ތެޔޮ

އެފްއެސްއެމްއިން ހިންމަފުށީގައި ތެޔޮ ސްޓޭޝަނެއް ހުޅުވައިފި

ބިގްފިޝް މޯލްޑިވްސްއާ ގުޅިގެން އެ ކުންފުނީގެ ހިންމަފުށީ ކޮމްޕްލެކްސްގައި ހުޅުވި މި ސްޓޭޝަނުން މަސްވެރިންނަށް ހާއްސަ އަގުގައި ތެޔޮ ލިބޭނެ

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ބިގް ފިޝް މޯލްޑިވްސްއާ އެކު އެ ކުންފުނީގެ ކ. ހިންމަފުށީ ކޮމްޕްލެކްސްގެ ތެރޭގައި ފިއުލް ސްޓޭޝަނެއް ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ކަނޑު އުޅަދުފަހަރުތަކަށް ހިދުމަތް ދިނުމުގެ ގޮތުންް މި ފިއުލް ސްޓޭޝަން ހުޅުވައި އެ ތަނުގައި ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އާދިއްތައިގަ އެވެ.

ތަފްސީލް - މިތަން ހުޅުވުމުގެ ގޮތުން އެ ކޮމްޕްލެކްސްގައި ބޭއްވި ހަފްލާގައި، އެފްއެސްއެމް އަދި ބިގްފިޝްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ހިންމަފުށި ކައުންސިލްގެ މެމްބަރުންނާ އެކު ހަފްލާގެ ޝަރަފުވެރި މެހެމާނާއެއްގެ ގޮތުން، ހުރާ ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކ. ހިންމަފުށީގައި އެފްއެސްއެމް އާއި ބިގްފިޝް މޯލްޑިވްސް ގުޅިގެން ގާއިމްކުރި ފިއުލް ޓާމިނަލް ހުޅުވުން. (ފޮޓޯ/ އެފްއެސްއެމް، ބިގްފިޝް)

ބުނީ ކީކޭ؟ - ހަފްލާގައި ވާހަކަ ދައްކަވަމުން، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް ވިދާޅުވީ، ހުޅުވިގެން ދިޔަ ތެޔޮ ސްޓޭޝަނަކީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މާލެ އާއި އެއް އަގެއްގައި ތެޔޮ ލިބޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ތެރެއިން ކުރި މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • އެ ސްޓޭޝަނުގެ މަސައްްކަތް ފެށުމުން، ހިންމަފުއްޓަށް މަސްކިރަން އަންނަ އޮޑިފަހަރުތަކަށް ފަސޭހައިން ތެޔޮ ލިބިގެން ދާނެ 

  • ކައިރި މުސްތަގުބަލެއްގައި ހިންމަފުށީގައި، އެއްގަމު އުޅަނދުފަހަރުތަކަށް ތެލުގެ ހިދުމަތް ދިނުމަށް އިތުރު ސްޓޭޝަނެއް ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރޭ

  • މިފަދަ ސްޓޭޝަންތަކެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދޭ  

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން މި ހަފްލާގައި މަޖިލިސް މެމްބަރު އަނާރާ ނައީމް ވެސް ވާހަކަ ދެއްކެވި އެވެ. އޭނާގެ ވާހަކައިގައި، މި ސްޓޭޝަނުން އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ ރާއްޖޭގެ މަސްވެރިންނަށް ކަމަށާއި މަސްވެރިންނާ ގުޅިގެން އެ ފަރާތްތަކަށް ފަސޭހައިން ތެލުގެ ހިދުމަތް ފޯރުކޮށްދެވޭނޭ ގޮތްތަކާ މެދު އެ ފަރާތްތަކާ އެކު މަޝްވަރާކޮށް، ކަންކަން ރޭވުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ކ. ހިންމަފުށީގައި އެފްއެސްއެމް އާއި ބިގްފިޝް މޯލްޑިވްސް ގުޅިގެން ގާއިމްކުރި ފިއުލް ޓާމިނަލް ހުޅުވުން. (ފޮޓޯ/ އެފްއެސްއެމް، ބިގްފިޝް)

މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރު ކަމަށާއި އެ ސިނާއަތް ކުރިއެރުވައި ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިންމު ސިނާއަތަށް މަސްވެރިކަން ވުމަށް އެދޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މި ސްޓޭޝަނަކީ އެ ރަށަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި ރަށުގެ ރައްޔިތުންނަށް ހުޅިވިގެންދިޔަ ވަޒިފާގެ ފުރުސަތުތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފާހަގަކޮށްލެވޭ - ހިންމަފުށީގައި ހުޅުވިގެންދިޔަ ތެޔޮ ސްޓޭޝަނުން:

  • 'ފަހި ހަކަތަ' ޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް ސަބްސިޑައިޒް ރޭޓުގައި ތެޔޮ ލިބޭނެ 

  • 'ފަހި ހަކަތަ' ޕްރޮގްރާމުގައި ބައިވެރި ނުވި ނަމަވެސް މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުތަކަށް މާލެއާ އެއް އަގެއްގައި މަސްވެރިންނަށް ހާއްސަ ރޭޓުގައި ތެޔޮ ލިބޭނެ 

  • ޑީސަލް އަޅަން އަންނަ އެހެނިހެން އުޅަނދުފަހަރުތަކަށް ވެސް މިތަނުން މާލޭ ޖެޓީގައި ތެޔޮ ވިއްކާ ރޭޓުން ތެޔޮ ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް