މި އަހަރުގެ ދިރާސީ އަހަރު ފެށުމާ ގުޅިގެން ސްކޫލަކުން ދަރިވަރުންނަށް މަރުހަބާ ކިޔަނީ: ސްކޫލުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް މެސެޖު ފޮނުވުން ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސްނުކުރަން މިނިސްޓްރީން ވަނީ އަންގާފައި. (ދަރުއު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބެލެނިވެރިންނާ މުއާމަލާތުކުރަން ވަކިވަކި ކްލާސްތަކަށް ވައިބާ ގްރޫޕް ނަހަދަން މިނިސްޓްރީން އަންގައިފި

ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރަން ވައިބާ ގްރޫޕްތައް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރަންވީ ވަކި ގޮތްތަކެއް އަންގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސާކިއުލާއެއް ނެރެފައި

ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރަން ހަދާފައިވާ ވައިބާ ގްރޫޕްތައް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމަށް ވަކި ގޮތްތަކެއް ކަނޑައަޅައި، ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ވީ ކިހިނެއް؟ - އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ސްކޫލްތަކުން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ސްކޫލުގެ ފަރާތުން ބެލެނިވެރިންނާ މުއާމަލާތުކުރަން ސޯޝަލް މީޑިއާ ބޭނުންކުރަންވީ ގޮތްތަކެއް އަންގައިފަ އެވެ.

ތަފްސީލް - އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ސޮއިކުރައްވައި، ހުރިހާ ސްކޫލްތަކަށް މިއަދު ފޮނުވާފައިވާ އެ ސާކިއުލާގައި އަންގާފައި ވަނީ:

  • ސްކޫލުތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ވައިބާ ގްރޫޕްތައް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތު ކުރާ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަން؛ މި ގްރޫޕްތައް ސްކޫލުގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ބޭނުންކުރެވިދާނެ

  • ރަސްމީ މުއާމަލާތުތައް ކުރުމަށް އިތުރު ގްރޫޕެއް ހަދާ ނަމަ، އެފަދަ ގްރޫޕްތައް ވަކިވަކި ކީ ސްޓޭޖްތަކަކަށް ނުވަތަ ގްރޭޑްތަކަކަށް ހާއްސަ ކުރަން

  • މުދައްރިސުންނާއި ބެލެނިވެރިން މުއާމަލާތުކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރަން

  • ސްކޫލުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ކޮމިއުނިޓީ ގްރޫޕް މެދުވެރިކޮށް މެސެޖު ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑި އަކަށް ނުހަދަން

  • ދަރިވަރުންނާ ހަވާލުކުރާ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް މިފަދަ ގްރޫޕްތައް ބޭނުންކުރުމުގެ ބަދަލުގައި ދަރިވަރުންނަށް އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރަން

ފަސްމަންޒަރު - ސޯޝަލް މީޑިއާގައި މުދައްރިސުން ބެލެނިވެރިންނާ މުއާމަލާތުކުރަން ހަދާފައިވާ ގްރޫޕްތަކާ ގުޅޭ ސާކިއުލާ ނެރެފައި މިވަނީ، މިހާރު އެފަދަ ގްރޫޕްތައް ހިންގަމުންދާ ގޮތުގެެ ސަބަބުން އެކިއެކި އުނދަގޫތައް ވާކަމުގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ބޮޑުވެފައި ވަނިކޮށެވެ.

ކޮމެންޓް (5)

މެކޭ

5 ޖޫން 2024
ވަރަށް ރަނގަޅު ނިންމުމެއް. ތިޔަކަން ތަޖުރިބާ ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ ތިއީ ވަރަށް ރަނގަޅު ނިންމުމެކޭ. ކްލާސްތަކުގެ ބެލެނިވެރިން ކިތަންމެ ވަރަކަށް ގްރޫޕް ހެދިއަސް މައްސަލައެއް ނެތް. އެކަމަކު ރަސްމީ މުއާމަލާތްތައް ކުރުމަށް ދެންނެވޭނީ ތިއީ ވަރަށް ރަނގަޅު ފިޔަވަޅެކޭ.
2 0

އަލިބެ

5 ޖޫން 2024
ރަގަޅު ނިންމުމެއް.ހަމައެހާމެ އުނދަގޫވެސް ވާނެ ނިންމުމެއް.އާދަވެފަހުރި ކަމެއް ބަދަލުކުރަންޖެހޭތީ. މިހާރުގެ އާދައަކީ ހެނދުނު ސްކޫލަށް ދާންޖެހޭ ކުއްޖަކު މާދަމާ ސްކޫލަށް ގަނެގެން ގެންދަން ޖެހޭ އެއްޗެހީގެ ލިސްޓު ވައިބާ ގްރޫޕަށް ޓީޗަރު ލައިފާނެ މިރޭގެ 11 ޖަހާކަށްހާއިރުވެސް. ހެނދުނު ބުކްޝޮޕްތައް ނުހުޅުވާނެތާ
1 0

ސިކުނޑި

5 ޖޫން 2024
ދަރިވަރުން ޒިންމާދާރު ކުރުވުމަކީ ރަނގަޅުކަމެއް! އެކަމަކު ސޯޝަލް މީޑިއާ ބޭނުން ކުރާގޮތުގެ ސާރކިއުލަރ ޕްލެޓް ފޯމަށް ޓާގެޓްކޮށް ނެރުނީމާ ތިއަކުން ބޭނުންވާ މަގުސަދެއް ހާސިލެއް ނުވާނެ! އުސޫލެއް ކަނޑައަޅަންވީ ބެލެނިވެރިންނާއި ޓީޗަރުން މުޢާމަލާތު ކުރުމަށް! ކުރިން އޮންނާނެ ކުޑަ ފޮތެއް! އެފޮތުގައި ލިޔެ ސޮއެ ކުރުމުގައި މިންގަނޑުތަކެއް އޮވޭ! މިހާރު އެކަން ވެސް ހަނދާން ނެތުނީ!
1 0

ޙަނދެ

4 ޖޫން 2024
ތިއުޅެނީ އެއްބެލެނިވެރިޔަކަށް ދިމާވާމައްސަލަ ގުރޫޕުގަ ލިޔުނީމާ އެހެންމީހުނަށް އިނގޭވަރު ލިމިޓް ކުރަން
14 0

ސަނައްޓޭ

5 ޖޫން 2024
@ޙަނދެ ބެލެނިވެރިޔާއާ ދިމާވާ މައްސަލަ ހިއްސާކުރާނީ ސްކޫލާ. އެހެން ބެލެނިވެރިންނާ ހިއްސާކޮށްގެން ކަންމަތީ އާންޓީ ހެދުން ހުއްޓެންޖެހޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް