މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ދަރަންޏާ ބެހޭ ބިލް އަވަސްކުރަން މަޖިލީހުގެ އަވަސް ޖަލްސާއެއް

ދަރަންޏާ ބެހޭ ބިލްގެ އިތުރަށް އީޔޫއާ އެކު ވިޔަފާރިކުރަން ފަސޭހަވާ ސަމޯއާ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ދިނުމަށް ވެސް އެ ޖަލްސާގައި އެޖެންޑާކޮށްފައިވޭ

ސަރުކާރުން ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލުގެ މަސައްކަތް އަވަސް ކުރަން އަންނަ އާދީއްތަ ދުވަހުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފި އެވެ.

ވީ ކިހިނެއް؟ - އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވާ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ބޭރުން އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވަން ނިންމައި މިހާރު ވަނީ އެޖެންޑާ ނެރެފަ އެވެ. 

ތަފްސީލު - އެ ޖަލްސާގެ އެޖެންޑާގައި، ސަރުކާރުގެ ފަރާތުން ހުށަަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ފުރަތަމަ ބަހުސް ފެށުމަށް ވަނީ ހިމަނާފަ އެވެ.

ދަރަންޏާ ބެހޭ ބިލަކީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުގެ ތެރޭގައި ވެސް ހިމެނޭ ބިލެކެވެ. މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މަސައްކަތްތަކަކީ:

  • ތުރުކީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ހަމަޖެއްސުމާއި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަމަޖެއްސުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން

  • 'ސަމޯއާ އެގްރިމަންޓު'ގައި ރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން 

ފާހަގަކޮށްލެވޭ - އިޔޫއާ އެކު ސޮއިކުރާ ސަމޯއާ އެގްރިމަންޓުގެ ސަބަބުން، ރާއްޖެއިން ބޭރު ކުރާ މަހުގެ އުފެއްދުންތަކާއި އެ އިއްތިހާދުގެ ގައުމުތަކާ އެކު ވިޔަފާރީގެ ގުޅުންތައް ބާއްވަން ފަސޭހަވެގެން ދާނެ އެވެ. 

ކޮމެންޓް (1)

މަޖިލީހުގެ ހަރުގެ

29 ޖޫން 2024
ނަމޫނާ ދައްކަން ފުރަތަމަ ކަމަކަށް ކުރަންވީކަމަކީ މުސާރަ ގުރުބާންކުރުމުގެ ކުރިން މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހު ތިޔަގެންދާ ބޭކާރު ކާއެއްޗިހި ގެންދިއުން ހުއްޓުވަންވީ އޭގެ ފަހުން އޮންލައިންކޮށް ޖަލްސާބާއްވަންވީ އަދިހަމަ އެމީހަކު ނިސްބަތްވާ ދާއިރާއަށްދާންވީ މާލޭގަ ގެދޮރުނެތިއްޔާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް