31 މެއި 2024: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވާ ޓެކްސޯތަކާއި ކިއުގަ މީހުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކަސްޓަމްސް

ދަތުރުވެރިން ގެންނަ ތަކެތިން ޑިއުޓީ މައާފުވާ މިންވަރު 10،000ރ. އަށް ބަދަލުކުރަނީ

މި ބަދަލު ތަންފީޒުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން؛ މީގެ ކުރިން ޑިއުޓީ މައާފުވަނީ 6،000ރގެ ތަކެއްޗަށް

ދަތުރުވެރިން ރާއްޖެ އަަންނައިރު ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފްވާ މިންވަރު 10،000ރ.އަށް ބޮޑުވާ ގޮތަށް ބަދަލުގެނެސްފި އެވެ. 

ވީ ކިހިނެއް؟ - މިހާރު ޑިއުޓީ މައާފުކޮށްދެނީ ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގު 6,000ރ.އަށް ވުރެ މަތިނުވާ ނަމަ އެވެ.

ނަމަވެސް ކަސްޓަމްސްއިން ބުނީ 'އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނު'ގެ ދަށުން ރައީސްއަށް ލިބޭ ޑިއުޓީ މައާފުކުރުުމުގެ އިހުތިޔާރުގެ ދަށުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެފަދަ ތަކެތީގެ އެލަވަންސް  10،000ރ. އަށް ބޮޑުވާނެ ކަމަށެވެ.

ތަފްސީލް - 'ދިވެހިރާއްޖޭގެ ކަސްޓަމްސް ގާނޫނު'ގެ ދަށުން އެކުލަވާލާފައިވާ، 'ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މައާފްކުރުމުގެ އުސޫލު' އަށް މި ބަދަލު ގެނެސް އާންމުކޮށްފައިވަނީ މިދިޔަ 15 މޭގަ އެވެ. 

މި އުސޫލުގައި ވާ ގޮތުން:

  • އެފަދަ ތަކެތިން ޑިއުޓީ މައާފުކޮށް ދޫކުރެވޭނީ ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގުން 10،000ރ ގެ ތަކެތި 

  • އެ މުދަލުން ޑިއުޓީ ނަގާނީ ކަސްޓަމްސްއިން ކަނޑައަޅާ އެފްއޯބީ އަގުން 10،000ރ އުނިކުރުމަށް ފަހު ބާކީ އަންނަ އަދަދުން

  • އެފްއޯބީ އަގު 10،000ރ އަށް ވުރެ ބޮޑު ނަމަ އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންވާނެ

  • މުދަލުގެ އެފްއޯބީ 10،000ރ އަށް ވުރެ ކުޑަ ނަމަވެސް އެތަކެތީގެ އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދިކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށް ވުރެ ގިނަ ތަކެތި ކަމަށްވާ ނަމަ ގުޑްސް ޑިކްލަރޭޝަން ހުށަހަޅައި ޑިއުޓީ ދައްކަން ޖެހޭނެ

ނަމަވެސް އުސޫލުގައިވާ ގޮތުން އަމިއްލަ ފަރުދުންގެ ބޭނުމަށް ޑޮކްޓަރެއްގެ ބޭސް ސިޓީއަކާ އެކު ގެންނަ ހަ މަސްދުވަހުގެ ޑޮކްޓަރީ ބޭސް، އެތަކެތީގެ އަގަށް ރިއާޔަތް ކުރުމެއް ނެތި ޑިއުޓީ މައާފުކޮށް ދޫކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް