ޕީއެސްއެމްގެ ޓެލެތޯނުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފަލަސްތީނުގެ މައްސަލަ އޮތީ 2 ގައުމުގެ ދެމެދަކު ނޫން: ރައީސް

ރައީސް ވިދާޅުވީ މުސްލިމުންނަކީ އެއް އުންމަތަކަށް ވާއިރު، މިއީ ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލައެއް ކަމަށް ބުނެ ލޯ މަރާލައިގެން ތިބެގެން ނުވާނެ ކަމަށް

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ މައްސަލަ އަކީ ދެ ގައުމުގެ މެދުގައި އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި މުސްލިމް އުންމަތަަށް ދިމާވެފައިވާ ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިސްނަންގަވައިގެން ޕީއެސްއެމުން އިންތިޒާމްކޮށްފައިވާ 'ފަލަސްތީނާ އެކު ދިވެހިން' ޓެލެތޯން ފައްޓަވައިދެއްވުމަށް އެ ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މިހެން ވިދާޅުވިއިރު، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައިގައި، ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަކީ ދެ ގައުމުގެ ދެމެދު ހިނގާ މައްސަލައެއް ކަމަށް ވިދާޅުވި މައްސަލައަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒު ވެފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މުސްލިމުންނަކީ އެއް ބަޔަކަށް ދިމާވާ ކަންކަމުގައި އަނެއް ބަޔަކު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ބައެއް ކަމަށާއި ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުރަން ޖެހޭ ކަމެއް ކަަމަށެވެ.

'ހަށިގަނޑުގެ ކުޑަ ތަންކޮޅަކަށް ތަދުވިޔަސް މުޅި ހަށިގަނޑު އެކަމަށް ވޭން އަޅާކަން، މިސާލަކަށް އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވަނީ، އެއީ މުސްލިމް އުންމަތުގެ ސިފަ އަކީ. އެހެންވީމަ މިއަކީ ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލައެއް ކަމަށް ބަލައި އަޅުގަނޑުމެން ލޯ މަރާލައިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ދުވަހަކަށް މިއަދު ހަދައި ޕީއެސްއެމުން ކުރިއަށްގެންދާ ޓެލެތޯން މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް ފޮރުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ޕީއެސްއެމްގެ ޓެލެތޯނުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް މުއިއްޒު ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި މިއަދު އެއްކުރާ ފައިސާއިން ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމަށް މާނަހުރި ބަދަލެއް ގެނެސްދެވޭނެ ކަމަށް އުންމީދުކުރައްވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

'[ފަލަސްތީނުގެ] އާއިލާތައް އުޅެމުންދާ ނިކަމެތި ހާލަތުން އަރައިގަތުމަށްޓަކައި ކޮންމެވެސް ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މިހާރު ވެސް ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި ހަމަ އެގޮތަށް މިއަދުގެ އެ ޓެލެތޯންގައި ވެސް ފުދުންތެރިކަން ހުރި މިންވަރަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

"ދިވެހި ރައްޔިތުންނަކީ ފެށުނީއްސުރެ ވެސް ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބި ބައެއް. އެކި ފުރުސަތުތަކުގައި އެކި ގޮތްގޮތަށް އެހީވަމުން. އަޅުގަނޑުމެންގެ އަޑު އިއްވެން އޮތް ގޮތަކަށް އިއްވަމުން. ނަމަވެސް، އެ މަސައްކަތް އެއަށް ވުރެ މަތީ ފަންތިއަކަށް ގެންދަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ފަލަސްތީނުގެ ހައްގުގައި އަޑުނުއުފުލާ ގައުމުތަކުން ވެސް މިހާރު އަޑުއުފުލަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - ޕީއެސްއެމްގެ މި ޓެލެތޯން މިރޭ 12 ޖަހަންދެން ކުރިއަށްގެންދާނެ އެވެ. އެ ޓެލެތޯނުން ލިބޭ ފައިސާ ދެފުށް ފެންނަ ގޮތަކަށް ފަލަސްތީނަށް ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ. މި ޓެލެތޯނަށް ރައީސްގެ ދެކަނބަލުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް