އެމްއެމްއޭ. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ފައިސާ ޗާޕްކުރުން އިތުރުކުރެވޭ ގޮތަށް ފިސްކަލް ޒިންމާގެ ބިލް ހުށަހަޅައިފި

އާ ބިލުގައިވާ އަދަދަކީ މިހާރަށް ވުރެ %1.5 ޕޮއިންޓް އިތުރު އަދަދެއް
26 ޖޫން 2024
2

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނެގޭނޭ ވަރު ނުވަތަ ފައިސާ ޗާޕް ކުރެވޭނެ އަދަދު މިހާރަށް ވުރެ އިތުރުކުރުން ހިމެނޭ ގޮތުން ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިހާރު އަމަލުކުރާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި ފާސްކުރަން ސަރުކާރުން ހުށަހެޅި ފިސްކަލް ޒިންމާގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެވެ.

ތަފްސީލް - އޭނާ ހުށަހެޅުއްވި އެ ބިލުގެ 6 ވަނަ މާއްދާގައި ބުނެފައި ވަނީ މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ފައިސާ ނަގަން ވާނީ ހަމައެކަނި ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމުގެ ބޭނުމަށް އެކަނި ކަމަށެވެ.

އޭގެ އިތުރުން، އެ ބިލްގައި ބުނެފައި ވަނީ: 

  • އެގޮތަށް ނަގާ ފައިސާ މާކެޓް އިންޓަރެސްޓް ރޭޓުގައި ތިން މަސް ތެރޭ އަނބުރާ ދައްކަން ޖެހޭނެ 

  • އެގޮތަށް ފައިސާ ނެގޭނީ މިދިޔަ ތިން އަހަރުދުވަހު ސަރުކާރުގެ އެވްރެޖް އާމްދަނީން ކޮންމެ އަހަރަކަށް ޖެހޭ އަދަދުގެ %2.5އަށް ވުރެ ބޮޑު ނުވާނެ ވަރަށް

މިހާރު އޮންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކޭޝްފްލޯ ހަމަޖައްސަން މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގާ ނަމަ ނެގޭނީ ތިން އަހަރުގެ އެވްރެޖް އާމްދަނީން އެ އަހަރަކަށް ޖެހޭ ވަރުގެ %1އަށް ވުރެ ބޮޑު ނުވާނެ އަދަދެކެވެ. އެހެންކަމުން: 

  • އާ ބިލުގައިވާ އަދަދަކީ %1.5 ޕޮއިންޓް އިތުރު އަދަދެއް 

  • އެ އަދަދު ބޮޑުކުރަން ހުށަހެޅި ނަމަވެސް އަނބުރާ ދައްކަން ޖެހޭ މުއްދަތު މިހާރުގެ ގާނުނުގައި ވެސް އޮތީ ތިން މަސް

ގުޅުންހުރި - ސަރުކާރުގެ ހަރަދުތަކަށް އެމްއެމްއޭއިން ފައިސާ ނެގުމުގައި ހިފަހައްޓާފައިވާ ހިފެހެއްޓުން ކޮވިޑުގެ ތެރޭގައި ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ސަސްޕެންޑުކުރި އެވެ. އަދި އެއަށް ފަހު ބޮޑެތި އަދަދުތަކުން އެ ސަރުކާރުން ގެންދިޔައީ ފައިސާ ޗާޕް ކުރަމުންނެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ އެ ގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފަ އެވެ.

މުހިންމު ކަންކަން - މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ޒިންމާގެ ބިލުގައިވާ ގޮތުގައި، ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސްދުވަހުގެ ތެރޭގައި އެ ސަރުކާރެއްގެ ފަސް އަހަރުގެ ތެރޭގައި އަމަލު ކުރާނެ ގޮތުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި ވަޒީރުންގެ މަޖިލީހުން ފާސްކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ޗާޓަރު ވާން ޖެހޭނީ ސަރުކާރުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރެވޭ ޗާޓަރަކަށް ކަމަށް ބިލުގައިވެ އެވެ.

އެ ޗާޓަރުގައި:

  •  ރިކަރަންޓް ހަރަދު އިތުރުވާ މިންވަރު އާމްދަނީ އިތުރުވާ ނިސްބަތް ދަށުގައި ބަހައްޓަން ލާޒިމް

  • ތަރައްގީގެ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން އެކަމުން މާލިއްޔާއަށް ކުރާ އަސަރުތައް ދެނެގަނެ ފީސިބިލިޓީ ހަދަން ޖެހޭ

  • އެ ޗާޓަރަށް ސަރުކާރު، ވަޒީރުން އަދި މަޖިލީހުން އަމަލުކުރުން މަޖުބޫރު

މީގެ އިތުރުން، އެ ބިލުގައި އެ ޗާޓަރަށް އަމަލުނުކޮށް ސަސްޕެންޑް ކުރެވޭނެ ހާލަތްތައް ބުނެފައިވެ އެވެ. އެއީ: 

  • ގުދުރަތީ ކާރިސާއަކުން ރާއްޖޭގެ އާބާދީގެ %15އަށް ވުރެ ބޮޑު ބަޔަކަށް ގެއްލުންވުން

  • ދުރާލާ އަންދާޒާ ނުކުރެވިވާ އިގްތިސާދީ ޝޮކެއް ކުރިމަތިވުން

ކޮމެންޓް (2)

އެދުރުބެ..

26 ޖޫން 2024
ނުކުރާނަމޭ ބުނި ހުރިހާ ކަމެއް މިސަރުކާރުން ކޮށްނިންމައިފި. ކުރަން އައި އެއްވެސް ކަމެއް ވީތަނެއްވެސް ނޭގެ! ދޮގެއް ހެދެން އޮތްވާ ތެދެއްހަދާ ވެރިއަކު ސަރުކާރުތެރެއިން ފެންނާކަށްވެސް ނެތް. ޝެއިޚުންވެސް ހަމަ އެހާލަތެއްގައި. ކޮންމެވެސް ކަމެއްގެ ޢަލާމަތަކާ ވައްތަރީ!
2 0

ސިކުނޑި

26 ޖޫން 2024
@އެދުރުބެ.. ގިޔާމަތުގެ އަލާމާތެކޭ މީހުން ކިޔައިއުޅޭ! ވެރިކަން ލިބުނީވެސް އަދި ދެމިއޮންނާނީވެސް ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމުގައި!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް