ދިވެހި ހައްޖުވެރިން މިނާގައި. (ފޮޓޯ/ހައްޖު ކޯޕަރޭޝަން)

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

ހައްޖުވެރިން ރާއްޖެ އަންނާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި އަހަރު ރާއްޖޭން 1،150 މީހުން ހައްޖަށް ދިޔަ އެވެ. އެ ހުރިހާ އެންމެން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

ތަފްސީލް - މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ ފުރަތަަމަ ގުރޫޕް ފުރީ މި މަހުގެ 1ގަ އެވެ.

ހައްޖުވެރިން ރާއްޖެ އަންނަން ނިންމާފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ހަތަރު ދުވަހު އެވެ. ހައްޖުވެރިން އަންނަން ހަމަޖެހިފައިވަނީ:

  • ފުރަތަމް ގްރޫޕް - މިއަދު

  • ދެ ވަނަ ގްރޫޕް - މި މަހުގެ 28

  • ތިން ވަނަ ގްރޫޕް - އަންނަ މަހުގެ 1

  • ހަތަރު ވަނަ ގްރޫޕް - އަންނަ މަހުގެ 4

މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވި އެވެ. އަދި އިތުރު މީހަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދިނެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެފައި ވަނީ، ހައްޖު އޮޕަރޭޝަން ކާމިޔާބުކަމާ އެކު ގެންދެވުނު ކަމަށާއި އެކަން އުފަލާ އެކު ފާހަގަކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިފަހަރުގެ ހައްޖުގައި ދިވެހި ހާޖީންނަށް:

  • ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު

  • ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު

  • ހާޖީންގެ ތެރޭގައި ތިބި ޑައިލެލިސް ހަދާ ފަރާތްތަކާއި ކެންސަރު ފަރުވާ ނަގާ ބައެއް މީހުން އަދި ހިތުގެ ބަލި ހުންނަ އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު

  • އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު 

  • މަގު އޮޅުނު 100 އެއްހާ ހާޖީން ޑިވައިސްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު

  • އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް

  • ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު

  • ވީލްޗެއާގައި އުޅުނު ގިނަ އަދަދެއްގެ ހާޖީންނަށް އެހީތެރިކަން ދެވުނު

  • އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ

މިކަންކަން ރަނގަޅުކަން ފާހަގަކުރެއްވި ނަމަވެސް، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މިނާގެ ފޭލިގެތަކުގައި ތާށިކަމެއް ހުރި ކަމަށްް މިނިސްޓަރު ވެސް އެއްބަސްްވެވަޑައިގެންނެވި އެވެ. އަދި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރިކަމަށެވެ. އަދި މިއަހަރުގެ ހައްޖުގެ ކަންކަން ކާމިޔާބުކަމާ އެކު ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް