ސިޑްސްގެ މަހާސިންތާއަށް ފަހު ރައީސް މުއިއްޒު މިއަދު މާލެ ވަޑައިގަތް ބޯޓުން ފައިބައިވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް ސިޑްސްގެ މަހާސިންތާއަށް ފަހު ރާއްޖެ ވަޑައިގެންފި

ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ މަޝްރޫއުތަކަށް ފަސޭހަ އަދި ލުއި ގޮތެއްގައި ފައިސާ ލިބޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަކާލާތުކުރައްވާފައި
31 މޭ 2024

ރައީސް މުހައްމަދު މުއިއްޒު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)ގެ ހަތަރުވަނަ ބައިނަލްއަގުވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މާލެވަޑައިގެންފި އެވެ.

ތަފްސީލް - ރައީސް މުއިއްޒު މާލެ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ނައިބު ރައީސް މުހައްމަދު ހުސެއިން ލަތީފާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުން އަދި ވަޒީރުންނެވެ. އަދި ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފުން ވެސް އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވި އެވެ.

ސިޑްސްއަށް ފަހު ރައީސް ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރައީސްއަށް މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ ދަތުރުކުރުކޮށް

ސިޑްސްގެ މަހާސިންތާގެ ރިޔާސަތު ރައީސް މުއިއްޒު ވަނީ ބަލައިހައްޓަވައިފަ އެވެ އެ މަހާސިންތާގައި އެ މަނިކުފާނު އެންމެ ބޮޑަށް ބާރުއެޅުއްވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވައުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށެވެ. 

މީގެ އިތުރުން އެމަނިކުފާނު ވަނީ:

  • ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ގޮވާލައްވާފައި 

  • މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ހަވާސާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ހައުމުތަކާއި ބައިނަލްއަގުވާމީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ ބައްދަލުވުންތައް ބޭއްވެވި

  • ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ހައްލުތަކަށް ވެސް ރައީސް ވާހަކަ ދެއްކެވި 

ސިޑްސްގެ ބައްދަލުވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)
ސިޑްސްގެ ބައްދަލުވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ - ރައީސް މުއިއްޒު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ތިމާވެއްޓަށް ވިލުންވެރި ކުރަން ހިންގޭ މަޝްރޫއުތަކާއި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރަން ޖެހޭ ހަރަދުތަކަށް ފަސޭހަ ލުއި ގޮތްތަކެއްގައި ފައިސާ ލިބޭނޭ މަގުތައް މިހާރަށް ވުރެ ބޮޑަށް ފަހި ކުރުމަށް ބާރުއަޅުއްވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް