހަރަދުތަކާއި ބަޖެޓުން ބޭރުން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި އެހެނިހެން ކަންކަން ކޮށްފައިވާކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ. ތަފާސްހިސާބުތަކެއް ވެސް އެ ބޭފުޅުން ހުށަހެޅުއްވި އެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޕާޓީތަކުން މަޖިލީހުގައި "ތަޅާފޮޅުމުގެ" ބަދަލުގައި ޒިންމާދާރު މަސައްކަތްތަކެއް ކޮށްގެން ގައުމުގެ އިގްތިސޯދު ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އެމްޑީޕީން މިތިބީ މިކަމަށް ފުރިހަމައަށް ތާއީދުކޮށްގެން. އަޅުގަނޑުމެން މިތިބީ އިސްލާހީ އެޖެންޑާއަށް ފުރިހަމައަށް އެއްބާރުލުން ދޭން. އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެން ޕާޓީތައް ތަޅާފޮޅައިގެން އެއް ބަޔަކު އަނެއް ބަޔަކު ބްލޭމްކޮށްގެން މިކަމެއް ހައްލުވާނެހެންނެއް. މިއަށް ވުރެ ޒިންމާދާރު މަސައްކަތެއް އަޅުގަނޑުމެން ކުރަން ޖެހޭ،"  އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޝަމްހީދު ވެސް ވަނީ އެހެން ގިނަ މެންބަރުންނެކޭ އެއްގޮތަށް ސަރުކާރުތަކުން ކޮށްފައިވާ ހަރަދުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައި ފާޑުވިދާޅުވެފަ އެވެ. އެގޮތުން، މިދިޔަ ސަރުކާރުން އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރިކަރަންޓް ހަރަދަށް ކޮށްފައިވާ އަދަދަށް ވުރެ މި ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކައަށް ޝަމްހީދު ރައްދު ދެއްވި އެވެ.

"މިދިޔަ އަހަރުގެ ޖެނުއަރީން ޖޫންއަށް އެމްޑީޕީގެ ސަރުކާރުން 22.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ. މިއަހަރުގެ މިހާ ހިސާބަށް މި ސަރުކާރުން ހަރަދުކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ ކޮން ބައެއްތޯ ހަރަދު ބޮޑީ؟،" ޝުޖާއު ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ކުރީ ސަރުކާރުން އެއްވެސް "ކަމެއް ނުކޮށް" އެ ހަރަދުކޮށްފައިވާ ކަމަށް ޝުޖާއު ކުރެއްވި އެ ތުހުމަތަށް ރައްދު ދެއްވަމުން ޝަމްހީދު ވިދާޅުވީ މި ސަރުކާރުގެ ރިކަރަންޓް ހަރަދު ބޮޑުވާނެ ކަމަށެވެ. މިދިޔަ ޖޫންގެ ނިޔަލަށް ހަރަދުުކުރީ 17.8 ބިލިއަން ކަމަށް ޝުޖާއު ވިދާޅުވީ ނަމަވެސް އެއީ އެންމެ ރަނގަޅު އަދަދު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ހިސާބުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައި އޮތްއިރު އޮންނާނީ ޖޫން މަހުގެ މުސާރަ ނުލާ، ޖޫން 20ގައި ޕަބްލިޝްކޮށްފައި އިންނާނީ. މުސާރަ ލައިފި ނަމަ މި ސަރުކާރުގެ ރިކަރަންޓް ހަރަދުތައް އިތުރުވެގެންދާނީ،" ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދުގެ ވާހަކައިގައި، މި އަހަރާއި ކުރިއަށް އޮތް ދެ އަހަރު ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ދައްކަން އޮތްއިރު، އެ ފައިސާ ނެތިގެން ކުރީ ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް، އެކަމުގެ ސަބަބުން 300 މިލިއަނެއްހާ ޑޮލަރު އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ. މި ސަރުކާރުން، ލޯނު ދައްކަން ބޭރު ގައުމުތަކުން ފައިސާ ލިބޭނެ ކަމަށް އުންމީދުކޮށްގެން ތިބީ ކަމަށާއި އެކަން ނުވާނެކަން ޔަގީންވުމުން ގާނޫނު ބަދަލުކޮށްގެން ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްހީދު އެހެން ވިދާޅުވީ އިރު، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ގާނޫނަށް ބަދަލު ގެނެސްގެން، ކައުންސިލްތަކަށް ލިބިދޭ ބާރުތަކަށް ބަދަލު ގެނެސްގެން ވިޔަސް، ދައުލަތުގެ ހަރަދު ކުޑަކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނާޒިމް ވަނީ. ބްލޮކް ގްރާންޓުގެ ގޮތުގައި މި އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޭއިރު، އެ ފައިސާ ޒިންމާދާރު ކަމެއް ނެތި ބޭނުންކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފޭދޭ ދެކުނު ދާއިރާގެ މެންބަރު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ދެވަނަ މަސައްކަތަކަށް މަޖިލީހުގައި މިއަދު އެޖެންޑާކޮށްފައި އޮތް ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ވެސް މެންބަރުންގެ ވާހަކަ ހުރީ ހަމަ އެގޮތަށެވެ.

"އަޅުގަނޑު މިދަންނަވަނީ ބޮޑު އަދަދަކުން މިދިޔަ ފަސް އަހަރު ހަރަދުކުރިއިރު، މިދިޔަ ފަސް އަހަރު ވެރިކަމުގެ ނިޒާމުގައި އުޅުއްވި ބޭފުޅުން މި ކަނޑުގައި މި ބޭފުޅުން ވެރިކަން ކުރައްވަން ޖެހުން ނަމަ، ކަނޑުގައި މިއުޅޭ މިޔަރާއި ފެހުރިއްސާއި ބޮޑުމަހާއި މިއެއްޗެއްސަށް ވެސް ކަނޑުގައި ނޫޅެވޭނެހެން އަޅުގަނޑަށް ހީވަނީ، މިހުރިހާ އެއްޗެއް ވެސް ކާލާނެ މި މީހުން،" ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

2 ޖުލައި 2024
ޖާހިލުވެރިން ތަންތަނަށް ލީމައި ފެންނާނީ އެކަހަލަ ތާކުންތާކު ނުޖެހޭ ބަހުސްތައް! ސުޖާއުމެން އަޑުގައިނެތްތަނަށް ހަޅޭލަވަނީ! ޖޯޝުން ފުރިގެންވާ ހަމަނުޖެހޭ ވާހަކަ މުޅީންވެސް ދައްކަނީ! މެންބަރުން އަވަގުރާނަގޮވިޔަސް ރިޔާސަތައް އެކަންވާނީ އާންމު ކަމަކަށް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް