މި އަހަރުގެ ތެރޭގައި ސޮނެވާގެ ރިސޯޓުތަކުގައި ބޭނުންކުރާ ހަކަތައިގެ %50 އަވިން އުފައްދަން އެ ބްރޭންޑުން ވަނީ އަމާޒު ހިފާފައި. (ފޮޓޯ/ ސޮނެވާ)
ސޮނެވާގެ މިއަހަރުގެ ޓާގެޓު: ހަކަތައިގެ %50 އަވިން އުފެއްދުން
މި އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގަމުންދާ ސޮނެވާގެ ދެ ރިސޯޓު ކަމަށްވާ ސޮނެވާ ފުށި އަދި ސޮނެވާ ޖާނީގައި ބޭނުންކުރާ ހަކަތައިގެ %50 އަވިން އުފައްދަން އެ ބްރޭންޑުގެ ފަރާތުން އަމާޒު ހިފައިފި އެވެެ.
ވީ ކިހިނެއް؟ - ތިމާވެއްޓާ ރަހުމަތްތެރި ކަންކަން ތައާރަފުކޮށް، ސަސްޓެއިނެބިލިޓީގެ ރޮނގުން މަޝްހޫރުކަން ހޯދާފައިވާ ސޮނެވާ އިން ރާއްޖޭގައި ހިންގާ ދެ ރިސޯޓުގައި ވެސް ދަނީ އަވިން ހަކަތަ އުފައްދަމުންނެވެ. އެގޮތުން މީގެ ކުރިން ސޮނެވާ ފުށީގައި ހުރި އަވިން ހަކަތަ އުފައްދާ ނިޒާމު (ޕީވީ ސިސްޓަމް) އިން އެ ރިސޯޓަށް ބޭނުންވާ ހަކަތައިގެ %12 އުފައްދަމުން ދިޔަ ކަމަށް ސޮނެވާ އިން ބުނެ އެވެ.
-
2022ގައި އޭރިއަލް ބޭންކުގެ ފަރާތުން ސޮނެވާއަށް ބޮޑު އިންވެސްޓްމެންޓެއް ލިބުނު؛ އެއާއެކު އަވިން ހަކަތަ އުފެއްދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ލިބުނު
-
އެ ވަސީލަތްތަކާ އެކު އިތުރު ޕީވީ އިންސްޓޮލޭޝަން ހަރުކޮށް، މިއަހަރު ރާއްޖޭގައި ހުރި ސޮނެވާގެ ދެ ރިސޯޓަށް ބޭނުންވާ ހަކަތައިގެ %50އާ ކައިރިކުރާ މިންވަރު އަވިން އުފެއްދޭނެ ކަމަށް ސޮނެވާ އިން ގަބޫލުކުރޭ
ބުނީ ކީކޭ؟ - "އަޅުގަނޑުމެން އަވިން ހަކަތަ އުފެއްދުމަށް ކުރި އިންވެސްޓްމެންޓުން ދައްކުވައިދެނީ ބޮޓަމް-ލައިން އަށް ކޮންޓްރިބިއުޓް ކުރުމާ އެކު ސަސްޓެއިނެބިލިޓީ އަށް އަޅުގަނޑުމެން އިސްކަންދޭ މިންވަރު،" ސޮނެވާގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ޑެޕިއުޓީ ސީއީއޯ ބްރޫސް ބްރޮމްލީ ވިިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
ފުޅާ ދާއިރާއެއްގައި އަވިން ހަކަތަ އުފައްދަން މަސައްކަތް ކުރުމުން ސޮނެވާގެ ކާބަން-ފުޓްޕްރިންޓް ވަރަށް ބޮޑަށް ވަނީ ދަށްވެފައި
-
ސޮނެވާއިން ނެރެމުންދާ ނަތީޖާ އިން ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ތެރޭގައި ތިމާވެއްޓާ ރަހުމަތްތެރި ކަންކަން ކުރުމަށް ހުރި ޕޮސިބިލިޓީތައް ދައްކުވައިދޭ
ސޮނެވާއިން އަމާޒު ހިފައިފައިވަނީ ކުރިއަށް އޮތްތަނުގައި އެއްވެސް ވަރަކަށް ތެޔޮ އެންދުމަކާ ނުލާ ރިސޯޓުތައް ހިންގާށެވެ. އެ އަމާޒަށް ވާސިލުވުމުގެ ދަތުރުގައި އޭރިއަލް ބޭންކުން ދިން އެހީތެރިކަމަށް ސޮނެވާ އިން ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.