އެމެރިކަން ސެންޓަރުގެ ފާރުގައި ސޮބާހް ކުރެހި ގްރެފިޓީ. (ފޮޓޯ/އަދަދު ނިއުސް)

ފަލަސްތީން

އެމެރިކަން ސެންޓަރު ބޭރުގައި ފަލަސްތީނާ ގުޅޭ ގުރެފިޓީއެއް ޖެހި އާޓިސްޓެއްގެ މައްސަލަ ބަލަނީ

ސޮބާހު ގަބޫލުކުރަނީ، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމަށް އެމެރިކާ އިން ވާގިވެރިވަމުންދާ އިރު، އެކަމާ ދެކޮޅުހަދައި ހިޔާލުފާޅު ކުރެވެން ޖެހޭނެ ކަމަށް

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާންމުތަކަށް އެމެރިކާއިން ވާގިވެރިވާތީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް މާލޭގައި ހުންނަ އެމެރިކަން ސެންޓަރުގެ ބޭރުގައި ގްރެފިޓީއެއް ޖެހި އާޓިސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. 

ވީ ކިހިނެއް؟ - ރާއްޖޭގެ ގްރެފިޓީ އާޓިސްޓް އަހުމަދު ސޮބާހް (ޓޮކްސިކްރޫ)  މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހު ވަނީ މާލޭގައި ހުންނަ އެމެރިކަން ސެންޓަރުގެ ފާރުގައި އެމެރިކާއާ ދެކޮޅަށް ގްރެފިޓީއެއް ޖަހާފަ އެވެ. އެ ގްރެފިޓީގައި ސޮބާހް ލިޔެފައިވަނީ އެއީ "ކުޑަކުދިން މަރާ ޓެރަރިސްޓުން" ކަމަށެވެ.

ތަފްސީލް - ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވިގޮތުގައި:

  • އެމެރިކަން ސެންޓަރު ފާރުގައި 'ޓެރަރިސްޓް' ލިޔެފައިވާ މައްސަލައެއް މެއި 7ގައި ރިޕޯޓުކޮށްފައިވޭ

  • އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ

  • ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުން

ސޮބާހުގެ ގާނޫނީ ވަކީލް ހަމްޒާ ހަލީލް 'ދައުރު'އަށް ވިދާޅުވި ގޮތުގައި ސޮބާހު މިހާރު ވަނީ ތަހުގީގަށް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ: 

  • މުދަލުގެ ވެރިފަރާތުގެ ރުހުމެއްނެތި އަދި އެ މުދަލަށް ފަރުވާ ބެހެއްޓުމެއް ނެތި މުދަލަށް ގެއްލުން ދިނުން

  • ކުށެއް ކުރުމަށް ރޭވުން

  • ކުށެއް ކުރުމަށް ބޭނުންކުރުމުގެ މަގްސަދުގައި އެ ކުށް ކުރުމުގައި ބޭނުންކުރާނެ އާލާތް އަތުގައި ބެހެއްޓުން

"ދައުވާ މި ކުރަނީ، އިމާރާތަށް ގެއްލުންދިން ކަމަށް. އެކަމަކު އޭނާ އިމާރާތުގެ ބިއްލޫރިގަނޑެއް އެއްޗެއް ތަޅައެއް ނުލާ. ސޮބާހް [ގްރެފިޓީ] ޖެހީ ފަސޭހައިން ފުހެވޭނެ އެއްޗަކުން. ދެ ފަރާތުގައި ބިއްލޫރި ދެ ދޮރު ހުރި އިރު، ދޮރަކަށް ވެސް ސްޕްރޭއެއް ނުޖަހާ. އެކަމަށް ވިސްނައިގެން، ފާރަށް އެކަނި ސްޕްރޭ ކުރީ،" ހަމްޒާ ވިދާޅުވި އެވެ.

މިހާރު އެމެރިކަން ސެންޓަރުގެ ފާރުގައި ސޮބާހް ޖެހި ގްރެފިޓީގެ މަތީގައި ކުލަލައި، އެ ގްރެފިޓީ ވަނީ ފޮހެލައިފަ އެވެ.

'ގްރެފިޓީ ޖެހީ ފަލަސްތީނުގެ ހައްގުގައި'

ސޮބާހް 'ދައުރު'އަށް ބުނި ގޮތުގައި، އޭނާގެ ބޭނުމަކަށްވީ، ފަލަސްތީނުގައި ހިނގަމުންދާ ގަތުލުއާންމާ ބެހޭގޮތުން އަޑު އުފުލާ، އެކަމާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުމެވެ. ސޮބާހް 'ދައުރު'އަށް ބުނި ގޮތުގައި:

  • އެމެރިކާ އަކީ ހުރިހާ ގޮތަކުން ވެސް އިޒްރޭލަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ގައުމު

  • ގައްޒާއަށް ހަމަލާ ދިނުން ހުއްޓުވަން އދ. އަށް ހުށަހަޅާ ގަރާރުތައް ފާސްނުވަނީ އެމެރިކާ އިން ވީޓޯގެ ބާރު ބޭނުންކޮށްގެން އެކަން ހުއްޓުވާތީ

  • ފަލަސްތީނާ ގުޅުންހުރި އެތައް ގަރާރެއް މިހާރު އެމެރިކާ އިން ވީޓޯ ކޮށްފި

"އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި އެގޮތަށް އެއް ގައުމަކުން ވީޓޯ ކުރުމަކީ އެއީ ޑިކްޓޭޓާޝިޕް. އެކަމަކު ޑިމޮކްރަސީ މި ކިޔަނީ. ބައިވަރު ގައުމުތަކުން އެއްކޮޅަށް ހިފިޔަސް، އެމެރިކާ އިން ވީޓޯ ކުރާ ހިސާބުން މި ހުއްޓެނީ. މިއީ އެ ގްރެފިޓީ ޖެހި އެއް ސަަބަބު،" ސޮބާހް އޮޅުންފިލުވައިދިނެވެ.

"އަހަރެން ބޭނުންވީ މެސެޖެއް ދޭން. ދުނިޔޭގެ ވަރަށް ބައިވަރު ގައުމުތަކުން ވެސް އެމެރިކާއާ ދެކޮޅަށް ވާހަކަ ދައްކަނީތާ."

ސޮބާހް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، މުޖުތަމައުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކާ ބެހޭގޮތުން އަޑު އުފުލަން ގްރެފިޓީ އާއި އާޓް ބޭނުންކޮށްފައިވާ ފަންނުވެރިއެކެވެ. އެ މަސައްކަތުގެ ތެރެއިން ގައުމުގެ އެތައް ވެރިންނަކަށް ވެސް އޭނާ ފާޑުކިޔާފައިވެ އެވެ.

ނަމަވެސް، ގްރެފިޓީއެއްގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލި މިއީ ފުރަތަމަ ފަހަރެވެ.

ވަކީލު ހަމްޒާ ހަލީލް 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ސޮބާހުގެ މައްސަލަ ބަލަމުންދަނީ، ވަރަށް 'ސީރިއަސް' މައްސަލައެއްގެ ގޮތުގައި، ޖިނާއީ ބޮޑެތި މައްސަލަތައް ބަލާ މަތީ ފެންވަރުގެ ދެ އިންވެސްޓިގޭޓިވް އޮފިސަރުންނެވެ.

ސޮބާހް ގަބޫލުކުރާ ގޮތުގައި، އެމެރިކާ އިން ނަސްލެއް ނައްތާލުމުގެ ބޮޑު ގަތުލުއާންމަކަށް ވާގިވެރިވެ ބިލިއަނުން ފައިސާ ހަރަދު ކުރަމުންދާ އިރު، އެކަމަށް ފާޑުކިޔައި ފާރެއްގައި ކުރެހުމެއް އަޅާލުމަކީ އަސްލު ވަރަށް ކުޑަ ކަމެކެވެ. އެކަން ކުރީ އެއްވެސް ވަރަކަށް އިމާރާތަށް ގެއްލުން ދިނުމުގެ ނިޔަތަކު ނޫން ކަމަށް ވެސް ސޮބާހް ބުންޏެވެ.

އެކަމުގެ ސަބަބުން ދަތިކަމެއް ކުރިމަތިވި އެންމެންގެ ފަރާތުން އޭނާ މައާފަށް ވެސް އެދުނެވެ. އެ މައްސަލައާ ގުޅިގެން ސޮބާހު ނެރުނު ބަޔާނުގައި ވެސް އޭނާ އެކަން ފާހަގަކޮށްފައިވެ އެވެ.

"އަހަރެން ބޭނުމެއް ނޫން ކޮންމެހެން މަޝްހޫރުވާކަށް. މި މައްސަލައިގައި ވެސް މި ވާހަކަ ދައްކަނީ މި ހިސާބަށް މިކަން ދިޔައިމަ. މިކަމާ މެދު ހޭލުންތެރި ކުރަން ޖެހޭތީ،" ސޮބާހް ބުންޏެވެ.

މާލޭގައި ހުންނަ އެމެރިކަން ސެންޓަރުގެ އިމާރާތް. ސޮބާހް ގްރެފިޓީ ކުރެހި ފާރުގައި މިހާރު ވަނީ ކުލަލާފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދް)

އެކަމާ ގުޅިގެން އެމެރިކަން ސެންޓަރުގެ ބަހެއް ހޯދަން އެދުމުން، އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާތީ ސެންޓަރުގެ ފަރާތުން ކޮމެންޓެއް ދޭން ވަނީ އުޒުރުވެރިވެފަ އެވެ.

ސޮބާހް ބުނީ އޭނާ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި ގްރެފިޓީ ކުރެހި ކަމަށް އިއުތިރާފުވެ، ފުލުހުންގެ ސުވާލުތަކަށް ތެދުވެރިކަމާ އެކު ޖަވާބު ދީފައިވާނެ ކަމަށް ވެސް ބުންްޏެވެ. 

ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާ ގައުމަކަށް ވެފައި، ރާއްޖެއިން އިޒްރޭލާ އެހާ ދެކޮޅު އިރު، އޭނާ ގްރެފިޓީއެއް ކުރެހުމުން މައްސަލަ މިހާ ބޮޑުވެ، ދައުވާ ކުރާ ހިސާބަށް ކަންތައް ދާތީ ސޮބާހް ސުވާލު އުފައްދަ އެވެ. އޭނާ ބުނީ މިކަހަކަ ކަންކަމުގައި އާޓް ބޭނުންކޮށްގެން ހިޔާލުފާޅުކުރުމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ.

ކޮމެންޓް (3)

ހަސަން23432

6 ޖޫން 2024
މީހުންގެ ތަންތަނުގައި އެބަޔެއްގެ ހުއްދަ ނެތި ކުރެހުމަކީ ގާނޫނީ ކުށެއް އެއީ ހިޔާލު ފާޅުކުރުމެއް ނޫން .. އެއީ ޖިނާއީ ދައުވާ ކުރެވޭނެ ކުށެއް .. ސޮބާހު ހިޔާލު ފާޅުކުރަން ބޭނުންވަންޔާ އަމިއްލަ ބޯޑު ހިފައިގެން ތިތާ ބޭރުގައި މުޒާހަރާ ކުރަންވީ ދައުވާ އެއް ނުކުރާނެ އޭރުން .. މިއީ ނުބައިކަންތަކަށް ހިވަރު ދިނުން ..
3 1

ހުވާތާ؟

7 ޖޫން 2024
@ހަސަން23432 މިހާރު އެގިއްޖޭ. މަނާކަންތައް ނުކުރަން ގޮވާލަން އެމެރިކާއަށް!
1 1

ދާދީ

7 ޖޫން 2024
@ހުވާތާ؟ ކިތަންމެ ރުޅިއަޔަސް މީހުންގެ މުދަލަށް ގެއްލުމެއް ނުދެވޭނެ. ފަލަސްތީނޭ ކިޔައިގެން އިޒުރޭލު ސިފައިން އުޅޭ ވައްތަރަށް އުޅެގެން ކޮން މޮޔައެއް ވާކަށްތަ؟ ހޭލުންތެރިކަން އިތުރުކުރަން ބޭނުމިއްޔާ އަމިއްލަ ގޭގެ ފާރުގައި ކުރަހައިގެން އޮތީމައި ރަނގަޅުވާނެ. މިކަހަލަ އަމަލުތަކުން ދެވެނީ ނުބައި މެސެޖެއް. ގެއްލޭނީ ފަލަސްތީނަށް އޮތް ލޯތްބާއި ތާއިދު.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް