ހައްޖުގެ އަޅުކަން ނިންމާފައި ހައްޖު ވެރިން އެނބުރި އައުން. ރާއްޖޭގައި ހައްޖު ރޯގާ ދަނީ ވަރަށް ބާރަށް ފެތުރެމުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އައިޖީއެމްއެޗް

ހައްޖު ރޯގާ ފެތުރެނީ، ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދޭ: އައިޖީއެމްއެޗް

ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށާއި، އެއްވެ ނޫޅުމަށް ވެސް އަންގާފައިވޭ

ހައްޖު ރޯގާ ބާރަށް ފެތުރެމުންދާތީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ހާއްސަ ދެންނެވުމެއްގައި ވާގޮތުން، ހައްޖުު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ބުނީ ކީކޭ؟ - އެހެންކަމުން، ބަލިމީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެގޮތުން އިލްތިމާސްކޮށްފައިވާ ކަންތައްތަކަކީ:

  • ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗްއަށް ޒިޔާރަތް ނުކުރުން އަދި ޒިޔާރަތްކުރާ ނަމަ މާސްކު އެޅުން

  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެކަމަށް ސަމާލުވެ، މާސްކު އެޅުން

  • ހޮސްޕިޓަލް ތެރޭގައި އެއްވެ އުޅުމުން ދުރުހެލިވުން

ފާހަގަކޮށްލެވޭ - ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ހައްޖާޖީންނަށް ހުމާއި ރޯގާގެ ވައްތަރުތައް ޖެހެ އެވެ. މި ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި ހައްޖުގެ އަޅުކަމުން އަންނަ މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވާފަ އެވެ.

އެނގުން މުހިއްމު - ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ވެސް ހައްޖާޖީންގެ ތެރެއިން ވަނީ ފެނިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބަލި ޖެހުނީ، ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު އެނބުރި އައިތަނާ ބަލި ހާލަތު ދަށްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ އަންގާރަ ދުވަހު ހަވީރު ނިޔާވި ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) އަށެވެ. ނަމަވެސް:

  • ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވަނީ އެ ބަލި ރާއްޖޭގައި ފެތުރެމުން ނުދާ ކަމަށް 

  • އެހެންކަމުން، ވެކްސިން ޖަހަން ޖެހޭނީ ހަމައެކަނި މެެނިންގޯކޮކަލް ބަލި އުޅޭ އެހެން ގައުމުތަކަށް ދަތުރުކުރާ މީހުންނާއި، އެކި ސަބަބުތަކާ ހުރެ ބަލި ޖެހުމުގެ ހިރާސް ބޮޑު މީހުންކަމަށް މިނިސްޓްރީން ބުނި

އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތުތަކެއްގައި އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.

ހައްޖުގެ އަޅުކަން ނިންމާފައި އެނބުރި ދިޔަ ބައެއް އެހެން ގައުމުތަކުގެ މީހުންގެ ގައިން ވެސް މި ބަލި ވަނީ ފެނިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް